ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުގައި ލިބުނު ކާމިޔާބީ ފާހަގަކުރަަން އެމްޑީޕީން ރޭ ބޭއްވި ޖަލްސާ(ދައުރު ފޮޓޯ/ އަބްުދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ގަފޫރު އެދިވަޑައިގަތީ އެމްޑީޕީ ބަދަހިކުރަން އެންމެން އެއްބާރުލުން ދިނުމަށް

އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާޅުކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަން ފުރުސަތު ނުދިނުމުން ކުރީގެ ރައީސް ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ބައިވެރިވެވަޑައެއްނުގަންނަވާ؛ އެކަމަކު ނަޝީދަށް ހުސްގޮނޑިއެއް އެ ޖަލްސާގައި ބަހައްޓާފައިވޭ

އެމްޑީޕީގެ ބަދަހިކަން ދެމެހެއްޓުމަށް ޕާޓީގެ އެންމެހާ މެމްބަރުން އެއްބާރުލުން ދިނުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ރޭ އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

މި ދެ ބޭފުޅުން އެ ޖަލްސާގައި ބައިވެރިވަޑައިނުގަތީ، އެ ޖަލްސާގައި ވާހަކަދައްކަވަން ފުރުސަތު ދޭ ގޮތަށް އޮތުމަށް ފަހު، ފަހު ވަގުތު އެ ފުރުސަތު ނުދިނުމުންނެވެ. އެގޮތަށް ނިންމީ ބައެއް އެހެން ބޭފުޅުން މައްސަލަ ޖައްސައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

ބުނީ ކީކޭ؟ - ޖަލްސާއަށް ފަހު، ރޭ ދަންވަރު ގަފޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަލްސާގެ އެޖެންޑާގައި ލީޑާޝިޕުގެ ފަރާތުން ވާހަކަދައްކަން ހަމަޖެހިފައި އޮތީ އޭނާގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށެވެ.

އިތުރަށް ދެން ވާހަކަދައްކާ ގޮތަށް އޮތީ، ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕޭން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއާ ކަމަށް ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ އެ ޖަލްސާގައި ވާހަކަދައްކަވަން ނަޝީދާއި ފައްޔާޒު ވެސް އެދިވަޑައިގެންނެވި ކަމަށާއި ޕާޓީ ތެރޭ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަތަކެއް ފެތުރިގެންދިޔައީ އެ އިންތިޒާމު ހަމަޖައްސަން މަަސައްކަތްކުރަނިކޮށް ކަމަށެވެ.

"... މަސްލަހަތު ގެއްލޭ ގޮތަށް ތި ފެތުރުއްވި ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތާމަ ކުރަން. އުންމީދު ކުރަނީ މި ކާމިޔާބީއާ އެކު، ބަދަހިކޮށް މި ޕާޓީ ބޭއްވުމަށް ތިޔަ އެންމެހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް،" ގަފޫރުގެ ޕޯސްޓުގައިވެ އެވެ.

މި ކަންތައްގަނޑުގެ ތެރޭގައި ރޭ ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ޕާޓީއަށް ލިބުނު ކާމިޔާބީއަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި އެ މަސައްކަތުގައި ޕާޓީގެ މެންބަރުން ދެއްކެވީ އާދަޔާ ހިލާފު ގަދަ ހިތްވަރެއް ކަމަށެވެ.

ރައީސް މުއިއްޒަށް ބޮޑުތަނުން ނޫނެކޭ ބުނެ މިފަހަރުގެ ވޯޓުގައި ރައްޔިތުން އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެމްޑީޕީއާ ދޭތެރޭ އަދިވެސް އުންމީދެއް އޮތުމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން ތިބީ ނުރުހިފައި. މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް. ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ އެމްޑީޕީއާ. މިފަހަރު ރައްޔިތުން ދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް،" ފައްޔާޒުގެ ޕޯސްޓުގައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރޭގެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައި ނުގެންނެވިޔަސް، އެ މަނިކުފާނަށް ހާއްސަކޮށް ހުސް ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. އެންމެ ފުރަތަމަ ސަފުގައި ޝާހިދާއި ސޯލިހުގެ ދެމެދުގައި ބަހައްޓާފައި ހުރި އެ ގޮނޑީގައި ނަޝީދުގެ ނަން ވެސް ޖަހާފައިވެ އެވެ.

ރޭގެ ޖަލްސާގައި ނަޝީދު ނެތިގެން ބައެއް މީހުން ރޭގެ ޖަލްސާގައި ހިތްހަމަނުޖެހުން ފާޅުކޮށް، ނަޝީދު ކޮބައިތޯ ބުނެ އަޑުއުފުލާފައި ވެސްވެ އެވެ. 

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުގައި ލިބުނު ކާމިޔާބީ ފާހަގަކުރަަން އެމްޑީޕީން ރޭ ބޭއްވި ޖަލްސާ. (ދައުރު ފޮޓޯ/ އަބްުދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ސޯލިހުގެ ވެރިކަމުގައި އެމްޑީޕީ ތެރޭ އުފެދުނު ހަމަނުޖުހުންތައް ބޮޑުވެ، އެކަމަށް ހައްލެއް ނުލިބި، ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ މިފަހަރުގެ ކައުންސިލް އިންތިހާބާ ދިމާކޮށެވެ. ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް ކުރި ކެމްޕޭންތަކާއި ކައުންސިލް އިންތިހާބުގެ ކެމްޕޭންތަކުގައި ވެސް ނަޝީދު ހަރަކާތްތެރިވެފައިވެ އެވެ.

ޕާޓީ ތެރޭ އޮތް ހިތްހަމަނުޖެހުންތަކާ ހެދި، އެ ޕާޓީގެ ޗެއާކަމުން ވަކިވެވަޑައިގަތް ފައްޔާޒު މިހާރު މަސައްކަތްކުރައްވަނީ ނަޝީދާ އެއް ފެކްޝަނެއްގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ، ނަޝީދު ވެސް ހިމެނިވަޑައިގަންނަވާހެން ކުރި މަސައްކަތުން ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ފާހަގަކުރެ އެވެ.

ކޮމެންޓް (2)

އަޑަފިކޮޅު

7 އޭޕްރީލު 2026
ހުރިހާ ނުބައެއްހަދާފަ ރެކޭނެކަމެއްނެތް. ނުވަންޏާ އެއްކައިރިއަށް ޖެހޭ
0 0

ސިކުނޑި

7 އޭޕްރީލު 2026
އާންމު މެންބަރުން އެދެނީ ޣަފޫރު އިސްތިއުފާދީ ދުރުގައި މަޑުކޮށްލަން!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް