މަހާޒް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކޮމިޓީން އެންމެ މަތިން މާކްސް ލިބުނަސް މަޖިލީހުން ނިންމީ މަހާޒަށް ރުހުންނުދޭން
ޓެކްސް އެޕީލް ޓްރައިބުނަލްއަށް އައްޔަން ކުރަން މަޖިލީހުގެ ކޮމިޓީން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓްރައިބިއުނަލްގެ މެންބަރުންގެ ތެރެއިން ހުސްވާން ކައިރިވެފައިވާ ދެ މަގާމަށް މަހާޒު ހިމެނޭހެން ހަތް ބޭފުޅެއްގެ ނަން ރައީސް މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވާފަ އެވެ. އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބުގެ އެންމެ ކުރީގައި އޮތީ ވެސް މަހާޒުގެ ނަމެވެ.
ރައީސް އިސްކަންދެއްވި ގޮތަށް، މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެންމެ މަތިން މާކްސްދީ، މަހާޒު އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް އިއްޔެ ވަނީ ނިންމާފަ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓާ އެއްގޮތަށް އެންމެ ފުރަތަމަ ވޯޓަށް އެހީ ވެސް މަހާޒުގެ ނަމަށެވެ. އެގޮތުން:
-
މަހާޒު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް 41 މެންބަރަކު ވޯޓު ދެއްވި؛ އެ އެންމެންނަކީ ވެސް ޕީއެންސީގެ މެންބަރުން
-
ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުން
-
ވަކި ކޮޅަކަށް ވޯޓު ނުދެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު
-
މި ވޯޓުގައި އެމްޑީޕީގެ ގިނަ މެންބަރުން ބައިވެރިވެފައެއް ނުވޭ
މަހާޒަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި ހަތަރު މެންބަރުންގެ ތެރޭގައި ހިމެެނެނީ އެމްޑީޕީގެ ދެ މެންބަރަކާއި ޕީއެންސީގެ ދެ މެންބަރެކެވެ. އެއީ:
-
1-
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
-
2-
ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު
-
3-
މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު
-
4-
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ)
މަހާޒަށް ރުހުން ނުލިބުމުން ދެން މި ދެ މަގާމަށް ރުހުން ލިބުނީ އިބްރާހިމް އަފީފު، ގުލްބަހާރުގެ/ބ. ތުޅާދޫ އަށާއި ޝައުފާ އިބްރާހިމް، އަކިރިލާ/ދ. މީދޫ އަށެވެ. އެގޮތުން:
-
އަފީފަށް ރުހުން ލިބުނީ 52 މެންބަރުންގެ ވޯޓުން
-
ޝައުފާއަށް ރުހުން ލިބުނީ 54 ވޯޓުން
-
ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
ފާހަގަކޮށްލެވޭ - ސަރުކާރުގެ ނުފޫޒު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަހާޒު ހިމެނޭހެން ދެ ފަނޑިޔާރަކު ވަކިކުރަން ނިންމީ މިދިޔަ މެއި މަހު ކުރީކޮޅު އެވެ.
ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން ބޭރުގެ އެކި ފަރާތްތަކުންނާއި ގާނޫނީ ބޭފުޅުން ސުވާލު އުފައްދަމުންދަނިކޮށް، ޖޭއެސްސީގެ ނިންމުމަށް ތާއީދުކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މަހާޒު ވަކިކޮށްފައި ވަނީ މިދިޔަ 14 މެއިގަ އެވެ.
މަހާޒު ވަކިކުރުމާ ގުޅިގެން އޭރު އޭނާ ވިދާޅުވީ އެކަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަކިކުރުމާ ގުޅުވައި ބަންޑާރަނައިބު އަހްމަދު އުޝާމްއަށް ވެސް ތުހުމަތުތަކެއް އަމާޒު ކުރެއްވި އެވެ.
ކޮމެންޓް (5)
މުއްތޭ
ކޮސް
ޙގގމ
ތެފައާސާ.
އެކޮއި