ރައީސް މުހައްމަދު މުއިއްޒު މިއަދު މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ބޭނުން ވަނީ ހަގީގީ މާނާގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރަން: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާާޅުވީ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަކުރެވޭނީ ރާއްޖޭގެ އިގުތިސާދު އެކަމަށް ފައްކާވުމުން ކަމަށް

ބޭނުންވަނީ ހަގީގީ މާނާގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރަން ކަމަށާއި އެ ދާއިރާއާ ގުޅުން ހުރި ކަންތައް ނަމެއްގައި ފަށަން ބޭނުން ނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރ. ދުވާފަރުގައި މިއަދު އޮތް މަސްވެރިންގެ ފޯރަމްގައި މަސްވެރިންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން އެ ދާއިރާގެ މީހުންގެ ހިޔާލާއި މަޝްވަރާ މުހިއްމު ކަމަށެވެ. އެ ހިޔާލާއި މަޝްވަރާއަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "މަސްވެރިންގެ ފަރާތުން، ކެޔޮޅުންގެ ފަރާތުން، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތައް، ޕްރޮސެސްކުރާ ފަރާތްތައް. އެކި ފަރާތްތަކުން މިދިޔަ ދުވަސްތަކުގައި އެކި ފަހަރުމަތިން އަޅުގަނޑާ ބައްދަލުކޮށްފައިވޭ. އަދި މިނިސްޓްރީއާ އެކު ވެސް މަސައްކަތް ކުރަމުން އެ އަންނަނީ،" ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މި ދަނީ މެނިފެސްޓޯގައި އަޅުގަނޑު ބަޔާންކޮށްފައި ހުރި ކަންކަމާ އަދި ތި ބޭފުޅުން އެކި ފަހަރު މަތިން އަޅުގަނޑަށް ދަންނަވާފައި ހުރި ކަންކަމާ މި ހުރިހާ ކަމަކަށް ވަރަށް އީޖާބީ ގޮތެއްގައި ރަނގަޅު ކުރިއެރުންތަކެއް ގެނެސްދޭން." 

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ދާއިރާގެ މީހުން ދޭ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް ކަންކަމަށް ރަނގަޅު ހައްލު ގެނެސްދޭ ތަން ކުރިއަށް އޮތް ތަނުގައި ފެންނާނެ އެވެ.

"އެއްވެސް ހިޔާލުފުޅެއް އަދި ތިބޭފުޅުން ތި ފާޅުކުރައްވާ އެއްވެސް ކަމަކީ ބޭކާރު ވެގެންދާނެ ކަމެއް ނޫން. އަޅުގަނޑު ބޭނުންވަނީ މި ސިނާއަތް ނަގާ ކުރިއަރުވަން. ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ހާސިލްކުރަން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބައެއް ކަންކަން ކުރެވޭނީ ރާއްޖޭގެ އިގްތިސޯދު އެކަމަކަށް ފައްކާވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ބޭރުގެ ބައެއް ލޯނުތަކާ ގުޅިފައި ހުރި މަޝްރޫއުތައް ވެސް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެއީ ވަކި އުސޫލެއްގެ ދަށުން ކުރާ ކަންތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބައެއް އައިސްޕްލާންޓުތަކާއި މަސް ފެކްޓްރީތަކުގެ މަސައްކަތް ފެށުމުގައި ލަސްތަކެއް އައި ކަމަށެވެ. މިހާރު އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާކަން ފާހަގަކުރެއްވި އެވެ.

"[މަސައްކަތް ލަސްވަނީ] އެއްގޮތަކަށް ވެސް މި އިންޑަސްޓްރީއަށް ފަރުވާކުޑަކޮށްގެންނެއް ނޫން. ނޫނީ އަޅާ ނުލައިގެންނެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ކަމެއް ހަމަ ނަމެއްގައި އިއުލާނުކުރާކަށް ނޫނީ ފަށާކަށް. އެ ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ގޮތަކަށް. އަޅުގަނޑު ބޭނުންވަނީ ހަގީގީ މާނާގައި މި އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާން."


އިތުރު އާޓިކަލް

އިތުރު އާޓިކަލް