އެމްޑީޕީން ބޭއްވި ގައުމީ މަލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި ވަގުތީ ޗެއާޕާސަން މެންބަރު ގަފޫރު: އޭނާ އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށާފައި (ފޮޓޯ/އެމްޑީޕީ)
ގަފޫރު ވަކިކުރަން މިއަދު ހުށަހަޅަނީ؛ ގައުމީ މަޖިލިސް ބާއްވަން 50 މީހުން ސޮއިކޮށްފި
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްގަފޫރު މުސާ (ގަޕޯ) ވަކިކުރުމަށް މިއަދު ހުށަހަޅާނެ ކަމަށް އެ ކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެފި އެވެ. އަދި އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ގައުމީ މަޖިލިސް ބާއްވަން އެދި ރެއިން ފެށިގެން ވަނީ ސޮއި ހަމަ ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ވީ ކިހިނެއް؟ - ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ގަފޫރު މަގާމުން ވަކިކުުރުމުގެ މަސައްކަތް އެމްޑީޕީ ތެރެއިން ބަޔަކު ފެށީ އޭނާ ސޮއިކުުރައްވައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް (މާއްޓެ) މަގާމުން ވަކިކުރަން އިއްޔެ ސިޓީ ފޮނުއްވާފައި ވަނިކޮށެެވެ. އެގޮތުން:
-
އިބްރާހިމް ވަހީދާއި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ މަގާމުން ވަކިކުރަން ގަފޫރު ސިޓީ ފޮނުއްވީ އަސާސީ ގަވައިދާ ހިލާފަށް؛ އެހެންވެ، އެ ސިޓީ އަނބުރާ ގެންދިޔުމަށް ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލާފައިވޭ
-
ގަފޫރުގެ އެ ނިންމުން އައީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އެޖެންޑާ ފައިނަލް ކުރި ގޮތުން އެ ޕާޓީގެ ފެކްޝަންތަކުގެ މެދުގައި ކޯޅުން ބޮޑުވެފައި ވަނިކޮށް
-
މި ކޯޅުންގަނޑުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައި
-
އެއާ އެކު، ގަފޫރުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވި؛ އަދި ގަފޫރުގެ ދިފާއުގައި ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ޝޯޝަލް މީޑީއާގައި މިހާރު ވަނީ ޕޯސްޓު ކުރަން ފަށާފައި
އިތުރަށް ކިޔާލަން
ތަފްސީލު - މިކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެދި މިހާރު 50އަށް ވުރެ ގިނަ މެންބަރުންގެ ސޮއި ވަނީ ހަމަކޮށްފަ އެވެ.
"ގަފޫރު ވަކިކުރުމުގެ ގަރާރު މިއަދު ހުށަހަޅާނަން. ގައުމީ މަޖިލިސް ބާއްވަން އެދި ހުށަހަޅާ ހުށަހެޅުން ލަސް މި ވަނީ، އަދިވެސް ބައެއް މީހުން ރަށުން ބޭރުގައި ތިބުމުން ސޮއި ކުރަން ބޭނުންވާތީ،" މިކަމުގައި އިސްކޮށް އުޅޭ އެކަކު ބުންޏެވެ.
ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދި ހުށަހަޅަން ޖެހެނީ މަދުވެގެން 10 މެންބަރުންގެ ސޮޔެވެ.
ފާހަގަކޮށްލެވޭ - އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން ގަފޫރު ވަގުތީ ޗެއާޕާސަނަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ގަފޫރު އެ މަގާމަށް އައްޔަން ކުރަން ގައުމީ މަޖިލީހުގެ 65 މެންބަރުން އޭރު ތާއީދު ކުރި އެވެ.