ކުރީގެ ރައީސް ނަޝީދު. (ދައުރު ފޮޓޯ/ހުސެއިން ސުނެއިން)

2 އިންތިހާބު އެއްކުރަން ނަޝީދު މިހާރު ދެކޮޅު؛ ވިދާޅުވީ 'ނޫނެކޭ ބުނަން ތައްޔާރު'

ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ބައިވެރިވުން ކުޑަ ކުރާ ކަމެއް؛ އަދި އެފަދަ ކަމަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަމަށް ވިދާޅުވި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރަން ދެކޮޅުކަމަށް، ކުރިން އެކަމަށް ތާއީދުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ހާމަކުރަައްވައިފި އެވެ.

ވީ ކިހިނެއް؟ - ނަޝީދު އެކަން ހާމަކުރެއްވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

ތަފްސީލު - މައި ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ.

ގައުމީ މަޖިލީހުގެ ނިންމުމުގެ ކުރިން މިދިޔަ މަހު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއްކުރުމަށް އެ މަނިކުފާނު އޭރު ތާއީދުކުރައްވަ އެވެ.

ނަމަވެސް ރޭ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވީ ގައުމީ މަޖިލީހުގެ ނިންމުމަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ.

"ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި، ޕާޓީގެ ނިންމުމަށް އަޅުގަނޑު ތާއީދުކޮށް، ރިފެރަންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،" ތިމާވެށި ޖަމިއްޔާ، ސީވީއެފްގެ ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ގާނާގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ލިޔުއްވި އެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ:

  • ރާއްޖޭގެ ޑިމޮކްރަސީއަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ބޮޑެއް ނޫން

  • ގިނަ ޕާޓީ އެކުލެވޭ ނިޒާމްގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސްގެ ނިޒާމް ގާއިމްކުރެވި ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރުވުން

"މިއަދު ޓެކްސް އާމްދަނީ ހުރީ 30 ބިލިއަނަށް ވުރެ މަތީގައި. އިންތިހާބުތައް ބާއްވައި ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު،" ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރިއިރު، ވެރިކަމުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

އެއާ އެކު، ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ ކަމެކެވެ. އަދި އެފަދަ ކަމަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް މި މަހު 10ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން އިހްތިޖާޖު ކުރަނީ.

ގުޅުން ހުރި - ދެ އިންތިހާބު އެއްކޮށްލައި މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރަން މި މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލިހުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފ އެވެ. އެ އެކަމަކު އިސްލާހަށް އަމަލު ކުރެވޭނީ، ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހައި ތާއީދު ލިބިގެންނެވެ.

އެ ވޯޓު ނަގާނީ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު އެވެ.

ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެމްޑީޕީން ބުނާ ގޮތުގައި، އެކަން ކުރަން އުޅެނީ ރައީސް މުހައްމަދު މުއިއްޒު ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނަވަން ކުރައްވާ "ހީލަތްތެރި ރޭވުމެއް"ގެ ތެރެއިންނެވެ.

މި ވޯޓު ހުއްޓުވަން އެމްޑީޕީން އިއްޔެ ވަނީ ސިވިލް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ކޮމެންޓް (1)

ކޮސް

26 ފެބްރުއަރީ 2026
ވޯޓުލާން ފެށުމުގެ ކުރިން ހީވަނީ ރައީސް މުއިއްޒުވެސް ވިދާޅުވާނެހެން ދެއިންތިޚާބު އެއްކުރުމަކީ ގޯހެކޭ. ޚަރަދު ކުޑައެއްނުވެ ވާނީ ބޮޑޭ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް