ވަގުތީ ޗެއާޕާސަން ގަފޫރު އާއި އެމްޑީޕީގެ ލީޑާޝިޕް ބައެއް ބޭފުޅުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ އެމްޑީޕީ)
2 އިންތިހާބު އެއްކުރަން އެމްޑީޕީން ތާއީދެއެް ނުކުރަން: ގަފޫރު
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އިދިކޮޅު އެމްަޑީޕީން ތާއީދު ނުކުރާ ކަމަށާއި އެކަން ކުރަން އުޅެނީ ވެރިކަމުގެ ދައުރު 10 އަހަރަށް ހެދުމުގެ 'ހީލަތްތެރި ރޭވުމެއް'ގެ ތެރެއިން ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައި މިހާރު އޮތް މަޖިލީހުގެ ދައުރު ޑިސެމްބަރު 2028އަށް ކުރު ކުރާ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފަ އެވެ.
ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި އެ ބިލުގެ ބަހުސްގައި ގަފޫރު ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
އެ އިސްލާހާ ގުޅޭ ތަފްސީލުތައް:
ބުނީ ކީކޭ؟ - "ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ތާއީދެއް ނުކުރަން. އަޅުގަނޑުގެ މައްޗަށް މިއަދު އެމްޑީޕީގައި މި ބަސް ބުނާނެ އިތުރު މީހަކު ނުހުންނާނެ،" އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމާ މިދިޔަ މަހު ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ގަފޫރު މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.
ތަފްސީލު - ގަފޫރު ވިދާޅުވި ގޮތުގައި އެކަމާ އޭނާ ދެކޮލަށް ވާހަކަ ދައްކަނީ ރަނގަޅަށް ދިރާސާނުކޮށް، އަވަސް އަރުވާލައިގެން އެކަން ކުރަން އުޅޭތީ އެވެ. އަދި މިކަމުގައި ސަރުކާރުގެ އެހެން އެންޑާއެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރެެއްވި އެވެ.
"މިކަން ކުރަންޏާ [ދެ އިންތިހާބު އެއްކޮށްލަންޏާ] އެމްއެންޔޫ މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ހަދައި އޭގެ ނަތީޖާއަށް ބިނާކޮށް މިކަން ކުރަން ޖެހޭ،" މިކަމުގައި ގަފޫރުގެ ވިސްނުން ހަމާކުރައްވައި އޭނާ ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވި ގޮތުގައި، މި ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ސަރުކާރުގެ މީޑިއާތަކާއި ޕީއެންސީގެ މީޑިއާތަކުން ތަކުރާރުކޮށް ވާހަކަ ދައްކަމުންދެ އެވެ.
"އެކަން ކުރުމަށް [ވެރިކަމުގެ ދައުރު 10 އަހަރަށް ބަދަލުކުރުމަށް] މަގުފަހިކުރުމަށްޓަކައި ކުރާ މަސައްކަތެއް މި ކަމަކީ [ގާނޫނުއަސާސީ އިސްލާހު ކުރުން]،" ގަފޫރު ތުހުމަތު ކުރެއްވި އެވެ.
ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ގަފޫރު ވިދާޅުވީ "މިއުޅެނީ ހަރަދު ބޮޑުވެގެން ނޫން" ކަމަށެވެ. އެއީ ސަރުކާރުން ކަނޑައެޅިގެން ހަދާ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަރަދު ބޮޑުވަންޏާ ކުރަން ޖެހޭ ކަމަކީ ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކޮށްލުން. އަދި މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ މިޑް ޓާމް އިލެކްޝަނެއްގައި،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަ ކުރުމަށް ކަމަށް ސަރުކާރުން ބުނާއިރު، އަދިވެސް އިތުރު މުވައްޒަފުން ނެގުމުގެ ކަންކަން ކުރަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
ޕަބްލިކް ވޯކްސްއަށް 500 މުވައްޒަފުން ނަގަން އިއުލާންކޮށްފައި އެބަ އޮތް؛ އެއީ 72 މިލިއަން ރުފިޔާ އަހަރަކު ހަރަދުވާނެ ކަމެއް
-
ހަރަދު ކުޑަ ކުރުމަށް އަތޮޅު ކައުންސިލް އުވާލިއިރު، ސިޓީ މިނިސްޓީން ރަށްރަަށުގައި ގޮފިތައް ހެދުމުގެ މަސައްކަތް އެ މިނިސްޓްރީ ކުރަމުން އެބަދޭ؛ ރަށެއްގައި ސްކޫލުން ނިމޭ ކުދިންނަށް ވުރެ އެ ރަށުގެ ފެނަކައިގައި ތިބި މުވައްޒަފުންގެ އަދަދު ގިނަ
-
މުވައްޒަފުންގެ މުސާރައަށް ހިނގާ ހަރަދު 11 ބިލިއަނުން 17 ބިލިއަނަށް އަރައިފި؛ އޭގެ ތެރޭގައި ސިޔާސީ މަގާމުތައް ގިނަ
-
އެމެރިކާގައި 4،000 ސިޔާސީ މުވައްޒަފުން ތިބި އިރު، މި ސަރުކާރުގައި 4،100 ސިޔާސީ މުވައްޒަފުން އެބަތިބި (ސަރުކާރުން ބުނާ ގޮތުން އެ އަދަދު ހުރީ 2،000ގައި)
"އެހެންވީމަ، އަޅުގަނޑު މި ދަންނަވަނީ މިއީ ހެޔޮ ނިޔަތުގައި ރަނގަޅު ދިރާސާއަކާ އެކު ކުރަން އުޅޭ ކަމެއް ނޫން ހުދުމުހުތާރު ވެރިކަމަކަށް ރާއްޖެ ގެންދިއުމަށްޓަކައި ހިންގަމުންދާ ބޮޑު ޖަރީމާއެއް،" ރައްޔިތުންގެ މަޖިލީހުގައި ހަތަރު ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ގަފޫރު ވިދާޅުވި އެވެ.
މި އިސްލާހާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ބިލު ހުށަހެޅުއްވި ޕީއެންސީގެ ޕީޖީ ލީޑަރު ދެއްކެވި ވާހަކަ:
މިއީ ރައްޔިތުންގެ ގައުމެއް ކަމަށާއި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، މިކަމުގައި ރައްޔިތުން ވިސްނާ ފިކުރުކުރުމަށް އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ.
"އެ ފުރުސަތު ނުދީ، ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން މިކަން ކުރަން މިއުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި، ބޭނުންހާ ދުވަހަކަށް ވެރިކަން ނެގެހެއްޓުމައްޓަކައި،" ގަފޫރު ވިދާޅުވި އެވެ.
"ހުދުމުހުތާރު ވެރިން އިންތިހާބު ބާއްވަން ބިރު ގަންނާން. ހުރިހާ ވޯޓެއް އެއް ވޯޓަކަށް ހަދަން ވެސް މަސައްކަތް ކުރާނެ... މިކަމަށް ތާއީދު ކުރެވޭކަށް ނެތް. މިއީ ކަނޑައެޅިގެން ހީލަތްތެރި ރޭވުމެއްގެ ދަށުން ކުރަމުންދާ ކަމެއް."
ފާހަގަކޮށްލެވޭ ކަމެއް - ދެ އިންތިހާބު އެއްކޮށްލުމަށް އެމްޑީޕީން ތާއީދު ނުކުރާ ކަމަށް ގަފޫރު ވިދާޅުވިރު، އެ ޕާޓީއަށް ނިސްބަވްތެވަޑައިގެންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ތާއީދު ކުރައްވާފަ އެވެ. އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހަލައިގެން ބޭއްވުމަށް ތާއީދު ކުރައްވާފަ އެވެ.