ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒު (ކ) އަދި އުޝާމް.

2008ގެ ފަހުން ފަނޑިޔާރުންނަށް އެންމެ ގަދައަށް ނުފޫޒު ފޯރުވި އޭޖީއަކީ އުޝާމް: މަހާޒު

މަހާޒު ކުރައްވާ ތުހުމަތުތައް އުޝާމް ދޮގު ކުރެއްވި

ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމު ރާއްޖެއަށް 2008ގައި ގެނައި ފަހުން ފަނޑިޔާރުންނަށް އެންމެ ގަދައަށް ނުފޫޒު ފޯރުވި ބަންޑާރަނައިބަކީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އުޝާމް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ މަހާޒު އަލީ ޒާހިރު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މަހާޒުގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ އެކު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މެއި މަހު އެވެ. އެގޮތުން:

  • ޖޭއެސްސީން މަހާޒު އާއި އެ ކޯޓުގައި އޭރު ތިއްބެވި އިތުރު ދެ ފަނޑިޔާރެއް މަގާމުން ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފައިވަނީ، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވާ

  • މަހާޒުއާ އެކު ދެން ސަސްޕެންޑްކުރީ ހުސްނުއްސުއޫދު އަދި ޑރ. އަޒްމިލަދާ ޒާހިރު؛ އެ ތިން ބޭފުޅުން ވެސް އޭރު ތުހުމަތު ކުރެއްވި ގޮތުގައި ސަސްޕެންޑްކޮށްފައިވަނީ ގާނޫނޫއަސަސީއަށް ގެނައި އިސްލާހުގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ގޮތުން 

  • އެ ތުހުމަތުތައް ސަރުކާރުގެ ފަރާތުން އަދި އުޝާމް ވެސް މީގެ ކުރިން ދޮގު ކުރައްވާފައި

  • މިއަދު މިކަމާ ގުޅޭ ގޮތުން އަނެއްކާވެސް މަހާޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައި

ތަފްސީލު - މަހާޒުގެ ޕޯސްޓުގައި އޭނާ ވަނީ ވަޓްސްއެޕްގެ ސްކްރީންޝޮޓެއް ވެސް ހިއްސާކުރައްވާފަ އެވެ. އެ ސްކްރީންޝޮޓަކީ، މަހާޒު ލިޔުއްވާފައިވާ ގޮތުގައި، ވަކީލަކާއި އޭނާއާ ދެމެދު ކުރި މުއާމަލާތެއްގެ ސްކްރީންޝޮޓެކެވެ.

މަހާޒު ވިދާޅުވި ގޮތުގައި، އެ ސްކްރީންޝޮޓުން ފެންނަ 8 މިނެޓުގެ ފޯނު ކޯލަކީ، މިދިޔަ 10 ފެބްރުއަރީގައި ވަކީލެއް މެދުވެރިކޮށް އުޝާމް އޭނާއަށް މެސެޖެއް ދިނުމަށް ގުޅުއްވި ގުޅުއްވުމެކެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރު 2022ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމަށް ވަކީލެއް މެދުވެރިކޮށް އޭޖީ [އުޝާމް] ގުޅުއްވި ގުޅުއްވުމެއް،" މަހާޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ކ-ވ: ސުއޫދު، މަހާޒު އަދި އަޒްމިރަލްދާ. (ފޮޓޯ/ ރައީސް އޮފީސް)

ވަކީލު މެދުވެރިކޮށް އުޝާމް ދެއްވަން ބޭނުންވެވަޑައިގެންނެވި އެ "މެސެޖް ސާފުވި ކަމަށާއި 2022ގެ ވާހަކަ މިހާރު ދައްކަނީ ކީއްވެގެންކަން އެނގޭ ކަމަށް އެ ވަކީލު ގާތުގައި ބުނިން" ކަމަށް މަހާޒު ވިދާޅުވި އެވެ.

"2008ގެ ފަހުން ފަނޑިޔާރުންނަށް މިވަރަށް ނުފޫޒު ފޯރުވި އޭޖީއެއް ނުދެކެން،" މަހާޒު އިތުރަށް ވިދާޅުވި އެވެ.

އުޝާމްގެ ބަސް - އެ ޕޯސްޓާ ގުޅިގެން މިރޭ 'ދައުރު'ން އުޝާމްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މަހާޒުގެ އެ ތުހުމަތުތައް މީގެ ކުރިން ވެސް ދޮގުކުރައްވާފައިވާނެ ކަމަށާއި މިވަގުތަށް އިތުރަށް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.  

"އެހެން ނަމަވެސް، މިކަމުގައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، އަޅުގަނޑު ވާހަކަ ދައްކާނަން،" އުޝާމް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުޝާމް މީގެ ކުރިން އެކި އިންޓަވިއުތަކުގައި ވެސް އޭނާ ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ގުޅުން ހުރި- ގާނޫނަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށްޓަކައި އެ ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލު ކުރުމަށް މަޖިލީހަށް އިސްލާހެއް ހުށަހެޅީ މިދިޔަ 23 ފެބްރުއަރީގަ އެވެ. އެ އިސްލާހާ ގުޅޭ ހަބަރު އެ ވަކީލަށް ފޮނުވުމަށް ފަހު، މަހާޒުގެ މެސެޖްގައި އޭނާ ލިޔުއްވާފައިވަނީ އެއީ "އޭޖީގެ ވައުދުފުޅު" ކަމަށެވެ.

ބެންޗު ކުޑަ ކުރާ އިސްލާހު މަޖިލީހުން ފާސް ކުރި ނަމަވެސް، ފަހުން އެ އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ. 

މަހާޒުއާ އެކު ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ 26 ފެބްރުއަރީގަ އެވެ. އެއާ އެކު، ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުން އައި ގާނޫނުއަސާސީ އިސްލާހު ކުރި މައްސަލަ ވެސް ހުއްޓުނެވެ.

މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލައަކީ، އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ އޭރުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރު ކުރުމުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަށް މަހާޒު ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. އެ ތުހުމަތު މަހާޒު ދޮގު ކުރައްވަ އެވެ.

ކޮމެންޓް (9)

ތެފައާސާ.

22 ޖުލައި 2025
[...ތުހުމަތު ދޮގު ކުރައްވައި، މިކަމުގައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ވާހަކަ ދައްކާނަން ކަމަށް އުޝާމް ވިދާޅުވި އެވެ...] ބައްލަވާ އިއްޒަތްތެރި އޭޖީ، ވާހަކަ ދައްކަންޖެހޭ ހާލަތު އައިސްފައި ގޮސްވެސްފި. ސުޕްރީމް ކޯޓުން ބަލަމުންގެންދިޔަ މައްސަލައެއްގެ އެއް ޚަސްމަކަށް އޭޖީ ހުރެ، އޭޖީން ބޭނުންވާ ގޮތަށް މައްސަލައިގެ ހުކުމް ނައިސްދާނޭހެން ހީވީމާ އޭޖީ ވޯޓު ދީގެން ފަނޑިޔާރުންގެ މައްސަލައެއް އުފަންކުރުވައި، އޭޖީ ހިމެނިގެން ކުޑަ ކޮމިޓީއެއް ހަދައި އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އުފައްދައި، އޭޖީ ޚަސްމަކަށް ހުރި މައްސަލަ ބަލަން ފަނޑިޔާރުން ބެންޗަށް އަރަންދަނިކޮށް އެ ފަނޑިޔާރުން ސަސްޕެންޑުކޮށް އޭގެ ފަހުން ފަނޑިޔާރުން ފްރޭމްކޮށް މަގާމުން ވަކިކޮށްލާފައި އަދިވެސް ތި ކިޔަނީ ވާހަކަ ދައްކަން ޖެހޭ ހާލަތެއް ނާންނަކަމަށް؟ ބަޔަކު ކޮސްވެދާނެއެއްނު؟
4 2

ވަކީލުު

22 ޖުލައި 2025
@ތެފައާސާ. ތިހެނެއް ނުބުނެވޭނެ. މައްސަލައެއް އުފަން ކުރުވީކީއެއް ނޫން! އަޒްމިރަލްދާ އާއި މަހާޒުގެ މިސްޓޭކެއް އެއީ. އެމަޤާމުގައި ހުރެމެ ގުޅައިގެން ތަފްޞީލު ހޯދުމަކީ ސުލޫކީ މައްސަލައެއް. އަސްލަކީ އެމައްސަލަ ނަސޭހަތްދީ ނިންމާލެވެން އޮތް މައްސަލައެއް. އެކަމަކު ފަހުން ވަކި އަތަކަށްޖެހި ނަޒާހާތްތެރިކަމާއި މެދު ސުވާލު އުފެދުނީމަ ވަކިކުރަން ޖެހުނީ! މިއީ ހަޤީޤަތް. އެމީހުންނަކީ މޮޅު ރަނގަޅު ބައެއް. ނަމަވެސް މިސްޓޭކެއް ހަދައި އެމިސްޓޭކު މައްޗަށް ޑަބަލް ޑައުން ކުރީ.
3 1

ތެފައާސާ.

22 ޖުލައި 2025
@ވަކީލުު ތުހުމަތެއް ކުރެވުނީމާ އެ ތުހުމަތުން ދިފާއުވާން އުޅުން އެއީ ޑަބަލް ޑައޮން ކުރުންކަން އަދި ކިރިޔާ މި އެނގުނީ!! އެހެންވީމާ ދިފާއީ ވަކީލުންނަށްވެސް ކިޔަންވާނީ ޑަބަލް ޑައޮން ވަކީލުން. އަދި އެމީހުން ދިފާއުގައި ވާހަކަ ދައްކާތީ އެ ވަކީލުންގެ ސުލޫކީ މައްސަލަވެސް ބަލަންވެސް ވާނެ. ހަހަހަ
2 0

ވަކީލު

22 ޖުލައި 2025
މަނިކުފާނަށް ޔަޤީންކޮށް ބުނަން ކެރޭނެތޯ އަޒްމިރަލްދާ ފިރިކަލުންގެ މައްސަލައިގަ ދަށުކޯޓު ފަނޑިޔާރަށް ގުޅައި މައްސަލައިގެ ތަފްޞީލު ހޯދަން އެދުނު ގޮތެއް. ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް މިސްޓޭކު ހެދިދާނެ. ތިބުނާހާ ނަޒާހަތްތެރި އެއްނޫން. އެއޮތީ ސީދާ ސުލޫކީވެފަ.
1 3

ޖަގޭ

22 ޖުލައި 2025
ކުރިޔަށް އޮތް 50 އަހަރުވެސް ރާއްޖޭގެ ފަޑިޔާރު ގެއަކުން ނުފެންނާނެ ފަދަ ގާބިލް އަދުލުވެރި ތިން ބޭފުޅުން، ޢަދުލުވެރިކަން މިތަނުގައި ގައިމުވުމުގެ އިޙުސާސް ލިބެން ފެށުމާއިއެކު ފަލަ ރޯނުން ފަޑިޔާރުގެ ބާރަށް ބަދެ ލައިފި ....
5 0

ވަކީލު

22 ޖުލައި 2025
@ޖަގޭ ޤާބިލު ޢަދުލުވެރިވީމަތަ އަޒުމިރަލްދާގެ ފިރިކަލުންގެ މައްސަލައިގެ ތެރެއަށް ވަންނަން އުޅުނީ. އޭގެ ތަފްޞީލު އަހާ ހޯދަން އުޅުނީ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ދަށުކޯޓުގެ ފަނޑިޔާރަކަށް ގުޅީމާ އެބުނެވެނީ ކޯއްޗެއް، އެވެސް ސުލޫކީ މައްސަލައެއް. ރަނގަޅަށް އުޅެން އެގުނުނަމަ ނަސޭހަތަކުން ފުއްދާލެވޭނެ. އެހެން ނަމަވެސް އުޅުނީ ސިޔާސީ ގޭމު ކުޅެން. އެހިސާބުން ނަޒާހާތްތެރިކަމާއި މެދު ސުވާލު އުފެދި ވަކިކުރަން ޖެހުނީ. ދެންހުރީ ސުއޫދު އެނާއަކަށް އަމިއްލަ އަށް ޑިފެންޑުކުރަންވެސް ނުކެރުނު ތުހުމަތުތައް
3 2

ވަކީލާ

22 ޖުލައި 2025
@ވަކީލު އަޒްމިރާލްޑާގެ ފިރިކަލުންގެ މައްސަލައިގެ ތެރެއަށް ވަންނަން އުޅުނީއޭ؟ ދަށު ކޯޓުން ބަންދު އަމުރާއި މެދު ވަކި ގޮތެއް ނިންމައި (ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ހުކުމްކޮށް) ދޫކޮށްލި ފަހުން، ދަށު ކޯޓުގެ ފަނޑިޔާރަށް ނުފޫޒު ފޯރުވީ؟ އަނެއް ކަމަކީ ނުފޫޒު ފޯރުވިނަމަ ނުފޫޒު ފޯރި ދަށުކޯޓުގެ ފަނޑިޔާރު ކޮބާ؟ އޭނާގެ މައްސަލައެއް ނެތް؟ ނުފޫޒު ފޯރުވައިގެން ދަށު ކޯޓުން ދޫކުރި މައްސަލަ އިސްތިއުނާފު ނުކުރީޔޯ؟ ކިތަންމެ މޮޅު ވާހަކައެއްވެސް ދެއްކިދާނެ، ހަގީގަތަކީ ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނައިސްދާނެތީ ސުޕްރީމް ކޯޓު ކޮށާ ތިރިކޮށްލީ.
2 2

ވަކީލު

22 ޖުލައި 2025
@ވަކީލާ ވަކީލާ އަށް އެނގިލައްވާތޯ އިންކޯއޭޓް އޮފެންސެސް އަކީ ކޮބާކަން ޖިނާއީ ޢަދުލުގެ ނިޒާމުގައި؟ އަޒްމިރަލްދާ އަދި މަހާޒު ސުލޫކާ ޚިލާފުވީ ތިބުނާ ހުރިހާ ކަމެއް އެނގިހުރެއެއްނޫން. ނުފޫޛެއް ފޯރުވަން އުޅެމެ އެކަން ނުވުމަކީ ނެގޭނެ ދިފާޢެއް ނޫން. ތަންދޮރު ބަލާލާފަ ކޮމެންޓުކޮށްލުން ރަނގަޅުވާނެ.
0 2

ވަކީލާ

22 ޖުލައި 2025
@ވަކީލު ތަންދޮރު ނޭގިގެން މިއުޅެނީ އަހަރެމެންނަށް. ތިޔަބުނާ ސުލޫކީ މައްސަލައެއް ހިނގިތާ އެތަކެއް ދުވަހެއް ވެގެންދިޔައިރު އަޅާވެސްނުލައި ތިބެފައި، ދުސްތޫރީ މައްސަލައެއްގައި އުޝާމު ބޭނުންވާގޮތަށް ހުކުމް ނައިސްދާނެހެން ހީވީމާ ފަނޑިޔާރުން ބެންޗަށް އަރަން ފައި ނަގައިގެން ތިއްބާ ހަމަ ކުއްލިއަކަށް އެއްކަލަ ސުލޫކީ މައްސަލަ އުފަންވީ ކަން ނޭގޭ ކުޑަކުއްޖަކުވެސް ނުހުންނާނެ. އެހެންވީމާ ތަނާ ދޮރާ ނޭގުނީ އަހަރެމެންނައްތާ؟ ލޮލް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް