އާޒިމްގެ ކެމްޕޭނު ބައްދަލުވުމުގައި ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/އެކްސް)

ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކާ ހަވާލުކުރުން ރަނގަޅު: ނަޝީދު

އަމިއްލަ މީހުންގެ ވިޔަފާރިތަކުން ހިދުމަތް ދިނުން މާ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ކޮންޓްރެކްޓު ހަވާލު ކުރަން ވާނީ ހަރުދަނާ، ދެފުށް ފެންނަ ބީލަމުގެ ޕްރޮސެސްއަކަށް ފަހު ކަމަށް ނަޝީދު ވިދާޅުވި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރަން އުޅޭ ކަމަށް އަޑު އިވޭ ކަމަށާއި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑިޕީގެ ޕްރައިމަރީގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕޭނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ހިންގުން އިންޑިއާ ބަޔަކާ ހަވާލުކުރުމާ ދެކޮޅަށް މިހާރުގެ ސަރުކާރުން މީގެ ކުރިން ވާހަކަ ދެއްކި ކަމަށާއި އެކަމާ ހިނި އަންނަ ކަމަށެވެ.

ތަފްސީލް - ނަޝީދު ވިދާޅުވީ އެ މަނިކުފާނަކީ ޕްރައިވަޓައިޒޭޝަނަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ. ގައުމެއް ހިންގަން އެންމެ ރަނގަޅު ގޮތަކީ ސަރުކާރުން މިފަދަ ހިދުމަތްތައް ދިނުމުގައި ނޫޅެ އެކަން އަމިއްލަ ކުންފުނިތަކަށް ދޫކޮށްލުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑު އެބަ އަޑުއަހަން ސަރުކާރުން އުޅެނީ ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ ވަރަށް ރަނގަޅު ކުންފުންޏަކަށް ދޭށޭ. އެއީ ވަރަށް ރަނގަޅު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މިކަމާ ކުޑަކޮށް ހިނި އަންނަ ކަމަކީ މި ބޭފުޅުން މިއާ އިދިކޮޅަށް ދެއްކެވިހާ ވާހަކަ."

އެ މަނިކުފާނަކީ، އެ މަނިކުފާނު އެދޭ ކަމެއް މީހަކު ކުރާ ނަމަ އެކަން ހުއްޓުވުމަށް "އުނބަށްޖެހީއޭ ގޮވާ ނުހަދާނެ" ބޭފުޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް މިހާރު ހިންގަނީ ގެއްލުމުގައި ކަމަށާއި އެ އެއާޕޯޓު ހިންގުން ވެސް އަމިއްލަ ވިޔަފާރިއަކާ ހަވާލު ކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

"ބޮޑު ސިންގާ ލޯނެއް އޮތް ތަނެއް. ދެން ކޮންމެ އަހަރަކު މި ދަރަނި އަރަމުން އަރަމުން މި ދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިވާހަކަތަކާ ގުޅުވައި ނަޝީދު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމެއްގެ ވާހަކަ އިވިވަޑައިގެންފައިވާ ކަމަށެވެ.

"މާލޭ ޕޯޓު އަދި ދެ އެއާޕޯޓު ވެސް ހިމެނޭ ކަމަށް ހަބަރު ލިބޭ. ޕްރައިވެޓް ސެކްޓަރުން ހިދުމަތް ދިނުން މާ ރަނގަޅު ކަމަށް އަޅުގަނޑު ދެކެން. އެހެނަސް ކޮންޓްރެކްޓު ހަވާލު ކުރަން ވާނީ ހަރުދަނާ، ދެފުށް ފެންނަ ބިޑިން ޕްރޮސެސް އަކަށް ފަހު،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި - ހަނިމާދޫ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރަން އުޅޭ ކަމަށް ނަޝީދު ވިދާޅުވި އިރު މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ނޫހަކުން ވަނީ އެ އެއާޕޯޓު ހިންގުމުގައި އެ ގައުމުގެ އެހީއަށް ރާއްޖެއިން އެދިފައިވާ ކަމަށް ބުނެ ރިޕޯޓުކޮށްފަ އެވެ.

އެއާ އެކު، ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ރާއްޖޭގެ ކުންފުނިތަކުން ކަމަށާއި ސަރުކާރުގެ އެ ސްޓޭންޑަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ ބިޑަށް ލައިގެން ހަނިމާދޫ އެއާޕޯޓު ހިންގުން ބަޔަކާ ހަވާލު ކުރަން ފެނިވަަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގައި ތަރައްގީ ކުރަން މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރާ ހަވާލު ކުރި އެވެ. ނަމަވެސް އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޮޑު ކެމްޕޭނެއް ހިންގައި ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު ޖީއެމްއާރާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލައިފަ އެވެ.

އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 270 މިލިއަން ޑޮލަރު (4.1 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދެއްކި އެވެ.


ކޮމެންޓް (1)

ޖަމްސީދް

5 ޖެނުއަރީ 2026
ތީކޮސްގޮވާ މީހެއް...އެމްއޭސިލް ގެ 2024 ވަނައަހަރުގެ ސާފުފައިދާ އަކީ 1،100މިލިޔަން ރުފިޔާ.. 2025 އަދިމިޔަށްވުރެ ބޮޑުވާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް