މަސްވެރިންގެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން (ފައިލް ފޮޓޯ)

މަސްވެރިން

މަސްވެރިންގެ މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

އެންމެ ފަހުން ބަންދުގައި ތިބި ދެ މީހުން އިއްޔެ ދޫކޮށްލާފައިވާކަމަށް

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހަފްތާ ބުދަ ދުވަހު ފާހަގަ ކުރި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިން ވަނީ ޖެހިޖެހިގެން ދެ ދުވަސް ދޯނިތަކުގައި ކަންބޮޑުވުންތައް ފާޅުކުރުމަށް މާލެ ފަޅު ބޭރުގައި މުޒާހަރާކޮށްފަ އެވެ. އެގޮތުން:

  • ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މުޒާހާރާ ފުލުހުން ރޫޅާލުމަށް ދޯނިތަކަށް އަރައި، ޖުމްލަ ތިން މީހަކު ހައްޔަރު ކުރި

  • އަދި އެމީހުންގެ ބަންދަށް ކޯޓުން މިދިޔަ ހުކުރު ދުވަހު ފަސް ދުވަސް ދީފައިވޭ

ތަފްސީލު - ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ދައުރު'އަށް ވިދާޅުވީ، ބަންދުގައި ތިބި އެންމެން އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.

"އެންމެ ފަހުން ބަންދުގައި ތިބި ދެ މީހުން އިިއްޔެ ވަނީ ދޫކޮށްލާާފައި. އެ ދެމީހުން ދޫކޮށްލީ ތަހުގީގަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި އެ މުޒާހަރާގައި އިސްކޮށް ހަރަކާތެރިވި ބޮޑުކަންނެލި ޔޫނިނައަންގެ ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ)ވެސް ހިމެނެ އެވެ. ސިއްހީ ހާލަތު ހުރި ގޮތުން، ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާ ގުޅިގެން މެންބަރު މައުރޫފު މިދިޔަ ހޮނިހިރު ދުވަހު ވަނީ، ބަންދުން ދޫކޮށްލާފަ އެވެ.

 ގުޅުން ހުރި - މުަޒާހަރާ ތެރެއިން ބޮޑުކަންނެލި މަސްވެރިންގެ ކުރި މައިގަނޑު ތިން ޑިމާންޑެކެވެ. އެއީ:

  • ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން

  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން

  • މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި އައިސް ލިބޭނެ ގޮތް ފަހިކޮށްދިނުން

މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ބޮޑުކަންނެލި މަސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ. އަދި ދެ ހަފްތާ ތެރޭ މައްސަލަތައް ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް