ރައްުޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހްތިޖާޖުކުރުމުން ނަން އިއްވުމާ ގުޅިގެން އެ މެންބަރުން ބޭރު ކުރުމުގެ މަސައްކަތް މުވައްޒަފުން ކުރަނީ
ގާނޫނުއަސާސީ އިސްލާހު ކުރާ ޖަލްސާ ހޫނުވެ މެދުކަނޑާލައިފި
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސަސީއަށް ސަރުކާރުން ހުށާހެޅި އިސްލާހުގެ މަސައްކަތް މިހާރު ކުރިއަށްދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރު އިހްތިޖާޖުކޮށް، ނިޒާމް ގެއްލުވާލުމުން، ޖަލްސާ މެދުކަނޑާލައިފި އެވެ.
ޖަލްސާ މެދުކަނޑާލިއިރު އެމްޑީޕީގެ ހަތަރު މެންބަރެއްގެ ނަން ވަނީ އިއްވާފަ އެވެ. އަދި ބައެއް މެންބަރުން ތަޅުމުން ބޭރުކޮށްފައިވެ އެވެ.
ވީ ކިހިނެއް؟ - ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލު ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ފަސް މިނެޓުގެ ބައްދަލުވަމަކުން އެ ބިލަށް އިތުރު ބަދަލެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް ނިންމައި މިއަދުގެ ޖަލްސާގެ ތަޅުމަށް ފޮނުވާފަ އެވެ. އެމްޑީޕީގެ މެންބަރުން އިހްތިޖާޖު ކުރައްވަން ފެއްޓެވީ ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅުމާ އެކު އެވެ.
ޖަލްސާ މެދުކަނޑާލިއިރު، ނަން އިއްވި ހަތަރު މެންބަރުންނަކީ:
-
1-
ކެންދޫ ދާްއިރާގެ މެންބަރު މައުރޫފް ޒާކިރު
-
2-
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
-
3-
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
-
4-
ކެޔޮދޫ ދާއިރާގެ މެންބަރު މުހައްަމަދު ނިއުޝާދު
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސަސީއަށް ސަރުކާރުން ހުށާހެޅި އިސްލާހުގެ މަސައްކަތް މިހާރު ކުރިއަށްދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީ މެންބަރު އިހްތިޖާޖުކޮށް، ނިޒާމް ގެއްލުވާލުމުން، ޖަލްސާ މެދުކަނޑާލައިފި.
— Dhauru (@Dhaurunews) February 10, 2026
އިތުރަށް ކިޔާލަން:… pic.twitter.com/CI1u3iULve
ތަފްސީލު - ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެންމެ ފުރަތަމަ އިއްވީ މައުރޫފް ޒާކިރުގެ ނަމެވެ. އޭނާ އިހްތިޖާޖު ކުރަމުން ދިޔައީ އަވަސް އަރުވާލައިގެން ގާނޫނުއާސާސީ އިސްލާހު ކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި މަޖިލިސް ހިނގަނީ ރައީސް މުހައްމަދު މުއިއްޒު އަންގަވާ ގޮތަށް ކަމަށް ތުހުމަތު ކުރައްވަމުން ގެންދެވި އެވެ.
"ރައްޔިތުންގެ މަޖިލީހަކީ ގާނޫނުސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބާރު ގާނޫނުއަސާސީން ލިބިދީފައިވާ މަޖިލީހެއް. މި މަޖިލީހުން ގާނޫނުއަސާސީއަށް ވެސް އިސްލާހު ގެނެވޭނެ، އާ ގާނޫނުތައް ވެސް ހެދޭނެ. އެހެންވީމަ މަޖިލީހުން އަމަލު ކުރަމުން މި ގެންދަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި މަޖިލިސް ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން،" މައުރޫފްގެ ކަންބޮޑުވުންތަކަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމާނީ. އެއީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން މި މަޖިލީހުގެ ކަންކަމަށް ގޮތްތައް ނިންމަވާނީ."
އަބްދުއްރަހީމް އެހެން ވިދާޅުވި ފަހުން ވެސް ތަކުރާރުކޮށް މައުރޫފް އިހްތިޖާޖު ކުރައްވަމުން ގެންދިއުމުން އޭނާގެ ނަން އިއްވައި މަޖިލީހުގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ތަޅުމުން ބޭރުކޮށްލި އެވެ.
އޭގެ ފަހުން އިތުރު ތިން މެންބަރެއްގެ ނަން އަބްދުއްރަހީމް އިއްވި އެވެ. އަދި އެ މެންބަރުން ނެރެވެންދެން ޖަލްސާ މެދުކަނޑާލެއްވިކަން އެ މަނިކުފާނު އިއުލާން ކުރެއްވި އެވެ.
ޖަލްސާ އަލުން ފެށީ 15 ވަރަކަށް މިނެޓު ފަހުން، އެ މެންބަުރުން ތަޅުމުން ނެރުމަށް ފަހު އެވެ.
ބިލާ ގުޅުން ހުރި ބައެއް ލިޔުންތައް:
2 އިންތިހާބު އެކުގައި ބާއްވަން ކޮމިޓީން ނިންމައިފި
9 ފެބްރުއަރީ 2026
2 އިންތިހާބު އެއްކުރަން އެމްޑީޕީން ތާއީދެއެް ނުކުރަން: ގަފޫރު
5 ޖެނުއަރީ 2026
2 އިންތިހާބު އެއްކޮށްލަންޖެހޭ ސަބަބެއް ނެތް: ޔާމީން
5 ޖެނުއަރީ 2026
'2 އިންތިހާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގާނެ'
5 ޖެނުއަރީ 2026