ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ ގޮތުގެ ކުރެހުމެއް

އެއާޕޯޓުގެ ފުރިހަމަ ފައިދާ ހޯދަން ހަނިމާދޫ ތައްޔާރުވަނީ

ހަނިމާދޫން ޓޫރިޒަމްގެ މަސައްކަތަށް 5،000 އަކަފޫޓުގެ ނުވަ ބިމެއް ދޫކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން

ހދ. ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށް ގެންދާ މަޝްރޫއު ވަނީ އެ ރަށުގެ އިތުރުން މުޅި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންގެ އުއްމީދާ ވެސް ގުޅިފަ އެވެ. މިއީ މުޅި އެ ސަރަހައްދުގެ އިގްތިސޯދަށް އާ ދިރުމެއް އައިސް ރައްޔިތުންގެ ދިރިއުޅުމަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ މަޝްރޫއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްދެވޭ ތަނަކަށް ހަދާނެ އެވެ. އޭގެ ފަހުން އެއާޕޯޓް ވާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ތަނަކަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ކުރިން އޮތީ މިދިއަ މަހު

މިއީ މިހާރު ފަތުރުވެރިކަން މާ ބޮޑަށް ފުޅާވެފައި ނެތް ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް، ހާއްސަކޮށް ހަނިމާދު އާއި ހދ. އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެކެވެ.

އެއާޕޯޓުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ކުރާނީ އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރައިގެންނެވެ. އެއާޕޯޓުގެ ފުރިހަމަ ފައިދާ ހޯދަން ގާތްގަނޑަކަށް 4،000 އެނދު އެ ސަރަހައްދަށް ބޭނުންވެ އެވެ. އެއީ ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.

މިހާރު އެ ސަރަހައްދުގައި ޓޫރިޒަމް އޮތީ:

  • ހދ. އަތޮޅުގައި ހިންގަނީ ދެ ރިސޯޓު. އެއީ 60 ކޮޓަރީގެ ހޮނޑާފުށި ރިސޯޓާއި މިދިޔަ އަހަރު ހުޅުވި ސޮނޭވާ ސީކްރެޓް

  • ހއ. ގައި ވެސް މިހާރު ހިންގަނީ ދެ ރިސޯޓް

  • އެ ސަރަހައްދަށް އިތުރު ރިސޯޓުތައް އައިސްގެން ނޫނީ އެއާޕޯޓު ފީޒިބަލް ނުވާނެ

ހަނިމާދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް

އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށެންވާއިރަށް ހަނިމާދޫ ކައުންސިލުން ވަނީ އެ ރަށުގައި ފަތުރުވެރިކަން ކުރިއަރުވަން ރަށު ފެންވަރުގައި މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެ ތެރޭގައި އެރަށުން ފަތުރުވެރިކަމަށް ހާއްސަކޮށްގެން 5،000 އަކަފޫޓުގެ ނުވަ ބިން ކުއްޔަށް ދޫކުރުން ހިމެނެ އެވެ. 

އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވި ގޮތުގައި ކައުންސިލްގެ މި ދައުރުގެ އަމާޒަކީ ހަނިމާދޫގައި އޮޕަރޭޓު ކުރާ ޓޫރިސްޓު އެނދުގެ އަދަދު 1،000 އަށް އެރުވުމެވެ. އެކަމަށް ގޮންޖެހުންތައް ހުރި ނަމަވެސް އޭނާ ވިދާޅުވި ގޮތުން މަސައްކަތް ކުރަނީ އެ އަމާޒަށެވެ.

"އަސްލު ޓާގެޓަށް މަސައްކަތް ކުރެވިއްޖެ ނަމަ މި މަޝްރޫއިން ކައުންސިލަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.

މިހާރުވެސް ސިޓީ ހޮޓަލަކާ އެކު ހަނިމާދޫގައި ފަތުރުވެރިންނަށް ހިދުމަތްދޭ އަށް ފެސިލިޓީ އެބަ ހުއްޓެވެ. ހިތްގައިމު ގޮނޑުދޮށެއް އޮންނަ ހަނިމާދޫގައި ފަތުރުވެރިކަން ކުރިއަރައިދިޔުމަކީ އެއާޕޯޓުގެ މަޝްރޫއު ނިމޭއިރު އެ ރަށުގެ އިގްތިސޯދަށް ފައިދާ ކުރާނެ ކަމެކެވެ.

ހދ. ހަނިމާދޫގައި ހިންގާ ބެއާފުޓް އިކޯ ހޮޓެލް: މިިއީ ރީތި ބީޗެއް އޮތް ރަށެއް (ފޮޓޯ/ބުކިން.ކޮމް)

ހަނިމާދޫ ކައުންސިލުން މިހާރު ވެސް އަންނަނީ އެއާޕޯޓަށް ދާ ފަސިންޖަރުންނަށް ބޭނުންވާނެ އެހެން ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެރީ ޓާމިނަލް ތަރައްގީކޮށް، ފަސިންޖަރުންނަށް ބޭނުންވާނެ ވަސީލަތްތައް ގާއިމްކުރުމާ އެކު ރަށުން ދޭ އެހެން ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެއާޕޯޓު މަޝްރޫއު ނިމި، އެ ތަން ބޭނުން ކުރަން ފެށުމާ އެކު ރަށުގެ އެތެރޭގެ ދަތުރުފަތުރު ވެސް ހަރުދަނާވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިއީ ހދ. އަތޮޅުގެ އިތުރުން މުޅި އުތުރުގެ އަތޮޅުތައް، ހާއްސަކޮށް ބޮޑު ތިލަދުންމައްޗަށް އިގްތިސޯދީ ކުރިއެރުން އަންނާނެ މަޝްރޫއަކަށް ވާނެ ކަމަށެވެ.

"ޓޫރިޒަމުގެ އިތުރުން މަސްވެރިކަން ފަދަ ދާއިރާތައް ވެސް ކުރިއަރާނެ. މަސް އެކްސްޕޯޓު ކުރުން ފަދަ ކަންތަކަށް އިތުރަށް ފަސޭހަވެ، ފަހިވާނެ،" އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން 18 ޖެނުއަރީ 2023 ވަަނަ ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

ބިޔަ މަޝްރޫއެއް ހަނިމާދޫގައި ކުރިއަށްދާއިރު، ކައުންސިލްގެ ރައީސްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ކައުންސިލާ ގުޅިގެން މަސައްކަތްތައް ކުރިއަށް ނުގެންދިޔުމެވެ. އެއާޕޯޓު މަޝްރޫއުގެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ވެސް ކައުންސިލަށް އެންމެ ރަނގަޅަށް އޮޅުންފިލާފައި ނެތްކަން އަބްދުއްސައްތާރު ފާހަގަކުރެއްވި އެވެ.

"ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރަށުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި ކައުންސިލުން ސަރުކާރަށް އެއްބާރުލުން ދޭނަން،" އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު

  • މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)

  • މަޝްރޫއު ހިންގަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން

  •  2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ

  • އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ

  • އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ

މިހާރު ވެސް ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރެވިންޑްރަމްއަށް ސީދާ ދަތުރުތައް ކުރެ އެވެެ. އެއާޕޯޓު ހުޅުވުމާ އެކު މި ދަތުރުތައް އިތުރަށް ފުޅާވެ އިތުރު ގައުމުތަކުން އެ އެއާޕޯޓަށް ފްލައިޓުތައް އޮޕަރޭޓު ކުރުމަށް ފަހިވާނެ އެވެ.

ނަމަވެސް އިންޑިއާއާ ކައިރީ އޮންނަ ހަނިމާދޫން އެ ގައުމަށް ކުރާ ދަތުރުތަކުގެ އަގު ބޮޑުވުމަކީ އޮތް ކަންބޮޑުވުމެކެވެ. 

"މޯލްޑިވިއަންއިން ފާހަގަކުރޭ ހަނިމާދޫން އިންޑިއާއަށް ކުރާ ދަތުރުތަކުގެ ޑިމާންޑު ރަނގަޅުކަން. އެކަމަކު އިންޑިއާއާ އެންމެ ކައިރިން ހަނިމާދޫ އޮންނައިރު ޓިކެޓުގެ އަގު ބޮޑު،" އަބްދުއްސައްތާރު ވިދާޅުވި އެވެ.

މޯލްޑިވިއަންއިން މިހާރު ވަނީ ހަނިމާދު އާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ވެސް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެފަ އެވެ. މިހާރު ކަނޑައަޅާފައި ވަނީ އަންނަ މަހުން ފެށިގެން ހަފްތާއަކު ދެ ދުވަހު ބެންގަރޫލަށް ދަތުރުކުރާށެވެ. މިއީ އިންޑިއާއަށް ދަތުރުކުރާ އުތުރުގެ ރައްޔިތުންނަށް ލިބޭނެ އިތުރު ފަސޭހައެކެވެ.

އަނެއްކޮޅުން އިންޑިއާއިން ފަތުރުވެރިން ގެންނަން ވެސް އާ އެއާޕޯޓަކީ ހުޅުވޭނެ އިތުރު ދޮރެކެވެ.

މަޑިއެއްގެ ރީތި ޑިޒައިނަށް ތަރައްގީކުރާ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިންމަން ކުރިން ކަނޑައަޅާފައި އޮތީ މި އަހަރުގެ މާޗު މަހަށެވެ. މަސައްކަތް ނުނިމި ލަސްވެފައިވަނީ ކީއްވެގެންކަން އަދި ސާފެއް ނުވެ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް

މިދިޔަ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީގެ ސަބްކޮމެޓީގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ހަނިމާދޫގައި ސީޕްލޭން ޓާމިނަލެއް ހެދުމުގެ މަސައްކަތް ވެސްކުރަމުން އަންނަ ކަމަށެވެ.

އޭނާ އެ ދުވަހު ފާހަގަކުރެއްވި ގޮތުގައި:

  • ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒިބަލް ވާނީ ކައިރީގައި ހުންނަ ޓޫރިސްޓް އެނދުތައް ފުރާނެ ޓޫރިސްޓުންނަށް މަގުފަހިވެގެން

  • ހަނިމާދޫ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކުން އަންނަ ފަސިންޖަރުންނަށް 180 ކިލޯމީޓަރުގެ ރޭޑިއަސްގައި ހުރި ރިސޯޓުތަކަށް ދެވެންޏާ ހަނިމާދޫ އެއާޕޯޓު ފީޒިބަލްވާނެ

  • ވީއައިއޭއަށް ޖައްސާ ބައެއް ނެރޯ ބޮޑީ އެއާކްރާފްޓުތައް ހަނިމާދުއަށް ޖައްސާ ގޮތަށް ބަދަލުކުރެވޭނެ

މި މަޝްރޫއު ނިމި، އެއާޕޯޓުގެ ފުރިހަމަ ބޭނުންކުރަން ފެށުމުން އުތުރަށް ލިބޭނެ ޓޫރިޒަމްގެ އާ ފުރުސަތުތައް ގިނަވާނެ އެވެ. ހަނިމާދޫ ކައުންސިލުން އެ އަންނަނީ އެކަމަށް ވިސްނައިގެން މަސައްކަތްކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް