ހަނިމާދޫ އިންޓަނޭޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ފެންނަ ފޮޓޯތަކެއް (ފޮޓޯ/މިނިސްޓަރު މުއްތޮލިބު، އެކްސް)

ސަރުކާރުން އުޅެނީ ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީއަށް ވިއްކާލަން: ޔާމީން

ޔާމީން ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު މިދިޔަ ހަފްތާގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އަދާނީ ގްރޫޕުގެ ޗެއާމަންއާ ބައްދަލު ކުރެއްވި

ތަރައްގީކޮށް ނިމެން ކައިރިވެފައި އޮތް ހދ. ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޔާމީން މިގޮތަށް ތުހުމަތު ކުރެއްވީ، ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގެ ތެރެއިން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މަލީހް ޖަމާލު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ތަފްސީލު - މަލީހުގެ ވާހަކައިގައި އޭނާ ކަންބޮޑުވުން ފާޅު ކުރެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕީއައި/ވީއައިޕީ ޓާމިނަލް ދިގު މުއްތަކަށް ދުބާއީ ކުންފުންޏަކާ ހަވާލު ކުރަން މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. 

މަލީހުގެ އެ ވާހަކަތަކަށް ފަހު ޔާމީން ވިދާޅުވީ، މި ސަރުކާރުން "ވިއްކާލަން ނިންމާފައިވާ" ތަންތަނުގެ ލިސްޓުގައި ހަނިމާދޫ އެއާޕޯޓު ވެސް ހިމެނޭ ކަމަށެވެ. އެ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުކަން ފާހަގަ ކުރައްވައި ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، އެ އެއާޕޯޓު "ވިއްކާލަނީ" އިންޑިއާގެ އަދާނީ ގްރޫޕަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ މިފަހަރު [ރައީސް މުހައްމަދު މުއިއްޒު] ސިންގަޕޫރުގައި ބައްދަލު ކުރެއްވި މީހުންގެ ތެރޭގައި އަދާނީ ގްރޫޕުގެ ޗެއާމަންއާ ބައްދަލު ކުރެއްވި،" ޔާމީން ވިދާޅުވި އެވެ.

"ހަބަރު ލިބޭ ގޮތުގައި ވެއްޖިއްޔާ، ހަނިމާދޫގެ އެއާޕޯޓު ވިއްކާލަން މަސައްކަތް މި ކުރަނީ އަދާނީ ގްރޫޕަށް."

ޔާމީންގެ މި ތުހުމަތާ ގުޅިގެން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް މި މަހު 26ގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރުފުޅަށް އިޝާރާތް ކުރައްވައި ޔާމީން ރޭ ވިދާޅުވި ގޮތުގައި:

  • މޯދީގެ މި ދަތުރުފުޅުގައި ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދޭނެ ކަމަށްވޭ

  • މިއީ އަނެއްކާވެސް "ދަރަނި ދަންތުރައިގެ އިތުރު ގިއަރެއް"

  • އޭގެން ސަރުކާރުން ރައްޔިތުންނަށް ވިސްނުވައިދޭން ބޭނުން ވަނީ ދެން ވަރަށް ގިނަ މަޝްރުއޫތައް ހިނގައިގަންނާނެ ކަމަށް؛ އެކަމަކު އެކަން އެހެން ނުވާނެ

  • ސަބަބެއް ކަމަށް ދެއްކެވީ ލޯނުގެ ދަށުން ކޮންޓްރެކްޓް އަދި ސާމާނު ވެސް އަންނަނީ އިންޑިއާއިން ކަމަށްވުމުން

"މިހާރު މި އުޅެނީ އެއް ގައުމަކަށް އެހާ ބޮޑު ދަރަނިތަކެއް ނަގާފައި ހުރުމުން ގޮތް ހުސް ވެގެން، އިންޑިއާއިން މިހާ ބޮޑު ދަރަނި އޮވެގެން... ހަމަ ރިހޭ ފައިމައްޗަށް ފޮއިތަކެއް މި ވައްޓާލަނީ. 500 މިލިއަން ޑޮލަރުގެ ވާހަކަ މި ދައްކަނީ. ދައުލަތުން ހަމަ ބޮޑު އަގުގައި އިންޓްރެސްޓް އަދާ ކުރަން ޖެހޭނެ މީގައި،" ޔާމީން ވިދާޅުވި އެވެ.

ގުޅުން ހުރި - އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގަ އެވެ. އެގޮތުން:

  • މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)

  • 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ

  • އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ؛ އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ

  • މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ހަމާކޮށްފައިވާ ގޮތުގައި އެ މަޝްރޫއޫގެ %88 ވަނީ ނިމިފައި؛ އެއްކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރަށް

ކޮމެންޓް (1)

ނެގުނުކަތީބު

5 ޖުލައި 2025
ޔާމީނަކީ މިހާރު ހައްޕުނޑު. ތިވާހަކަ ދިވެހި ރައްޔިތުން ނާހާނެ.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް