ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
ގާނޫނުއަސާސީގެ އިސްލާހު: 2 އިންތިހާބު އެއްކޮށްލައި މި މަޖިލީހުގެ ދައުރު ކުރުކުރަނީ
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރު ކުރާ ގޮތަށް ގާނޫނުއަސަސީ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ.
އެނގުން މުހިންމު - ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހަޅަން މާދަމާ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެ އެވެ.
ތަފްސީލު - ގާނޫނުއާސީގައި މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި ފަލާހު ހުށަހެޅުއްވީ މަޖިލިސް މެންބަރުކަމަށަް މީހުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ރައީސް ހޮވުމަށް ބާއްވާ އިންތިހާބާ އެކުގަ އެވެ. އެހެންކަމުން މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ.
މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގަ އެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029 އަށެވެ.
ފަލާހު ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށެވެ. އަދި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ އެވެ.
"މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެމްބަރު 2028 ވަނަ ދުވަހު ހަމަވާނެ އެވެ،" އެ އިސްލާހުގައި ލިޔެފައިވެ އެވެ.
އެއާ އެކު މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރުން ފަސް މަހެއްހާ ދުވަސް އުނިވާނެ އެވެ. އަދި އެ މެންބަރުންގެ މުސާރައިން ގާތްގަނޑަކަށް 4 ލައްކައެއްހާ ރުފިޔާ މަދުވާނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ދެ އިންތިހާބު އެއްކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރާނީ، ރައްޔިތުންނަށް ފެންނަ ކަމަށް ވާ ނަމަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް މި އިސްލާހު ހުށަހަޅާފައި މި ވަނީ އެ ވޯޓު ނެގުމުގެ ކުރިންނެވެ.