މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

2 އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސާސީ އިސްލާހު ކުރަން ކޮމިޓީން ނިންމައިފި

ބެލެވޭ ގޮތުގައި މާދަމާގެ މަޖިލިސް ޖަލްސާއަށް މި ބިލު ވޯޓަށް އެހުމަށް ތާވަލު ކުރާނެ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސާސީ އިސްލާހު ކުރުމަށް ހުށަހެޅި ބިލަށް އިތުރު ބަދަލެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައި ތަޅުމަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް  ޗުއްޓީގައި އޮއްވާ އެ ބިލު ތަޅުމަށް ހުށަހަޅައި ހަމަ އެ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވީ މިދިޔަ މަހު 5ގަ އެވެ. މިއަދު އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ބިލު ހުށަހެޅި ގޮތަށް ފާސް ކުރަން ކޮމިޓީން ނިންމި އެވެ.

ތަފްސީލު - މިއަދުގެ ބައްދަލުވުމުގައި ހޭދަވީ ފަސް ވަރަކަށް މިނެޓެވެ. މާއްދާތަކަށް އިތުރު ބަދަލެއް ނުގެނެސް، އޮތް ގޮތަށް ފާސް ކުރަން ކޮމިޓީގެ އަގުލަބިއްޔަތުން ފާސްވިކަން، ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް އިއުލާން ކުރެއްވި އެވި އެވެ. އެއާ އެކު ކޮމިޓީ ނިންމާލެއްވި އެވެ. 

މިއަދުގެ ކޮމިޓީ ބައްދަލުވުމެ ޔޫޓިއުބް ލައިވް

ބެލެވޭ ގޮތުގައި، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހުން ފާސްކުރުމަށް ވޯޓަށް އަހާނެ އެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީގައި މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ހިމަނާފައިވަނީ، މަޖިލިސް މެންބަރުކަމަށަް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ރައީސް ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައި ކަމަށެވެ.

އެހެންކަމުން، މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގައި ބާއްވަން އޮތް މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އަދި މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ޑިސެމްބަރު 2028އަށް ކުރު ކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.

ފަލާހު ބަހުސް މަރުހަލާގައި ވިދާޅުވެފައިވާ ގޮތުގައި، ބިލު ފާސްވިޔަސް އެކަމަށް އަމަލު ކުރާނީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ.

ކޮމިޓީން މި ބިލު ދިރާސާ ކުރުމަށް ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަނައިބު އަހްމަދު އުޝާމް ވެސް ކޮމިޓީއަށް ހާޒިރު ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް