ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުން ކެބިނެޓުގެ ބައްދަލުވުމެއްގައި (ފޮޓޯ/ރައީސް އޮފީސް)

ބިޑަކާ ނުލާ އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކޮށްފި

މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފައިވަނީ ބިޑުގެ ދައުވަތަކާ ނުލާ ޕްރޮޕޯސަލް ހުށަހެޅުމަށް ކުރީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލު މި ސަރުކާރުން އުވާލުމަށް ފަހު

ޕްރައިވެޓް ސެކްޓާ އިނިޝިއޭޓިވްގެ ދަށުން ސަރުކާރުން ކަނޑައާޅާފައިވާ ވަކި މަޝްރޫއުއަކަށް ނުފެތުނު ނަމަވެސް، ތަރައްގީގެ އަމާޒުތަކަށް ވާސިލްވުމަށް އެހީ ފޯރުކޮށްދޭ މަޝްރޫއުތަކަށް އަމިއްލަ ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

އެނގުން މުހިއްމު - ބިޑަކާ ނުލާ ނުވަތަ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ކުރިއަށްް ގެންދިޔުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭނެ އުސޫލެއް އެކުލަވާލައި މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފައިވާއިރު ބިޑުގެ ދައުވަތަކާ ނުލާ ޕްރޮޕޯސަލް ހުށަހެޅުމަށް މީގެ ކުރިން އެކުލަވާލާފައިވާ އުސޫލު މި ސަރުކާރުން ވަނީ އުވާލައިފަ އެވެ. 

  • ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއުއެއް ހިންގުމުގައި ބިޑު ކުރުމަކާ ނުލައި، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން މަޝްރޫއު ކުރިއަށް ގެންދާނެ އުސޫލެއް އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީ އިން އިސްލާހު ގެނެސް އިއްޔެ ގެޒެޓުކޮށްފައިވާ ގަވައިދުގައި، ޕްރައިވެޓް ސެކްޓަރުން އިސްނަގައިގެން، ސަރުކާރުން އިއުލާނުނުކުރާ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތް ބަޔާންކޮށްފައިވެ އެވެ.

ތަފްސީލް - އެ ގަވައިދު ބުނާގޮތުން ޑައިރެކްޓު އުސޫލުން އަދި ޕްރައިވެޓް ސެކްޓާ އިނިޝިއޭޓިވްގެ ދަށުން މަސައްކަތް ހަވާލު ކުރެވޭނީ މަސައްކަތުގެ ބާވަތާއި އަގު އަދި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭހެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އެ މަސައްކަތެއް އެގޮތަށް އެވޯޑު ކުރަން ނިންމި ސަބަބު ފިނޭންސް މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

ޕްރައިވެޓް ސެކްޓަރުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީ އަކުން ނިންމިދާނެ ކަމަށް ވެސް އިސްލާހުގައި ބުނެ އެވެ.

އެފަދަ މަޝްރޫއުއެއް ކުރިއަށް ގެންދެވޭނީ އެ ޕްރޮޕޯސަލްއަކީ:

  • ސަރުކާރުގެ ވަކި މަޝްރޫއުއަކަށް ނުފެތުނު ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލްވެވޭނެ މަޝްރޫއުއަކާ ގުޅޭ ޕްރޮޕޯސަލްއަކަށް ވާ ނަމަ

  • ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޮޕްމެންޓު ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އީޖާދީ އަދި ފުދުންތެރި ގޮތުގައި ހާސިލްކުރުުމަށް މަގުފަހިވާ ނަމަ

މިފަދަ ޕްރޮޕޯސަލްތައް ހުށަނޭޅޭނެ ހާލަތްތައް ވެސް ގަވައިދުގެ ދަށުން ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން އެ ޕްރޮޕޯސަލްއެއްގައި ހިމެނޭ މަޝްރޫއުއަކީ ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ސަރުކާރުން ކުރިއަށް ގެންދަން އިއުލާނު ކޮށްފައިވާ ނުވަތަ ރާވާފައިވާ މަޝްރޫއުއެއް ނަމަ، އެފަދަ ޕްރޮޕޯސަލްއެއް ހުށައެއްނޭޅޭނެ އެވެ. އަދި އެ ހުށަހަޅާ މަޝްރޫއުއަކީ ސަރުކާރުން، އެފަދަ މަޝްރޫއުއެއްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މަސައްކަތް ފަށާފައިވާ މަޝްރޫއުއަކަށް ވެސް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށެވެ.

އެފަދަ ގޮތަކަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށް ތިން މަރުހަލާއެއް ކުރިއަށްގެންދާނެ ކަމަށާއި ތިންވަނަ މަރުހަލާގައި އިންވެސްޓުމެންޓު ނުވަތަ މަސައްކަތް ކުރިއަށްގެންދަން ކުންފުނި ރަޖިސްޓްރީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް