އެމްއޭސީއެލްގެ ޗެއާޕާސަން ނޫރައިން ޖަނާހު އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެ ކުންފުނީގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/އެމްއޭސީއެލް)

އެއާޕޯޓުގެ ސީއައިޕީ ޓާމިނަލް ހިންގަން 25 އަހަރަށް ބޭރުގެ ކުންފުންްޏަކަށް ދޭން މަޝްވަރާކުރަނީ

ާވީއައިއޭގެ އާ ސީއައިޕީ ޓާމިނަލެއް 'ޖެޓެކްސް'އިން ހަދަން ދެން މިހާރު ހުރި ސީއައިޕީ ޓާމިނަލުން 2 ފްލޯ ދޭން ވެސް އަންނަނީ މަޝްވަރާކުރަމުން؛ ޖެޓެކްސްއާ އެކު އެއްބަސްވުން ހެދުމުން ޖެޓްތަކަށް ހިދުމަތް ދިނުމާއި ވީއައިޕީ ޓާމިނަލް ހިންގުން އެއްކޮށް ލިބޭނީ އެ ކުންފުންޏަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާ ޖެޓްތަކަށް ހިދުމަތް ދިނުމުގެ ހުރިހާ ކަމެއް ހިމެނޭހެން ވީއައިއޭގެ ސީއައިޕީ/ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ 'ޖެޓެކްސް' ކިޔާ ކުންފުންޏަކާ ހަވާލުކުރަން މަޝްވަރާ ކުރަން ފަށައިފި އެވެ. 

މިހާރު އެ ހިދުމަތް ދެނީ އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިންނެވެ. 

ވީ ކިހިނެއް؟ - 'ދައުރު'އަށް ލިބިފައިވާ ޖެޓެކްސް ކުންފުނިން އެމްއޭސީއެލްއަށް ފޮނުވައި މިހާރު މަޝްވަރާކުރަމުން އަންނަ ޕްރޮޕޯސަލް ކަރުދާހުގެ ކޮޕީއެއްގައިވާ ގޮތުން:

  • އެއާޕޯޓުގައި އާ ސީއައިޕީ/ވީއައިޕީ ޓާމިނަލެއް ހަދައި ހިންގުމަށް ޖެޓެކްސްއަށް އެއާޕޯޓުން 10،000 އަކަފޫޓުގެ ބިމެއް ދޭން ޖެހޭ

  • އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 25 އަހަރުގެ ތެރޭ 25 މިލިއަން ޑޮލަރު އެ ކުންފުނިން އެއާޕޯޓަށް އިންވެސްޓްކުރަން ޖެހޭ

  • އެއާޕޯޓުން ޖެޓްތަކަށް ދޭ ހުރިހާ ހިދުމަތްތަކެއް ތެޔޮ އެޅުން ހިމެނޭ ގޮތުން ދޭނީ ޖެޓެކްސްއިން އަދި ސީއައިޕީ ޓާމިނަލް ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އެ ކުންފުނިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޑޮމެސްޓިކް ޓާމިނަލް ކައިރި ހަދާފައިވާ ސީއައިޕީ ޓާމިނަލް: އެ ތަނުން ދެ ފްލޯ ބޭރުގެ ކުންފުންޏަކަށް ދޭން އަންނަނީ މަޝްވަރާކުރަމުން.

އެ ހުށަހެޅުމަށް އެމްއޭސީއެލްގެ ބޯޑުން ރުހުންދިންކަން އަދި ކަށަވަރެއް ނޫނެވެ. 

ތަފްސީލް - އެމްއޭސީއެލްއާ އެކު ކުރި މަޝްވަރާތަކަށް ފަހު ޖެޓެކްސްއިން ހުށަހަޅާފައިވާ ފައިނަލް ޕްރޮޕޯސަލްގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ޖެޓެކްސްއިން ވީއައޭގައި ދޭ ހިދުމަތްތަކުން އަހަރަކު ލިބޭ އާމްދަނީގެ %55 އެމްއޭސީއެލްއަށް ދޭން ޖެހެ އެވެ. އަދި އެ އަދަދު 5 މިލިއަން ޑޮލަރަށް ވުރެ ކުޑަވެގެން ނުވާނޭ ކަމަށް ވެސް ޕްރޮޕޯސަލްގައި ހިމަނާފައިވެ އެވެ. 

ހަތް އަހަރު ދުވަސް ތެރޭ ޖެޓެކްސްއަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ވެސް ޕްރޮޕޯސަލްގައި ހިމަނާފައިވާއިރު އެ ޕްރޮޕޯސަލުން ދައްކަނީ: 

  • ހަތް އަހަރުގެ ޖުމްލަ އާމްދަނީ (ލަފާކުރާ): 65 މިލިއަން ޑޮލަރު 

  • ހަރަދުގެ ގޮތުގައި ހިނގާނީ (ލަފާކުރާ): 12.4 މިލިއަން ޑޮލަރު

  • ސާފު ފައިދާ (ލަފާކުރާ): 4.1 މިލިއަން ޑޮލަރު 

ހަތް އަހަރު ދުވަސް ތެރޭ އެެމްއޭސީއެލްއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 38.5 މިލިއަން ޑޮލަރެވެ. 

ޖެޓުތަކުން ވީއައިއޭގައި ޕާކްކޮށްފައި: ޖެޓްތަކަށް ހިދުމަތް ދިނުން ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން އަންނަނީ މަޝްވަރާކުރަމުން (ފޮޓޯ/އެމްއޭސީއެލް)

ވަގުތީ ގޮތުން މިހާރުގެ ސީއައިޕީ ޓާމިނަލްގެ ދެ ފްލޯ

މިހާރު ކުރަމުން އަންނަ މަޝްވަރާތަކުގެ މައުލޫމާތު އެނގި ހުރި އެކި މަސްދަރުތަކުން  'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، އާ ސީއައިޕީ ޓާމިނަލް ޖެޓެކްސްއަށް ހެދެން ދެން އެ ކުންފުންޏަށް މިހާރުގެ ސީއައިޕީ ޓާމިނަލުން ދެ ފްލޯއެއް ދިނުމަށް އަންނަނީ  މަޝްވަރާކުރަމުންނެވެ.

ވީއައިއޭގެެ ސީއައިޕީ ޓާމިނަލްގައި ފަސިންޖަރުންނަށް ހިދުމަތް ދެނީ (ފޮޓޯ/އެމްއޭސީއެލް)

މީގެ އިތުރަށް، ޖެޓެކްސްއިން އާ ސީއައިޕީ ޓާމިނަލްއާ އެކު ޖެޓްތައް ޕާކްކުރާނޭ ރޭމްޕް ހަދަން ދެން މިހާރު ހުރި ރޭމްޕުން 10،000 އަކަފޫޓްގެ ސަރަހައްދެއް އެ ކުންފުންޏަށް ދޭން ޖެހެ އެވެ. އަދި ގުރައުންޑް ހޭންޑްލިންއަށް ބޭނުންވާ ސާމާނު ޖެޓެކްސްއިން ހޯދަން ދެން އެމްއޭސީއެލްއިން މިހާރު ބޭނުންކުރާ އާލާތްތައް ވެސް އެ ކުންފުންޏަށް ދޭން ޖެހެ އެވެ.

އެ މުއާމަލާތާ ގުޅޭ ގޮތުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްއާ ސުވާލުކުރި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އޭނާ ޖަވާބެއް ނުދެއްވި އެވެ.

ކޮމެންޓް (7)

ހުސެން

4 ޖުލައި 2025
މަށަށް ވެސް ދީބަލަ ތިތަން ހިންގަން. މަށަށް ޓާމިނަލް ހެދެންދެން މިހާރު ހުރި ޓާމިނަލް ބޭނުންކުރާ ގޮތަށް. އަދި މަށަށް އިކުއިޕްމަންޓް ގަނެވެންދެން އެމްއޭސީއެލްގެ ތަކެތި ބޭނުންކުރާ ގޮތަށް. އަދި މަށަށް ލާރި ލިބެންދެން އެމްއޭސީއެލްގެ ފައިސާ ވެސް މަށަށް ބޭނުންކުރެވޭ ގޮތަށް/. ލޮލް، ރޯމާ ދުވާލު ވައްކަން
2 0

ނޫރާ

4 ޖުލައި 2025
ޖަނާ އަށް ބައެއް އޭނާގެ ދަރިއަށް ބައެއް. މި އުޅެނީ އެމްއޭސީއެލް އަށް އެތަން ނުހިންގިގެނެއް ނޫން. ދެން ކީއްކުރަން ބޭރު ބަޔަކަށް ދޭންވީ. އެމްއޭސީއެލްގެ ސާމާނު ވެސް. ޖީއެމްއާރަށް ވުރެ މާ ގޯސް އަދި މިކަން.
5 0

ބައިއެޅުން

3 ޖުލައި 2025
ތިކަމުގައި "އޭނަޔަށް ބައެއް މީނާޔަށް ބައެއް ، ތީނަޔަށް ބައެއް އަހުންނަށް ބައެއް " އެޅިގެން ދާނެ
4 0

ފައިޝަލް

3 ޖުލައި 2025
ޖެޓެކްސްއަައުޓް ގަދަޔަށް ޖައްސާނެކަމަށް ޔާމީން ބުނެފި..ގައުމޭ ވަތަނޭ ދިދައޭ ކިޔާފަ ގައުމުގެ ދޮށާށި މިއޮއްވިއްކާލަނީ ބޭރު ގައުމަކުން ފައިސާ ފޮއްޗެއް ނުލިބުނީމާ
6 0

ޙުސެން

3 ޖުލައި 2025
ޖެޓެކްސް އަށް އެއްޗެހި ހޯދެންދެން، ތަންތަން ހެދެންދެން ކިޔާފަ ފުރުސަތު ދޭނެ ކަމެއް ނެތް.
7 0

ކޮސް

3 ޖުލައި 2025
މިއީ އެބުނާ ޤައުމިއްޔަތުގެ އެއްބައި.ވެރިކަން ކުރަން ނޭންގޭ ބަޔަކު ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ.
7 0

މަބުނީ

3 ޖުލައި 2025
މިހާރުވެސް ތިތަކުންފުންޏަށް އެއްމެބޮޑު އާމްދަނީއެއްލިބެނީ ޕްރައިވެޓް ޖެޓްތަކުން. ބަޔަކަށް ދޫކޮށްލުމަކީ ޖީއެމްއާރު އެއާޕޯޓު ދިނުންފަދަ ކަމެއް. ހުއްޓާލާ.
31 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް