އެމްޑީޕީއިން ކުރިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ. (ފައިލް ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

2 އިންތިހާބު އެއްކޮށްލައިފި ނަމަ ބަސް ބުނަން ލިބޭނީ އެންމެ ފުރުސަތެއް: ޝާހިދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ދެކޮޅު ހަދައި، މަގުމަތީ ހަރަކާތަށް ނުކުތުމަށް އިދިކޮޅު އެމްޑީޕީއިން ވަނީ ނިންމާފައި
20 ފެބްރުއަރީ 2026
2

ސަރުކާރުން ބޭނުންވާ ގޮތަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލައިފި ނަމަ ރައްޔިތުންނަށް ބަސް ބުނަން ލިބޭނީ އެންމެ ފުރުސަތެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 32 ވަނަ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮތް ބަސް ބުނުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން އޮޅުވާލައިގެން ބޮޑު، ހީލަތްތެރި ރޭވުމެއްގެ ދަށުން ހިންގާ ކަމެއް ކަމަށެވެ.

ބުނީ ކީކޭ؟ - ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ދައުރުގެ މިވީ ދެ އަހަރާއި ބަޔަށް ބަލާއިރު ރައްޔިތުންނަށް ބަސް ބުނަން ހުރި ފުރުސަތުތައް ހަނިކޮށް، ބަންދުކުރަން ރާވައިގެން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"މިކަން ވެސް އެއީ އެ މަގުން ކުރާ ކަމެއް. ރައްޔިތުންގެ ފަރާތުން ބަސް ބުނުމުގެ ދެ ފުރުސަތެއް އެއް ފުރުސަތަށް ބަދަލުކޮށްލަނީ،" ޝާހިދު ވިދާޅުވި އެވެ.

"އެއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައިފި ނަމަ، ފަސް އަހަރުގެ ތެރޭގައި އެއް ފަހަރު ބަސް ބުނުމަށް ފަހު ރައްޔިތުން ތިބެން ޖެހޭނީ އަނގަ ބަންދުކޮށްގެން. ބަހެއް ބުނުމުގެ އެއްވެސް ފުރުސަތެއް، ސަރުކާރާ މެދު ދެކޭ ގޮތް ބުނުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ."

ރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާޓިގެ ރައީސް ޝާހިދު ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ޝާހިދު ވިދާޅުވީ މިކަމާ ގުޅޭ މަސައްކަތްތައް ސަރުކާރުން ކުރި ގޮތަށް ބަލައިލި ނަމަވެސް ބޮޑެތި ރޭވުންތަކެއް ހުރިކަން އެނގޭ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ތަޅުމުގައި އެ މަސައްކަތް ކުރީ އެމްޑީޕީގެ މެމްބަރުން ތަޅުމުން ބޭރުކޮށްގެންކަމާއި ކޮމިޓީގެ މަސައްކަތްތައް ނިންމާލީ ފަސް ވަރަކަށް މިނެޓުގެ ތެރޭގައިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ކަންކަމުން ވެސް މި ނިންމުމުގެ ފަހަތުގައި އޮޅުވާލުންތަކެއް ހުރިކަން ހާމަވާ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުން ލާ ވޯޓެއްގެ ކަންކަން ބަދަލުކުރަން އުޅޭއިރު އެ ބަދަލާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް މައުލޫމާތު ދީ، ހޭލުންތެރިކުރަން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.

ގުޅުންހުރި - ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ދެކޮޅު ހަދައި، މަގުމަތީ ހަރަކާތަށް ނުކުތުމަށް ވެސް ރޭގެ ބައްދަލުވުމުގައި ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް (2)

ހޯގުޅާ

21 ފެބްރުއަރީ 2026
އެކަމު ކާޕެޓް ވެސް ކަޓުވާލީ ހަމަ ލިބުނު އެންމެ ފުރުސަތެއްގައި. ކަޓުވާލި ލިފްޓް ގޭގަ ހަރުކުރާކަށް ވެސް އިތުރު ފުރުސަތެއް ބޭނުމެއް ނުވި. ރައްޔިތުންގެ ފައިސާއިން ބޭކާރު މަޤާމަކަށް އައިސް ބޭކާރު ހަރަދު ކުރީވެސް ރައްޔިތުންނަށް އިތުރު ފުރުސަތެއް ނުދީ މަކަރާއި ހީލަތުން.
3 0

ސާހިދު

22 ފެބްރުއަރީ 2026
@ހޯގުޅާ ސަރުކާރުން ކުރާ ކަމަކީ އެންމެ ރިސްވަތަކުން 2 އިންތިހާބު ނިންމާލަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް