ރައީސް މުއިއްޒު ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވި ޖަލްސާއެއްގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ

ކައުންސިލް އިމާރާތްތައް ހަދަން އާރުސީސީއަށް ދިނީ 631 މިލިއަން ރުފިޔާއަށް؛ އެއީ އެންމެ ކުޑަ އަގު: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ، އާރުސީސީއާ ހަވާލު ކުރީ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްގެ ހުއްދައާވެސް އެކު

ކައުންސިލް އިމާރާތްތައް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކުރީ 631 މިލިއަން ރުފިޔާާއަށް ކަމަށާއި އެއީ އަގު ހުށަހެޅި ހަތަރު ފަރާތުގެ ތެރެއިން އެންމެ ކުޑަ އަގު ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ކޮންޓްރެކްޓާ ފައިންނޭސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް އަޅަން، އާރުސީސީއާ ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ. މިނިސްޓްރީން އިއްޔެ މިކަމާ ގުޅޭ ގޮތުން އެކްސްގައި ޕޯސްޓް ކުރި ނަމަވެސް މަޝްރޫއުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ. 

ތަފްސީލު - މިކަމާ ގުޅޭ ގޮތުން މިއަދު އާދަމް ޝަރީފްއާ 'ދައުރު'ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ:

  • އާރުސީސީއަށް އެ މަސައްކަތް 631 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ އެ އޮފީސްތަކަށް ބޭނުންވާ ފަރުނީޗަރާއި ވަށާ ފާރު ވެސް ރާނާ ގޮތަށް 

  • އެ މަޝްރޫއަށް އެންމެ ކުޑަ އަގު ހުށަހެޅީ އާރުސީސީން ކަމަށްވުމުން، އެ ކުންފުންޏަށް މަޝްރޫއު ދީފައި ވަނީ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލް (އީސީ)ން ނިންމައިގެން ކަމަށް 

"ޕްރޮޕޯސަލް ހުށަހެޅި ހަތަރު ކުންފުނީގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏާ އެކު ކުރިއަށްދާން އީސީއަށް ހުށަހަޅައި، އެ ހުއްދައަށް ފަހު އާރުސީސީއާ އެކު ވާހަކަ ދައްކައި، އަނެއްކާވެސް އީސީއަށް ހުށަހަޅައި ހުއްދަ ދިނުމުން ކުރިިއަށް ގެންދިޔައީ. އެއީ މާލިއްޔަތު ގަވައިދުން ހުއްދަކުރާ ކަމެއް،" ބިޑަށް ހުޅުވާނުލި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާދަމް ޝަރީފް ކުރެއްވި މެސެޖްގައި ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް މަޝްރޫއުތައް ބިޑަށް ހުޅުވާނުލައި، ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކުރީ މި ސަރުކާރުގެ ކުރީކޮޅު ޑިސެމްބަރު 2023ގަ އެވެ.

މިނިސްޓްރީން އިއްޔެ މި މަޝްރޫއުއާ ގުޅޭ ގޮތުން ބުނީ: 

  • މި މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ

  • މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ

ގުޅުން ހުރި - ޖުމްލަ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުކުރާ ގޮތަށް ސަރުކާރުން ފަށަން ނިންމި އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ، މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކިޔާ ކުންފުންޏާ އެވެ. އެކަމަކު މިދިޔަ ޖެނުއަރީ މަހު ސޮއިކުރި އެ އެއްބަސްވުން، މަސައްކަތް ނުފެށި ޖުލައި މަހު ވަނީ އުވާލައިފަ އެވެ. 

ހެކްޓާ ގްލޯބަލްއަށް ވެސް މަޝްރޫއު ހަވާލުކުރީ އީސީގެ ހުއްދައާ އެކު ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް (1)

ސަމީނު

17 އޯގަސްޓު 2025
ކުޑަ ވިޔަފާރިއަކަށް ސަޕޯޓެއް ލިބޭގޮތަކަށް ނުވާނެ ކުރާކަށް. ކީއްތަ ވާނީ އެކި ކުންފުނިތަކަށް ދިނިއްޔާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް