ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖު (ދައުރު ފޮޓޯ)
ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިން އިއްޔެ ފެށި އިހުތިޖާޖު މިއަދު ވެސް ކުރިއަށް
ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށްބުނެ ބޮޑުކަންނެލި މަސްވެރިން އިއްޔެ ފެށި އިހުތިޖާޖު މިއަދު ވެސް ކުރިއަށް އެބަ ގެންދެ އެވެ.
ވީ ކިހިނެއް؟ - އިއްޔެ ހުޅުމާލެ ކަންނެލި ޖެޓީ އިން ފެށި އިހުތިޖާޖުގައި ބައިވެރިވާ ދޯނިތައް ހަވީރު މާލެއަށް މިސްރާބު ޖެހި އެވެ. ދޯނިތައް މާލެ ފަޅަށް ވަނަ ނުދިނުމަށް ކޯސްޓްގާޑުން ހަރަކާތްތެރިވި އިރު މިހާރު ވެސް އެ ދޯނިތައް އަޅާފައި އޮތީ މާލޭ ފަޅު ބޭރުގަ އެވެ.
ތަފްސީލް - ބޮޑުކަންނެލި މަސްވެރިންގެ މައިގަނޑު ތިން ޑިމާންޑެއް އޮތް އިރު އެމީހުން ބޭނުންވަނީ:
-
ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން
-
ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން
-
މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުން
Every worker has the right to strike to protect their livelihood and secure better working conditions. We urge not interrupt our peaceful protest, respect freedom of association and workers rights @MMuizzu @Shiyamaldives @ilo @iufap @itucasiapacific @ILOColombo pic.twitter.com/kF6GkopBOM
— Bodu Kanneli Masveringe union- BKMU (@FishermensUnion) December 11, 2025
އިހުތިޖާޖު އިންތިޒާމުކުރާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ން ވަނީ މިއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި ގާނޫނުއަސާސީ އާއި ގާނޫނުން ލިބިދޭ އެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އެެދިފަ އެވެ.
-
އެ ޔޫނިއަނުން ވަނީ ރައީސް މުހައްމަދު މުއިއްޒު ބޮޑުކަންނެލި މަސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށް ވެސް ގޮވާލާފައި
-
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެ ޖަމްއިއްޔާ އިން ބުނި
ގުޅުން ހުރި - މަސްވެރިންގެ ޑިމާންޑުތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހުރިހާ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދައިދޭނެ ކަމަށެވެ.
"ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި، ދިގުލައިގެންދާ މައްސަލަ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަ،" ޝިޔާމް ވިދާޅުވި އެވެ.
"މިކަން ހައްލު ކުރުމަށް ބޮޑުކަންނެލި މަސްވެރިން ޕްރޮޕޯސް ކުރައްވަނީ ސަރުކާރުން މިކަމަށް 'އިންޓަވީން'ކޮށް، ކަންނެލި މަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށް. އަދި ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދު ވީހާ ވެސް އަވަހަށް ތަންފީޒު ކުރެއްވުމަށް."
ޝިޔާމް ވިދާޅުވީ ހުޅުމާލޭގައި ސަރުކާރުން އަޅަން ރާވާފައިވާ ބޮޑުކަންނެލި ޕްރޮސެސިން ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީގައި ފަށަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެސް އަންނަނީ ވަމުން ކަމަށެވެ.
އޭގެ އިތުރުން:
-
މިދިޔަ އަހަރުގެ ޖޫންއިން ފެށިގެން މާލެ ސަރަހައްދުން، އެސްޓީއޯ މެދުވެރިކޮށް ބޭސް ރޭޓުގައި ތެޔޮ ލިބޭނެ
-
ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ މާޗުގެ ނިޔަލަށް ހަމަޖެހޭނެ
"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް،" ޝިޔާމް ވިދާޅުވި އެވެ.
"މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރެއްކަން ޔަގީން އިންޝާﷲ."