ޕީއެންސީގެ ގދ. ތިނަދޫ ކެންޑިޑޭޓުންގެ މާލެ ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހް ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީއެންސީ)
އެމްޑީޕީން ކަންބޮޑުވަނީ 12 މެންބަރުންގެ 6 މަހުގެ މުސާރަ ގެއްލޭތީ: ފަލާހް
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު 6 މަސްދުވަހަށް ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އެމްޑީޕީން ދެކޮޅު ހަދަނީ އެ ޕާޓީގެ 12 މެންބަރެއްގެ މުސާރަ 6 މަހަށް ނުލިބިދާނެތީ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމުގެ ފެންނަ ނުފެންނަ ވޯޓު ވެސް އޮންނާނެ އެވެ.
ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް ނުފެންނަ ކަމަށް ވޯޓު ދޭން އިދިކޮޅު އެމްޑީޕީން ދަނީ ކެމްޕެއިން ކުރަމުންނެވެ.
އެމްޑީޕީގެ ކެމްޕެއިނަށް ފަލާހު ފާޑުވިދާޅުވީ، ގދ. ތިނަދޫގެ ކައުންސިލަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ މާލެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ފަލާހް ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ލީޑަރުންނަކީ އަބަދު ވެސް އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ބައެއް ކަމަށެވެ.
މަޖިލީހުގެ ދައުރު 6 މަސްދުވަހަށް ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އެމްޑީޕީން ދެކޮޅު ހަދަނީ އެ ޕާޓީގެ 12 މެންބަރެއްގެ މުސާރަ 6 މަހަށް ނުލިބިދާނެތީ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ރޭ ވިދާޅުވި.
— Dhauru (@Dhaurunews) February 24, 2026
އިތުރަށް ކިޔާލަން:… pic.twitter.com/rtvcwbGEMs
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމުން އެތައް ފައިދާއެއް ލިބެން ހުރި ނަމަވެސް އެމްޑީޕީން ދެކޮޅު ހަދަނީ ވެސް އެ ޕާޓީގެ މަޖިލިސް މެންބަރުންތަކެއްގެ މުސާރައިން ބައެއް ގެއްލިގެންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދައްކަނީ ދައުލަތަކަށް ސަލާމަތްވާ އެތައް ސަތޭކަ މިލިއަން ރުފިޔާއަކާއި އެމްޑީޕީގެ 12 މެންބަރަކަށް ލިބޭ ހަ މަސްދުވަހުގެ މުސާރައިން ލިބޭ ލާރިކޮޅަކާ އަޅުވާ ކިޔާ ވާހަކަ،" ފަލާހް ވިދާޅުވި އެވެ.
ޕީއެންސީއަށް ފަހުގައި ދައުލަތުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ލިބެނީ އެމްޑީޕީއަށް ނަމަވެސް އަންނަ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުންނަށް އެ ޕާޓީން ހަރަދުނުކުރާ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވީ އެ ފައިސާ ވެސް ހަރަދުކުރަނީ އެމްޑީޕީގެ ލީޑަރުން މަހު މުސާރަ ނަގަން ކަމަށެވެ.
"އެމްޑީޕީއަށް ލިބޭ 9 މިލިއަން ރުފިޔާ ވެސް ހަރަދުކުރަނީ އެމްޑީޕީގެ ވެރިންނަށް. ކޮންމެ ވެރިއަކު ލައްކައިން ކޮންމެ މަހަކު މުސާރަ ނަގަން ވެގެން،" ފަލާހް ވިދާޅުވި އެވެ.
އެމްޑީޕީ މިހާރު ވެސް ބޮޑުތަނުން ބަލިވެފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. ކައުންސިލްތަކުގެ ގިނަ ގޮނޑިތައް މިހާރު ވެސް އެ ޕާޓީން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"1352 ގޮނޑީގެ ތެރެއިން 450އެއްހާ ގޮނޑި އެބަ އުޅޭ އެމްޑީޕީން ވާދަނުކުރޭ. ވާދަކުރާނެ ކެންޑިޑޭޓުން ނުލިބުނީ. މިހާރު ވެސް ބަލިވެއްޖެ. %30 ގޮނޑި ގެއްލުވާލީ އެ،" ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރުކަން ވެސް އަދާކުރައްވާ ފަލާހް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެމްޑީޕީ ދެން ނަގާ ކޮޅަކަށް ނުޖެހޭ. ދެން އެ ބޭފުޅުންނަށް އެންމެ ރަނގަޅު ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުން. އަޅުގަނޑު ގޮވާލަން އެމްޑީޕީގެ ލީޑަރުންނަށް އިތުރަށް ސިޔާސީ ހަރަކާތް ކުރިއަށް ގެންދަން ބޭނުންވާނަމަ ދެން އާ ޕާޓީއެއް އުފައްދަވާށޭ."
ކޮމެންޓް (1)
ތެފައާސާ.