ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްުޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ހަނިމާދޫ އެއާޕޯޓް ހިންގަން އިންޑިއާ ބަޔަކާ ހަވާލުކުރަން މަޝްވަރާކުރަނީ

ހަނިމާދޫ އެއާޕޯޓް ހިންގުމުގައި އިންޑިއާގެ އެހީތެރިކަމަށް އެދުނީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވޭ

އިންޑިއާގެ ލޯނެއްގައި ހދ. ހަނިމާދޫގައި ތަރައްގީކޮށް މިދިޔަ ނޮވެމްބަރު މަހު ހުޅުވި އިންޓަނޭޝަނަލް އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީއަށް ރާއްޖެ އިން އެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) ގައި އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ވީ ކިހިނެއް؟ - 'ދަ ހިންދޫ' ގައި ރިޕޯޓުކޮށްފައިވާގޮތުން ހަނިމާދޫ އެއާޕޯޓު ހިންގުމުގައި އިންޑިއާގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދުނީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ. ރާމް މޯހަން ނައިޑޫ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އަދި އެ ގޮތަށް އެދިވަޑައިގެންނެވީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްުޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ތަފްސީލް - އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގައި އެ ގައުމުގެ ސަރުކާރުން މި ނިމޭ ހަފްތާގެ ކުރީކޮޅު އެދިފައިވަނީ ދިވެހި ސަރުކާރުގެ އެ 'ޕްރޮޕޯސަލް' ދިރާސާ ކުރުމަށް ކަމަށް ސަރުކާރުގެ އިިސް އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ އިން ބުނެފައިވެ އެވެ.

އޭއޭއައި އިން އަންނަނީ އިންޑިއާގެ 26 ސްޓޭޓެއްގައި ހިންގާ އެއާޕޯޓުތައް ބަލަހައްޓަމުންނެވެ. މީގެ އިތުރުން އެ އިދާރާ އިން ތަރައްގީކޮށްފައިވާ 113 އެއާޕޯޓު އިންޑިއާގައި އޮވެ އެވެ. އޭގެ ތެރެއިން ބައެއް އެއާޕޯޓުތައް ހިންގަނީ ޖީއެމްއާރާއި އަދާނީ ފަދަ ބޮޑެތި ގްރޫޕުތަކުންނެވެ.

ގުޅުން ހުރި - ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ ކުންފުންޏެއް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާއިރުހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރާކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެނގުން މުހިއްމު - ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަހަރަކު1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

  • މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)

  • 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ

  •  އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ

ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވި ހަނިމާދޫ އެއާޕޯޓަށް އޭ-320މަރުކާގެ ބޯޓު ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް އަރުވަނީ(ފޮޓޯ/ ރައީސް އޮފީސް)

ފާހަގަ ކުރެވޭ - ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ތަރައްގީ ކުރަން މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރާ ހަވާލު ކުރި އެވެ. ނަމަވެސް އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޮޑު ކެމްޕޭނެއް ހިންގާ، ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު ޖީއެމްއާރާއެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލައިފަ އެވެ.

ފަހުން އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 270 މިލިއަން ޑޮލަރު (4.1 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދެއްކި އެވެ.


ކޮމެންޓް (3)

އައްޕަ

2 ޖެނުއަރީ 2026
ތީ ހަމަ ރަނގަޅުކަމެއް. ރާއްޖޭގެ ރިޒޯޓުތައްވެސް ހިންގަނީ ބޭރުގެ ފަރާތްތަކުން. އެހެންނޫނަސް ހާލުގަ ޖެހޭ ކޮންމެފަހަރަކު އިންޑިއާއިން ދޭ އެހީ އޯކޭ. އެއަރޕޯޓް ހިންގަންވީމަ ނޯއޯކޭ. މިކިހިނެއްވާކަމެއް
0 1

ކޮސް

2 ޖެނުއަރީ 2026
ބަލަ އިންޑިއާ ސިފައިން " ހިނި އުތުރޭހެން " ރާއްޖޭގެ ރަށްރަށުގައި ގިނަކަމުން ޤައުމިއްޔަތަށް ގެއްލުންވާތީ ވަޑައިގެން ރަޢީސް މުޅި އުތުރުގެ ބާރު އުތުރުކަރައަށް ދެއްވަނީތޯ! މިކަން އެއްގޮތަކަށްވެސް ވިޔަދީގެންނުވާނެ .މިކަމާ ދެކޮޅަށް އަޑުއުފުލަން އެބަޖެހޭ.....
0 0

ނުވާނެއޭ

2 ޖެނުއަރީ 2026
މިކަން ކޮށްގެން ނުވާނެއޭ ނުވާނެއޭ މީ ގައުމުގެ މިނިވަންކަން ވިއްކާލުމޭ މޮރިޝަސް އަށް މިހާރުވެފައިވާ ގޮތޭ އެއިރުން މިގައުމަށް ވާނީ މިކަން ކޮށްގެން ނުވާނެއޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް