މަހާޒު ޖޭއެސްސީއަށް ހާޒިރު ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެއްވެސް ނުފޫޒަކަށް ބޯނުލަނބަން؛ ވަކިކުރީ ގާނޫނާ ހިލާފަށް: މަހާޒު

މަހާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯލަނބާފައި ނުވާނެ ކަމަށާއި ފަނޑިޔާރުކަމުން ވަކިކުރިޔަސް ކުރިއަށް އޮތް ދުވަސްތައް މާ އުފާވެރިވާނެ ކަމަށް

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯލަނބާފައި ނުވާނެ ކަމަށާއި އޭނާ އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަހާޒު މިހެން ވިދާޅުވީ އޭނާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - އެ ޕޯސްޓުގައި މަހާޒު ވިދާޅުވީ:

  • ސުޕްރީމް ކޯޓުގައި ކުރެއްވި މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ

  • ކުރެއްވި ހުރިހާ މަސައްކަތެއް ކުރެއްވީ ކުރާ ހިތުން 

  • ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް ވަޑައިގެންނެވުމުން އުފާކުރައްވާ

  • ކުރިއަށް އޮތީ މާ އުފާވެރި ދުވަސްތަކެއް

"ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ހިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހާ ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން،" މަހާޒުގެ ޕޯސްޓުގައިވެ އެވެ.

ތަފްސީލް - ޖޭއެސްސީން އެދިފައިވާ ގޮތަށް، މަހާޒާއި އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން މިއަދު ފާސްކުރީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ 68 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ވޯޓުދެއްވީ 11 މެމްބަރުންނެވެ.

މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން މިއަދު ފާސްކުރީ، އެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު އދ. ހިމެނޭހެން ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުންނާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ގޮވާލާފައި ވަނިކޮށެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ވެސް އެ މައްސަލަ ދިރާސާކުރެއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލަފާދެއްވި އެވެ.

އެނގުން މުހިންމު - އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

އެ މައްސަލާގައި ޖޭއެސްސީން އެ ދެ ފަނޑިޔާރުންނާއި ފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ.

އަޒްމިރާލްދާ އާއި މަހާޒު ވެސް ވިދާޅުވެފައިވަނީ މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

ކޮމެންޓް (2)

ުިިުުގހގހގހ

15 މޭ 2025
ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާ ކުރާ އެމްޑީޕީއިްނ ޖުޑީސަލް ކަމިސަންއިން ސިޔާސީ މީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެ ނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކުނެތޭ.
0 0

ތެފައާސާ.

14 މޭ 2025
މިއަދު ބާރެއް ލިބިފައި އޮތީތީ ބޭނުން އެއްޗެއް ހެދިދާނެ. ބާރަކީ ތާއަބަދަށް ދެމިއޮންނަ އެއްޗެއް ނޫން. އެއީ އިލާހީ ގާނޫނު. ބޭއިންސާފުވި ހަމަ ކޮންމެ މީހަކާއި އިންސާފު އަރައި ހަމަކުރާނެ. ރައީސް މުއިއްޒުއާއި އިންސާފު އަރާ ހަމަކުރާނެ. ޝާމިލްއާއި އިންސާފު އަރާ ހަމަކުރާނެ. ކުޑަ ކޮމިޓީއާއި އިންސާފު އަރާ ހަމަކުރާނެ. ޖޭއެސްސީއާއި އިންސާފު އަރާ ހަމަކުރާނެ. ޖުޑީޝަރީ ކޮމިޓީއާއި އިންސާފު އަރާ ހަމަކުރާނެ. މަޖިލީހާއިވެސް އިންސާފު އަރާ ހަމަކުރާނެ. އެދުވަހެެއްގެ އިންތިޒާރުގައި އަހަރެމެން އެބަތިބިން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް