ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
ބޮޑު 2 އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސާސީ އިސްލާހުކުރަން ފާސްކޮށްފި
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި ބިލަށް އިތުރު ބަދަލެއް ނުގެސް، އެ އޮތް ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް ޗުއްޓީގައި އޮއްވާ އެ ބިލު ތަޅުމަށް ހުށަހަޅައި ހަމަ އެ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވީ މިދިޔަ މަހުގެ 5ގަ އެވެ. އިއްޔެ އެ ކޮމިޓީން ބޭއްވި އެންމެ ފަސް މިނެޓުގެ ބައްދަލުވުމުގައި ނިންމީ ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރުމަށެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހެޅުމުން، ބިލު އޮތް ގޮތަށް ފާސްކޮށްފައިވަނީ 72 މެންބަރުންގެ ވޯޓާ އެކު އެވެ. މިއީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްކަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވޯޓު ދެއްވި އެވެ.
ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އެވެ.
އެމްޑީޕީގެ ފަސް މެންބަރުންގެ ނަން އިއްވައި ޖަލްސާއިން ވަނީ ބޭރުކޮށްލާފަ އެވެ. ބާކީ ތިއްބެވި އެމްޑީޕީގެ މެންބަރުން މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ބިލު ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޝްވަރާ ކުރުމަށް ބަންޑާރަނައިބު އަހްމަދު އުޝާމް އާއި އިލެކްޝަންސް ކޮމިޝަން އަދި ސިޔާސީ ޕާޓީތައް ވެސް ހާޒިރު ކުރި އެވެެ. އާންމުންގެ ހިޔާލަށް ބިލު ހުޅުވާލި ނަމަވެސް، އެ ހިޔާލުތަކާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރިިކަން އެނގޭކަށް ނެތެވެ.
ސަރުކާރުން ބުނާ ގޮތުން، ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެވެ. އަދި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާނީ މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ.
މިހާ އަވަސް އަރުވާލައިގެން، ފުޅާ ދާއިރާގައި މަޝްވަރާ ނުކުރާތީ އެކަމާ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިތުރަށް ކިޔާލަން
އެނގުން މުހިންމު - ގާނޫނުއަސާސީގައި މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގައި ހިމަނާފައިވަނީ، މަޖިލިސް މެންބަރުކަމަށަް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ރައީސް ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައި ކަމަށެވެ.
އެހެންކަމުން، މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގައި ބާއްވަން އޮތް މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އަދި މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ޑިސެމްބަރު 2028އަށް ކުރު ކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.