އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް އަދި ޗެއާޕާސަން ގަފޫރު

އެމްޑީޕީ

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް މަގާމުން ވަކިކޮށްފި

މައުރޫފް ވަކިކުރަން ނިންމާފައި މި ވަނީ، ޕާޓީގެ ޗެއާޕާސަން ގަަފޫރުގެ އިސްތިއުފާއަށް ގޮވަމުންދާ ދަނޑިވަޅެއްގައި؛ އަދި ގަފޫރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ވައްދަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައި

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އެޖެންޑާ ފައިނަލް ކުރި ގޮތާ ގުޅޭ ގޮތުން ފެކްޝަންތަކުގެ މެދުގައި ކޯޅުން ބޮޑުވެފައިވަނިކޮށް، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ތަފްސީލް - މަރުފޫފް މަގާމުން ވަކިކުރިކަން އަންގައި، ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވަނީ އޭނާއަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ވަކިކުރި ސަބަބެއް ސިޓީގައި ބުނެފައެއްނުވެ އެވެ.

"މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި މަސައްކަތްޕުޅަށް ޕާޓީގެ ނަމުގައި ޝުކުރު ދަންނަވަމެވެ،" އެ ސިޓީގައި ލިޔެފައިވެ އެވެ.

އިތުރު ތަފްސީލު ހޯދުމަށް ގަފޫރަށް ގުޅި ނަމަވެސް، އޭނާގެ ބަހެއް އަދި ނުލިބެ އެވެ.

ފާހަގަކުރެވޭ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި މައުރޫފް ރޭގެ ޖަލްސާ ނިމުނުތާ އިރުކޮޅެއް ނުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައިވެ އެވެ.

"ބޮޑާވުމަކީ ނާކާމިޔާބީއަށް މަގުފަހިވާ ކަމެކެވެ،" އެ ޕޯސްޓުގައި ވަކި މީހެއްގެ ނަމެއް ނުގެންނަވައި މައުރޫފް ލިޔުއްވާފައިވެ އެވެ.

އޭނާ އަދި ވިދާޅުވީ:

  • މަޑުމައިތިރިކަން އިސްކޮށް، މީހުންނަށް ޝުކުރުވެރިވާން ޖެހޭ ކަމަށް

  • މީހުންނަށް އުންމީދު ދީ، އެގޮތުގައި މަގުދައްކައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް 

އެނގުން މުހިއްމު - ރޭގެ ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތާ ގުޅޭ ގޮތުން ހިތްހަމަނުޖެހިގެން ގަފޫރުގެ އިސްތިއުފާއަށް އެމްޑީޕިގެ ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ. އަދި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ތިލަވެފަ އެވެ.

ވީ ކިހިނެއް؟ - ގަފޫރާ މެދު އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނީ، ކުރީގެ ރައީސް މުހައްމަދު ނަޝިދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް އެ ޖަލްސާގައި ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު، އެޖެންޑާ ފައިނަލް ކުރިއިރު އެ ފުރުސަތު ނުދިނުމުންނެވެ. އެހެންވެ، ނަޝީދާއި ފައްޔާޒު އެ ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް