އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި (ފޮޓޯ/ ރައީސް އޮފީސް)
ހަނިމާދޫ އެއާޕޯޓު ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގު: ސައީދު
ތަރައްގީކޮށް ނިމެން ކައިރިވެފައި އޮތް ހދ. ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މި ފަހުން ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެކަމުގެ މަޝްވަރާތަކެއް ކުރެއްވި ކަމަށް ތުހުމަތުކުރެއްވީ ކުރީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.
ޔާމީން ތުހުމަތުކުރެއްވީ:
-
މި ސަރުކާރުން "ވިއްކާލަން ނިންމާފައިވާ" ތަންތަނުގެ ލިސްޓުގައި ހަނިމާދޫ އެއާޕޯޓު ވެސް ހިމެނޭ ކަމަށް
-
އެ އެއާޕޯޓު "ވިއްކާލަނީ" އިންޑިއާގެ އަދާނީ ގްރޫޕަށް ކަމަށް
-
މިފަހަރު ރައީސް މުއިއްޒު ސިންގަޕޫރުގައި ބައްދަލުކުރެއްވި މީހުންގެ ތެރޭގައި އަދާނީ ގްރޫޕުގެ ޗެއާމަން ހިމެނޭކަން އެނގިފައިވާ ކަމަށް
އިތުރަށް ކިޔާލަން
މި ތުހުމަތުތައް ސައީދު ދޮގުކުރެއްވީ އެކަމާ ގުޅޭ ގޮތުން އޭނާގެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭކަމަށް ބުނެ ފަތަރަމުންދާ ވާހަކަ އާއި މިކަމާ ބެހޭ ގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް،" ސައީދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އެނގުން މުހިންމު - އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގަ އެވެ. އެގޮތުން:
-
މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)
-
2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ
-
އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ؛ އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ
-
މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ބުނެފައިވާ ގޮތުގައި އެ މަޝްރޫއޫގެ %88 ވަނީ ނިމިފައި
-
އެއްކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރަށް