ނޫސްވެރިން މަޖިލިސް ކުރިމަތީ މިއަދު އިހުތިޖާޖު ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ކުރިމަތީ އިހުތިޖާޖު ކުރަނީ
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާގައި އެ ބިލް ވަނީ އެޖެންޑާކޮށްފަ އެވެ. އެއާ އެކު:
-
އެ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖަށް ނިކުތުމަށް ދިވެހި ނޫސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ ރޭ ގޮވާލައިފައި
ތަފްސީލް - މިއަދު މަޖިލީހުގެ ޖަލްސާ ފަށާ ވަގުތާ ދިމާކޮށް ނޫސްވެރިން ވަނީ މަޖިލިސް ދޮށަށް ޖަމާވެފަ އެވެ. ނޫސްވެރިން އެންމެ ފުރަތަމަ މަސައްކަތް ކުރީ، މަޖިލިސް އަޑުއަހަން ވަދެ ތިބޭ މަޖިލީހުގެ ގެލެރީގައި ތިބެ މަޑުމައިތިރި އިހުތިޖާޖެއް ކުރާށެވެ. ބައެއް ނޫސްވެރިން ވަނީ ގެލެރީގައި ތިބެ އިހުތިޖާޖު ފަށައިފަ އެވެ.
އަނެއްބައި ނޫސްވެރިން ވަނީ އެ މީހުންގެ ޝުއޫރު ފާޅުކޮށް މަޖިލީހުގެ ބޭރުގައި އިހުތިޖާޖު ކުރަން ފަށައިފަ އެވެ. ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެ ނޫސްވެރިން ގެންދަނީ އެ ބިލުގައި ހުރި ނުރައްކާތައް މެންބަރުންނަށް އަޑުއިއްވަން ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން:
-
ނޫސްވެރިން ގޮވާލަނީ ބިލް މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލުމަށް
-
ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން ފުރުސަތު ނުދޭނޭ ކަމަށް ނޫސްވެރިން އަންނަނީ ގޮވާލަމުން
-
މީޑިއާތައް ރެގިއުލޭޓް ކުރަން ރައީސް އައްޔަން ކުރާ މެންބަރުން ތިބޭ ކޮމިޝަނެއް އެކުލަވާލަން ގަބޫލު ނޫންކަމަށް ނޫސްވެރިން އަންނަނީ ގޮވާލަމުން
އެ ބިލް ބަލައިނުގަތުމަށް ގޮވާލާ ނޫސްވެރިން ގެންދަނީ ބޮޑު ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. އަދި ޕެޓިޝަނެއް ވެސް ނޫސްވެރިން ގެންދަނީ ތައްޔާރުކުރަމުންނެވެ.