މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން؛(ފޮޓޯ/ މަޖިލީސް)

މީޑިއާ ބިލު އޮތީ މިނިވަން ހިޔާލާ ދެކޮޅަށް؛ ވެރިކަމުގައި އަބަދު ތިބޭނެ ކަމަށް ގާނޫނު ހަދާކަށް ނުވާނެ: އަޒާން

ބިލަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި މިފަދަ ގާނޫނެއް ހަދަން ވާނީ މީޑިއާ އާއި ކަމާ ބެހޭ ތަޖުރިބާކާރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމަށް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓުކުރުމާ ބެހޭ ބިލު އޮތީ މިނިވަން ހިޔާލާއި މިނިވަން ފިކުރާ ދެކޮޅަށް ސަރުކާރުތަކަށް ބޭނުންކުރެވޭ ގޮތަށް ކަމަށާއި ވެރިކަމުގައި އަބަދު ތިބެވޭނެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ބުއްދިވެރި ނޫން ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓު ކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބޭރުކުރަން ނޫސްވެރިން އެދެމުން ދަނިކޮށް މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާއަށް އެ ބިލް ވަނީ އެޖެންޑާކޮށްފަ އެވެ. 

ބުނީ ކީކޭ؟ - އެ ބިލަށް ބަހުސްކުރައްވަމުން އަޒާން ވިދާޅުވީ ދައުލަތުގެ ތިން ބާރު ވެސް ހިނގަނީ ގާނޫނުއަސާސީން ހުދޫދެއް ކަނޑައަޅައިގެން، މިންތަކެއްގެ ތެރެއިން ކަމުން، ހަތަރުވަނަ ބާރު ކަމުގައި ދެކޭ މީޑިއާ ވެސް ހިންގަންޖެހޭނީ މިންތަކެއް ކަނޑައަޅައިގެން، ހުދޫދެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ މިހާރު އޮތް ގޮތަށް ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ.

މިހާރު ބިލުގައި އޮތް ގޮތަށް ރައީސްއަށް މީޑިއާގެ ކޮންޓްރޯލު އޮންނަ ގޮތަށް ބިލު ފާސްކުރަން އޭނާ ދެކޮޅު ހައްދަވާ ސަބަބަކަށް ވިދާޅުވީ ނޫސްވެރިކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި ސަރުކާރުގެ ފަރާތުން އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތަޖުރިބާތަކަށް ބަލާފައި ކަމަށެވެ.

އެގޮތުން، އޭނާ ވިދާޅުވީ:

  • މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހަތަރު ފަހަރު ފުލުހަށް ހާޒިރުކުރި؛ އެއީ މީޑިއާއާ ގުޅޭ ޓުވީޓުތަކާއި ލިޔުނު އެކި ކަހަަލަ ހަބަރުތަކާ ގުޅިގެން

  • އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަނަކުން ގޯތި ދެއްވާނެ ކަމަށް ވިދާޅުވެގެން ގޯތިތައް ހުރި ތަން ބަލަން ދިއުމުން ޓެރަރިޒަމްގެ ތުހުމަތުކޮށް ފުލުހަށް މައްސަލަ ހުށަހެޅި

  • އެތައް އެކުވެރިންނެއް ޓުވީޓުކޮށްގެން ވަޒީފާއިން ވަކިކުރި

  • އެމްބަސީއެއް ގޮއްވާލާނެ ކަމަށް ފޭކު އެކައުންޓަކުން ޓުވީޓުކޮށް އިންޒާރުދިނުމުން އެއީ އޭނާގެ ނޫހުން ލިއުނު ހަބަރަކާ ގުޅިގެން ހިނގައިދިޔަ ކަމެއް ކަމަށް ދޭހަވާ ގޮތަށް ފޮރިން މިިނިސްޓްރީން ބަޔާނެއް ނެރުނު

"އެހެންވީމާ މިކަހަލަ ގާނޫނުތައް އަޅުގަނޑުމެން ހަދާއިރު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ އަބަދަކު ވެރިކަމުގައި ތިބޭނީ އަޅުގަނޑުމެންގެ ޕާޓީ ނޫންކަން. އޭރު ވެރިކަން އެ ކުރެއްވި ކަހަލަ ވެރިކަމެއް ދެން އަތުވެއްޖެއްޔާ އަނެއްކާވެސް މިފަދަ ގާނޫނުތައް ދެން ބޭނުންކުރާނީ އަޅުގަނޑުމެންނާ ދެކޮޅަށް، ނޫސްވެރިންނާ ދެކޮޅަށް އަދި މިނިވަން ހިޔާލާއި މިނިވަން ފިކުރާ ދެކޮޅަށް،" ސަރުކާރުން ހުށަހަޅާފައިވާ ބައެއް ބިލުތަކާ ދެކޮޅު ހައްދަވައިގެން ކޮމިޓީތަކުން މީގެ ކުރިން ސަސްޕެންޑު ވެސް ކުރައްވާފައިވާ އަޒާން ވިދާޅުވި އެވެ.

ބިލުގައި ހުރި އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަންކަމުގެ ތެރޭގައި އަޒާން ފާހަގަކުރެއްވީ:

  • ކޮމިޝަނުން މައްސަލައެއް ބަލަން ފެށުމާ އެކު ނޫހެއް ހުއްޓުވާލުމުގެ ބާރު އެ ކޮމިޝަނަށް އޮތުން؛ އެހެން ހެދުމުން ނާޖާއިޒް ގޮތުގައި އަމަލުކުރުމުގެ ފުރުސަތު ކޮމިޝަނަށް ލިބޭނެ

  • ލައިސެންސް ބާތިލުކުރުމުގެ ބާރު ކޯޓަށް ދީފައި އޮތަސް، މުއްދަތެއް ނެތް ގޮތަށް ނޫހެއް ހުއްޓުވާލުމުގެ ބާރު ލިބޭ ނަމަ ކޯޓަށް ހުށަހެޅުމުގެ ބޭނުމެއް ވެސް ނެތް

  • ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ބެލުމުގެ ބާރު ކޮމިޝަނަށް އޮތުން؛ މިހެން އޮތުމުން ސަރުކާރުން ބޭނުން ވަގުތަކު ވަކި ކަންކަމެއް މަނާކުރުމުގެ ބާރު ލިބޭނެ

"އެހެންވީމާ މިކަހަލަ ކަންކަން ހުރުމުން އަޅުގަނޑަކަށް ނުފެނޭ މި ބިލު މި އޮތް ގޮތަށް ފާސްކުރާކަށް. ނަމަވެސް މީޑިއާގެ ބޭފުޅުން ވެސް ގަބޫލުކުރޭ މީޑިއާ ރެގިއުލޭޓުވާންޖެހޭކަން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ އެބަކުރައްވާ،" އަޒާން ވިދާޅުވި އެވެ.

"މި ބިލާ މެދު ގޮތެއް ނިންމެވުމުގެ ކުރިން އަޅުގަނޑަށް ފެންނަނީ ވީހާ ވެސް ފުޅާ ދާއިރާއެއްގައި މީޑިއާގެ ބޭފުޅުންނާއި ކަމާ ބެހޭ ތަޖުރިބާކާރުންނާ އަދި އަޅުގަނޑުމެން އަމިއްލައަށް ވެސް ތަންކޮޅެއް ދުރު މުސްތަގުބަލަކަށް ވިސްނައިގެން މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަން."

ފާހަގަކޮށްލެވޭ ކަމެއް - މިހާރު މަޖިލީހުގައި ކުރިއަށްދާ މި ބިލުގެ ބަހުސްގައި އެ ބިލާ ގުޅޭ ގޮތުން ބޮޑަށް ވާހަކަ ދެއްކެވީ ސަރުކާރާ އިދިކޮޅު މެންބަރުންނެވެ. ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބައެއް މެންބަރުން ވެސް އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، މީޑިއާ ރެގިއުލޭޓް ކުރަން ކޮމިޝަނެއް ހެދުމުގެ ނަމުގައި ހުށަހަޅާފައި އޮތީ "ވަރަށް ހީލަތްތެރި ބިލެ"ކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް