ކެންދޫ ދާއިރާގެ މެންބަރު މައުރޫފު (ފޮޓޯ/މަޖިލިސް)

ކްރިމިނަލް ކޯޓު

މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މެމްބަރު މައުރޫފުގެ ބަންދަށް 5 ދުވަސް

މައުރޫފަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ކޯސްޓު ގާޑުގެ އުޅަނދަކަށް ގެއްލުން ދިނުމާއި ކަނޑު ދަތުރުކުރުމަށް އެހެން އުޅަނދުތަކަށް ހުރަސްއެޅުން ހިމެނޭ

ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރުގެ ބަންދަށް ފަސް ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ވީ ކިހިނެއް؟ - މާލޭ ފަޅު ބޭރުގައި މަސްވެރިންގެ ދޯނިތައް އަޅައިގެން އިހުތިޖާޖު ދެވަނަ ދުވަހަކަށް ކުރިއަށް ގެންދަނިކޮށް ފުލުހުން ވަނީ ދޯނިތަކަށް އަރައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މައުރޫފު، ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ހާޒިރުކުރުކޮށް ފުލުހުން އެދުނީ 15 ދުވަހަށް ބަންދުކޮށްދިނުމަށެވެ. އެކަމަކު ކޯޓުން ބަންދު އަމުރު ދީފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

މައުރޫފްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ކަނޑު ދަތުރުފަތުރުކުރުމަށް ހުރަސްއެޅުން

  • ކޯސްޓު ގާޑު އުޅަނދަކަށް ގެއްލުންދިނުން

  • ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން

މައުރޫފުގެ ފަރާތުން މިއަދު ކޯޓުގައި މައިގަނޑު ގޮތެއްގައި ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ނުގެންގޮސް ދޫނިދޫގައި ގިނަ ވަގުތުތަކެއް ވަންދެން ބޭތިއްބުން ހިމެނެ އެވެ. ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވިގޮތުގައި، މައުރޫފުގެ ވަކީލުގެ ގޮތުގައި ހަވާލުވާން ފުލުހުންގެ ފަރާތުން އިއްޔެ މައުލޫމާތު ސާފުކުރި އިރު، 6 ޖެހުމާ ހަމަޔަށް ވެސް ފުލުހުން ބުނަމުންދިޔައީ އޭނާ ހުރީ ބަންދުގައި ނޫން ކަމަށެވެ.

އެކަމަކު ކޯޓަށް ހުށަހެޅި ލިޔެކިއުމުގައި ހައްޔަރުކުރި ވަގުތު ކަމަށް އޮތީ އިއްޔެ 12:24 ކަމަށާއި އެ ވަގުތުން ފެށިގެން ބަލާއިރު މިއަދު ކޯޓަށް ހާޒިރުކުރިއިރު ބަންދުގެ މުއްދަތު ނުޖަހައި 24 ގަޑއިރު ހޭދަވެފައިވާ ކަމަށް ވިދާޅުވި އެވެ. މީހަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފި ނަމަ 24 ގަޑިއިރު ތެރޭ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރަން ގާނޫނުތައް ލާޒިމްކުރާކަން ނިޝާން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މައުރޫފް އެ އިހުތިޖާޖުގައި ބައިވެރިވީ ބޮޑުކަންނެލި ޔޫނިއަންގެ ސެކްރެޓަރީ ޖެނަރަލްގެ ހައިސިއްޔަތުން ކަމަށެވެ. ކޯސްޓު ގާޑުގެ އުޅަނދަކަށް ގެއްލުން ލިބުނީ ފުލުހުން އެ އިހުތިޖާޖުގެ ތެރެއަށް ވަދެގަނެ ހިންގި އަމަލުތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ތެރޭގައި ފުލުހުންގެ އުޅަނދެއް ގޮސް ކޯސްޓު ގާޑުގެ އުޅަނދުގައި ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިހުތިޖާޖުން ހައްޔަރުކުރި އިތުރު ފަސް މީހެއްގެ ބަންދުމުގެ މުއްދަތު ޖެހުން ވެސް މިހާރު ކޯޓުގައި ކުރިއަށް އެބަދެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް