ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް މުއިއްޒު މިނިސްޓަރު އަމީން އާ ސަލާމް ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ދިވެހި ކުންފުނިތަކުން: އަމީން

އެއާޕޯޓުތަކުގެ ހިންގު ރާއްޖޭގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ބޭއްވުމަކީ ސަރުކާރުގެ ސްޓޭންޑު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި

ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ރާއްޖޭގެ ކުންފުނިތަކުން ކަމަށާއި ސަރުކާރުގެ އެ ސްޓޭންޑަށް ބަދަލެއް ނާންނާނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ކްރެޑިޓް ލައިންގެ އެހީގައި ހދ. ހަނިމާދޫ ގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ އެހީއަށް ރާއްޖޭން އެދިފައިވާ ކަމަށް އިންޑިއާގެ މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު އަރިހު އެގޮތަށް އެދިވަޑައިގެންފައިވަނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވެސް 'ދަ ހިންދޫ' ގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ތަފްސީލް - އެކަމާ ގުޅިގެން މިނިސްޓަރު އަމީން މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓެއް ވެސް ހިންގަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ އޮތް ދިވެހި އޮޕަރޭޓަރުން ކަމަށެވެ.

"އަދި އެއާޕޯޓުތަކުގެ ހިންގު ރާއްޖޭގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ބޭއްވުމަކީ ސަރުކާރުގެ ސްޓޭންޑު،" އަމީން ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްުޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

އެނގުން މުހިއްމު - ހަނިމާދޫ އެއާޕޯޓާ ގުޅޭގޮތުން ދަ ހިންދޫ ގައި ބުނެފައިވަނީ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީއަށް ރާއްޖެ އިން އެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) ގައި އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށެވެ.

އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގައި އެ ގައުމުގެ ސަރުކާރުން މި ނިމޭ ހަފްތާގެ ކުރީކޮޅު އެދިފައިވަނީ ދިވެހި ސަރުކާރުގެ އެ 'ޕްރޮޕޯސަލް' ދިރާސާ ކުރުމަށް ކަމަށް ސަރުކާރުގެ އިިސް އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ އިން ބުނެފައިވެ އެވެ.

ގުޅުން ހުރި -ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރާކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް