މަހާޒު: ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އޭނާގެ ނަން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ހަތަރުވަނަ ފަހަރަށް އިއުލާންކުރުމުން ޓްރައިބިއުނަލްއަށް ކުރިމަތިލީ ޓެކްސް ނިޒާމް ހިނގާ ގޮތް ތަޖުރިބާކޮށްލަން: މަހާޒު
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ކުރިމަތިލެއްވީ ހަތަރުވަނަ ފަހަރަށް އިއުލާން ކުރުމުން ކަމަށާއި އަދި އެއީ އޭނާ ތަޖުރިބާކޮށްލައްވަން ޝައުގުވެރިވެވަޑައިގަންނަވާ ދާއިރާއެއް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޓްރައިބިއުނަލްގެ މެންބަރުންގެ ތެރެއިން ހުސްވާންދާ ދެ މަގާމަށް މަހާޒު ހިމެނޭހެން ހަތް ބޭފުޅެއްގެ ނަން ރައީސް މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވާފަ އެވެ. އަދި އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުގެ އެންމެ ކުރީގައި އޮތީ މަހާޒުގެ ނަމެވެ.
އެނގުން މުހިއްމު - ސަރުކާރުގެ ނުފޫޒު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިދިޔަ މެއި މަހު ވަނީ މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފަ އެވެ. މަހާޒު ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ތަފްސީލު - މަހާޒުގެ މައްސަލަ އޭރު ބެލި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި މިއަދު ވަނީ މަހާޒު ހިމެނޭހެން ޓްރައިބުނަލްއަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކޮށްފަ އެވެ. މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ މަހާޒުގެ ބަ އެވެ.
މަހާޒު އަމިއްލަ ތައާރަފެއް ދެއްވުމުން، ފުރަތަމަ ސުވާލު ކުރެއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. ޝާހިދުގެ ސުވާލަކީ، މަހާޒު ޓެކްސް އެޕީލް ޓްރައިބުނަލްގެ މެންބަރަކަށްވުމަށް ޝައުގުވެރިކަން އުފެދުނު ގޮތެވެ.
"އަޅުގަނޑު ސުޕްރީމް ކޯޓުގެ ވަޒީފާ އަދާ ކުރިއިރު ވެސް އަބަދުވެސް ކުރާ ކަމެއް ސަރުކާރުގެ ގެޒެޓްގައި ހުންނަ އިއުލާންތައް ދާއިމީ ގޮތެއްގައި ބެލުން. ޓެކްސް އެޕީލް ޓްރަބިއުނަލްއަށް އިއުލާންކޮށްފައި، އަޅުގަނޑު ހަނދާން ވަނީ ހަތަރުވަނަ އިއުލާން ކަންނޭނގެ، އަޅުގަނޑު ކުރިމަތިލީ. [ހަތަރުވަނަ ފަހަރަށް] އިއުލާން ފެނުނީމަ އަޅުގަނޑު ހިތަށް އެރީ، މީހަކު ނުވެގެންބާވައޭ މި އުޅެނީ،" ޝާހިދުގެ ސުވާލަށް ޖަވާބު ދޭން ފައްޓަވަމުން މަހާޒު ވިދާޅުވި އެވެ.
ޖަވާބު ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވިގޮތުގައި:
-
ޓެކްސް މައްސަލަތައް ބެލުން އޭނާއަށް އުނދަގުލެއް ނޫން
-
ސުޕްރީމް ކޯޓުން މިހާތަނަށް ނިންމި ޓެކްސްއާ ގުޅޭ 34 މައްސަލައިގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމި ފަނޑިޔާރަކީ އޭނާ
-
އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރިއިރު ޓެކްސްއާ ގުޅޭ އެއްވެސް މައްސަލައެއް ނުނިމި ނޯންނާނެ
"އަޅުގަނޑު ހިތަށް އެރީ ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެކޭ މިއީ، މި ނިޒާމް ހިނގާ ގޮތް ބަލާލަން،" މަހާޒު ވިދާޅުވި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް 2 މެންބަރަކު އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާފައިވާ ފަރާތްތަކާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން އިންޓަވިއު ކުރުން pic.twitter.com/Dxm3wfkeSt
— People's Majlis (@mvpeoplesmajlis) October 7, 2025
އޭގެ އިތުރުން މަހާޒު ވިދާޅުވިގޮތުގައި، ސުޕްރީމް ކޯޓުގައި ޓެކްސްއާ ގުޅޭ ގޮތުން އޭނާ ހިމެނޭހެން ނިންމި ނިންމުންތަކުގައި އުސޫލުތައް ކަނޑައެޅިފައިވާ ބައިވަރު ކަންކަން މިހާރު ޓްރައިބިއުނަލްގެ މައްސަލަތަކަށް ހިނގާނެ އެވެ. އެހެންކަމުން މަތީ މަރުހަލާގެ ކޯޓެއްގައި މަސައްކަތް ކުރުމަށް ފަހު، އޭރު ސުޕްރީމް ކޯޓުގައި ނިންމި ނިންމުންތައް ދަށު ކޯޓެއްގައި ތަތުބީގު ކުރެވިގެންދާނެ ގޮތް އޭނާއަށް ވަރަށް ޝައުގުވެރިވާނެކަން މަހާޒު ފާހަގަކުރެއްވި އެވެ.
"[އެހެންވެ] ހިތަށް އެރީ ހަމަ އެކްސްޕްލޯކޮށްލަން ރަނގަޅު ފުރުސަތެކޭ،" ޑްރަގު ކޯޓުގައި މަސައްކަތްކުރައްވަނިކޮށް ނޮވެމްބަރު 2019ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރި މަހާޒު ވިދާޅުވި އެވެ.
ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު މަހާޒާ ސުވާލު ކުރައްވަމުން ފާހަގަކުރެއްވީ، މި އިންޓަވިއު ކުރަމުންދަނީ މަހާޒު ސުޕްރީމް ކޯޓުން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމަށް ތާއީދުކުރި ޖުޑީޝަރީ ކޮމިޓީންކަމެވެ.
"ކިހާ ވަރަކަށް ގަބޫލުކުރައްވަންތޯ އަޅުގަނޑުމެން ފަރާތުން މަހާޒަށް އެއްބާރުލުން ލިބޭނެ ކަމަށް؟" ނިޒާރު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް މަހާޒު ޖަވާބު ދެއްވީ ވަރަށް ކުރުކޮށެވެ.
"އެއްބާރުލުން ނުދޭންވީ ހަމަ އެއްވެސް ސަބަބެއް އެބަ އޮތްތޯ؟ ދެން ސުލޫކީ ވާހަކަ ދެއްކެވީމަ [ބުނެލަން ބޭނުން] ތިބޭފުޅުން އަތުގައި އޭގެ ބަޔާންތައް ހުންނާނެ. ކޮބާތޯ އަޅުގަނޑު ކުރި ކަމަކީ؟ ވަރަށް ސިމްޕަލް. އަޅުގަނޑާ ދެކޮޅަށް ހުރި ހެއްކަކީ ކޮބާތޯ؟" މަހާޒު ސުވާލު ކުރެއްވި އެވެ.
އެއާއެކު މަހާޒު ވިދާޅުވީ، އެ ކޮމިޓީން އޭނާއަށް އެއްބާރުލުން ނުދޭންވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.
ކޮމެންޓް (2)
ކޮއިމަލާ
ސަހަރޯ