ބޮޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ޓީމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ ބައްދަލުކުރުމަށް ވެނާލާ ބިލްޑިން ކައިރީގައި

މަސްވެރިން

މަސްވެރިންގެ ކަންބޮޑުވުންތަކަށް ދެ ހަފްތާތެރޭ ހައްލު ހޯދައިދޭނެ ކަމަށް ޝިޔާމް ވިދާޅުވި: ޔޫނިއަން

މި ބައްދަލުވުމުގައި މިފްކޯއަށް ބޮޑު ކަންނެލި ކިރޭނެ ގޮތް ހައްދަވައިދެއްވާނެ ކަމާއި އެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ބޮޑު ކަންނެލި ޔޫނިއަން އިން ބުނި

މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ކުރިއަށް އޮތް ދެ ހަފްތާތެރޭ ހައްލު ގެނެސްދޭނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދެއްވާފައިވާ ކަމަށް ބޮޑު ކަންނެލި ޔޫނިއަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބޮޑު ކަންނެލި ޔޫނިއަންގެ ފަރާތުން އިސް ނަގައިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އަންނަނީ ސިލްސިލާ އިހުތިޖާޖެއް ކުރަމުންނެވެ.

މި އިހުތިޖާޖުގެ ބައިވެރިންގެ އޮތީ މައިގަނޑު ތިން ޑިމާންޑެކެވެ. އެއީ:

  • ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން

  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން

  • މަސްވެރިންނަށް އެންމެ ކުޑަ އަގުގައި ތެޔޮ ފޯރުކޮށްދިނުމާއި އައިސް ލިބޭނެ ގޮތް ފަހިކޮށްދިނުން

ތަފްސީލް - މި އިހުތިޖާޖު ހޫނުވެ، ބުރާސްފަތި ދުވަހު ބައެއް މަސްވެރިން ހައްޔަރު ވެސް ކޮށްފައިވަނިކޮށް، މިނިސްޓަރު މިއަދު ވަނީ އެ ޔޫނިއަންގެ މަސްވެރިންގެ ޓީމަކާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެެ. މި ބައްދަލުވުމުގައި 40 އަށްވުރެ ގިނަ މަސްވެރިން ބައިވެރިވި އެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުން ފެށީ މެންދުރު 11 ޖަހާކަށްހާއިރު އެވެ. ހަވީރު 4 ޖަހާކަށްހާއިރު މި ބައްދަލުވުން ނިންމާލުމަށްފަހު، ބޮޑުކަންނެލި ޔޫނިއަންގެ ޓީމުން ނިކުމެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި، މަސްވެރިންގެ ހުރި ބޮޑެތި ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ޝިޔާމަށް ހިއްސާކުރެވުނެވެ. 

އަދި، އެކަންކަމަށް އެދެވޭ ހައްލުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން މި ބައްދަލުވުމުގައި:

  • މައިގަނޑު ހަ ކަމެއް މިިނިސްޓަރަށް ހުށަހެޅުއްވި ކަމަށް ބޮޑުކަންނެލި ޔޫނިއަންގެ ޓީމުން ބުނި

  • ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްދެވޭނެ ގޮތަކަށް އެކަންކަން ކުރަން ބޭނުންވާތީ، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ދެ ވަރަކަށް ހަފްތާ ދެއްވުމަށް މިިނިސްޓަރު އެދިލެއްވި

  • މިފްކޯއަށް ބޮޑު ކަންނެލި ގަނެވޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި

  • ކަނޑުއޮތްގިރި ވީހާވެސް އަވަހަށް އޮޕަރޭޝަނަށް ގެނާންނެ ކަމަށް މިނިސްޓަރު ވިދާޅުވި

"މި ދެހަފްތާތެރޭ ކޮންމެވެސް ގޮތެއް ހައްދަވައިދެއްވާނެ ކަމުގެ ސިގްނަލް ލިބިއްޖެ ގައިމުވެސް. އެކަމަކު [އެކަން ކުރާނެ] ސީދާ ތާރީހެއް އަދި އަތުނުވަނީ،" އެ ޓީމުން ބުންޏެވެ.

ވަރަށް ދިގުކޮށް ދިޔަ އެ ބައްދަލުުވުން މިނިސްޓަރު މިއަަދަށް ނިންމަވާލެއްވީ، ކުއްލި ބައްދަލުވުމަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ކަމަށާއި އެ ކުއްލި ބައްދަލުވުމަކީ ވެސް މި ކަންބޮޑުވުންތަކުގެ ތެރޭގައި ހުރި މުހިންމު ކަމަކަށް ހައްލު ހޯދައިދިނުމަށް ވަޑައިގެންނެވި ބައްދަލުވުމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ޓީމުން ބުންޏެވެ. 

"އުންމީދުކުރަނީ ވަރަށް އަވަހަށް މަސްވެރިން އުފާވާ ކަހަލަ ޖަވާބުތަކެއް މިނިސްޓަރު ދެއްވާނެ ކަމަށް،" ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވި އެވެ.

ބޮޑު ކަންނިލި ޔޫނިއަންގެ ޓީމުން އިތުރަށް ބުނީ، އަދިވެސް މަސްވެރިން ތިބީ ސުލުހަވެރި އިހުުތިޖާޖެއްގައި ކަމަށާއި އެ އިހުތިޖާޖު ނިންމާލެވޭނީ ހުށަހަޅާފައިވާ ޑިމާންޑުތައް ހައްލުކޮށްދިނުމާއެކު، މިހާރު ހައްޔަރުގައި ތިބި މީހުން ދޫކޮށްލުމުން ކަމަށް ވެސް ބޮޑު ކަންނިލި ޔޫނިއަންގެ ޓީމުން މިއަދު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް