މަސްވެރިންގެ އިހުތިޖާޖުގައި މައުރޫފު ވާހަކަ ދައްކަވަނީ

މައުރޫފް ޒާކިރު

މައުރޫފް ހައްޔަރުކުރީ މެންބަރުންގެ އިމްތިޔާޒުތަކާ ހިލާފަށް: މެމްބަރު އަމީން

ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި އިސްކޮށް ހުންނަވަނިކޮށް ކެންދޫ ދާއިރާގެ މެމްބަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ފަސް ދުވަހަށް ހައްޔަރުކޮށްފައި

ބޮޑުކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހައްޔަރުކުރީ މަޖިލީހުގެ މެންބަރަކަށް ލިބިދޭން ޖެހޭ އިމްތިޔާޒުތަކާ ހިލާފަށް ކަމަށް ގަބޫލުކުރައްވާ ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި އިންނަވާ އެމްޑީޕީގެ މެންބަރު، ކަނޑިތީމު ދާއިރާގެ އަމީން ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މައުރޫފް ހައްޔަރުކުރީ އިހުުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވަނިކޮށެވެ. މަސްދޯންޏެއްގައި ހުންނަވަނިކޮށް އޭނާގެ ހަތަރެސްފައިގައި ހިފާ ތިރިއަށް ބާލާތަން ވީޑިއޯއިން ފެނުނެވެ.

މައުރޫފުގެ ބަންދަށް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

މައުރޫފްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ކަނޑު ދަތުރުފަތުރުކުރުމަށް ހުރަސްއެޅުން

  • ކޯސްޓު ގާޑު އުޅަނދަކަށް ގެއްލުންދިނުން

  • ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން

ތަފްސީލް- މައުރޫފް ހައްޔަރުކުރުމާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގެ ބައްދަލުވުމެއް އެރޭ ބޭއްވި އެވެ. އެ ބައްދަލުުވުމުގައި އަމީން ހުށަހެޅުއްވި ކަންތަކާ ގުޅިގެން މިރޭ ނުވަތަ މާދަމާ ރޭ އިތުރު ބައްދަލުވުމެއް ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެޓީގެ ނިންމުންތައް ފާސްކުރަން ކޯރަމް ހަމަވާ އަދަދަށް މެންބަރުން ކޮމެޓީއަށް ހާޒިރުވޭތޯ ވެސް ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ކޮމެޓީއަށް ހާޒިރުވެވޭނެ ކަމަށް އަންގަވާފައި ވަނީ އަމީންގެ އިތުރުން ޕީއެންސީގެ އެންމެ މެމްބަރެއް ކަމަށް އެނގިފައިވެ އެވެ.

'ދައުރު' އާ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މައުރޫފް ހައްޔަރުކުރީ ޖިނާއީ ކުށުގެ ވެއްޓަކުން ކަަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ލިބިދޭން ޖެހޭ އިމްތިޔާޒުތަކާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ހައްޔަރުގައި ހުންނައިރު، އާންމުންނަށް ވެސް ލިބިދޭން ޖެހޭ ހައްގުތައް މައުރޫފަށް ނުލިބޭ ކަމަށެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް