ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

ރައްޔިތުންގެ ބަހެއް ނެތި ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއަށް ދީފައި ބާއްވަން މަޖިލީހުން ފާސްކޮށްފި

ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން މި ބިލު ފާސް ކުރީ 75 މެންބަރުންގެ ވޯޓާ އެކު؛ އެއާ އެކު، ދެން ވެސް މެންބަރަކު ޕާޓީން ވަކިކުރުމުން އޭނާގެ މެންބަރުކަމުގެ މަގާމު ގެއްލޭނެ

ރައްޔިތުންގެ ބަހެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ބާރު އޭނާ ނިސްބަތްވާ ޕާޓީއަށް ދީފައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އެނގުން މުހިންމު - ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހަ ގަޑިއިރު ތެރޭ ގާނޫނުއަސާސީއަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނައި އިސްލާހާ އެކު، މަޖިލިސް މެންބަރަކު ޕާޓީން ކަނޑާލައިފި ނަމަ، އޭނާގެ މެންބަރުކަން ވަގުތުން ގެއްލޭ ގޮތަށް އޮތީ ހަދާފަ އެވެ. އެގޮތުން:

  • އެގޮތަށް މެންބަރެއްގެ ގޮނޑި ގެއްލުވާމުގެ ބާރު ޕާޓީއަށް ދީފައި ވަނީ އޭނާ އިންތިހާބު ކުރި ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އެކަން ކުރެވޭ ގޮތަށް؛ އެހެންވެ އެކަމާ ބައެއް ފަރާތްތަކުން އޭރު ކަންބޮޑުވުން ފާޅު ކުރި

ވީ ކިހިނެއް؟ - ޕާޓީން މެންބަރު ވަކިކުރާ ހާލަތުގައި، ވަގުތުން ގޮނޑި ގެއްލުމުގެ ބަދަލުގައި އޭގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން އަނެއްކާވެސް އިސްލާހެއް ހުށަހެޅީ މި މަހުގެ 16ގަ އެވެ.

ގާނޫނުއަސާސީ އިސްލާހުކުރިތާ އަހަރެއް ނުވަނީސް އަނެއްކާވެސް އެ މާއްދާއަށް ބައެއް އިތުރުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ފޮޓޯ/ މަޖިލީސް)

ތަފްސީލު - ޝުޖާއުގެ އިސްލާހާ މެދު އޭނާ ނިސްބަތްވާ ޕީއެންސީގެ ބައެއް މެންބަރުން ވެސް ބަހުސް މަރުހަލާގައި ދެކޮޅަށް ހިޔާލު ފާޅު ކުރެއްވި އެވެ. ބައެއް މެންބަރުން ބޭނުންވީ މިހާރު ވެސް އޮންނަ ގޮތަށް ގޮނޑި ގެއްލުވާލުމުގެ ބާރު އެ ޕާޓީއަކަށް ދީފައި ބޭއްވުމަށެވެ. އެކަމުގައި އިތުރު ވޯޓެއް ނަގާކަަށް ނުޖެހޭ ކަމަށް އެ މެންބަރުން ދެކެވަޑައިގަންނަވަ އެވެ.

އިއްޔެ މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ، ރޯލް ކޯލް ވޯޓު ނަގަން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ ބިލުން އުނިކުރުމަށް ފަހު އެވެ. އެގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ.

އުނިކުރި މާއްދާގައި އޮތް ގޮތުން:

  • ޕާޓީން މެންބަރަކު ވަކި ކުރުމުން އޭނާ މެންބަރުކަމުގައި އިތުރަށް ބަހައްޓަން ފެނޭތޯ އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ؛ އަދި އޭނާގެ މެންބަރުކަން ގެއްލޭނީ އެ ވޯޓުގެ އަގުލަބިއްޔަތުން

  • އެ ވޯޓުން އޭނާ މެންބަރުކަމުން ވަކިކުރަން ނުފެންނަ ކަމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ގޮތުގައި

  • އޭގެ ފަހުން، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އޭނާގެ މެންބަރުކަން ގެއްލޭނެ

އެ ހުށަހެޅުން ބިލުން އުނިކުރުމުން، ޕާޓީން މެންބަރު ވަކިކުރާ ހާލަތުގައި ވަގުތުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ބިލުން އެ މާއްދާ އުނިކުރުމުން، ޕާޓީން މެންބަރު ވަކިކުރާ ހާލަތުގައި ވަގުތުން އެ މެންބަރުގެ ގޮނޑި ގެއްލޭނެ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް އިތުރު ބަދަލެއް ނުގެނެސް ބިލު ފާސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 75 މެންބަރުން ބިލު ފާސް ކުރަން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

މި ބިލުގައި ދެން ހިމެނެނީ އަތޮޅު ކައުންސިލް އުވާލުމާ ގުޅޭ އިސްލާހެވެ. އެ އިސްލާހަށް އިތުރު ބަދަލެއް މަޖިލީހުން ގެނެސްފަައެއް ނުވެ އެވެ.

ފަސް މަންޒަރު -  ގާނޫނުއަސާސީއަށް އޭރު ގެނައި އިސްލާހުގައިވާ ގޮތުން ހަތަރު ހާލަތެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން

  • 2-

    މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

  • 3-

    މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ އެ މެމްބަރު ޕާޓީން ވަކިކުރުން

  • 4-

    އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

ޕީއެންސީގެ 75 މެންބަރުން ޕާޓީން 'ވަކިވެދާނެ ކަމުގެ ބިރަށް' ނުވަތަ 'ބޮޑެތި ވިޔަފާރިވެރިން އެ މެންބަރުންނަށް ރިޝްވަތު ދީގެން ޕާޓީ ބަދަލުކޮށްފާނެ ކަމަށް' އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އޮތީ ހުއްޓިފަ އެވެ. 

ކޮމެންޓް (1)

ހަލޯ

25 ނޮވެމްބަރު 2025
ރައްޔިތުންގެ ބަހެއް ނެތި ޕާޓީ ބަދަލުކުރަން އޯކޭ؟
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް