މީގެ ކުރިން މާލޭގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ހަށިގަނޑު ގެންދާ މަންޒަރު. ޝައްކު އުފެދޭ މަރުގެ މައްސަލަތަކުގައި ފުލުހުންގެ ތަހުގީގުގެ ބޭނުމަށް ހަށިގަނޑު އޮޓޮޕްސީ ހަދާ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަޖުބޫރު އޮޓޮޕްސީއަކުން ބަނދެވި، މޫސަގެ ހަށިގަނޑު ވަޅުނުލެވި 8 ދުވަސް

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަޅިއަކުން ކަރަށް ހަމަލާދީ މޫސާ އިބްރާހިމް މަރާލި މައްސަލައިގައި މުހައްމަދު އިބްރާހިމް އަމިއްލައަށް ފުލުހުންނާ ވަނީ ހަވާލުވެފައި. ހަމަލާ ދޭން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ހޯދާފައިވާއިރު، އޮޓޮޕްސީ ހަދަން ޖެހި، ވަޅުނުލެވޭތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ލ. މާވަށުގައި ވަޅިއަކުން ކަރަށް ހަމަލާދީ، މޫސާ އިބްރާހީމް، 29، މަރައިލިތާ މިއަދަށް އަށް ދުވަސް ވީ އެވެ. އެކަމަކު އޭނާގެ ހަށިގަނޑު އަދިވެސް އޮތީ އާއިލާއަށް ވަޅުލުމުގެ ފުރުސަތު ނުދީ، މޯޗުއަރީގަ އެވެ.

މޫސަ، މާވަށު، ނަލަހިޔާ، މަރާލި ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހަމަ އެ ދުވަހު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފަ އެވެ. މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ހޯދީ އޭނާ ދެއްކި ދިމާލުން މޫދު އަޑިންނެވެ.

އެކަމަކު ވެސް ފުލުހުން ބޭނުންވަނީ އިތުރު ތަހުލީލުތަކަށް މޫސަގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށެވެ. ނަމަވެސް އެއީ މޫސަގެ އާއިލާ އެއްވެސް މީހަކު ރުހޭ ކަމެއް ނޫނެވެ.

"އާއިލާއާ ދެކޮޅަށް ވެސް ޕޯސްޓްމޯޓަމް ހަދާނަމޭ ބުނީ،" އެކަމާ ނުރުހުން ފާޅުކޮށް، 'ދައުރު'އާ ވާހަކަ ދައްކަމުން މޫސަގެ އެއްބަނޑު އެއްބަފާ ބޭބެ، އަބޫބަކުރު އިބްރާހިމް ބުންޏެވެ.

"އިތުރަށް އެއްޗެއް ބަލާކަށް ބޭނުމެއް ނޫން. ވަޅި ފެނިއްޖެ، މީހަކު އަމިއްލައަށް ހަވާލުވެއްޖެ. ދެން ކޮން ހެއްކެއް އޮތީ އިތުރަށް ހޯދަން؟"

އޮޓޮޕްސީ ހަދަނީ މަރުގެ މައްސަލަތަކުގައި އުފެދޭ ޝައްކު ފިލުވަން، ތަހުގީގުގެ ބޭނުމަށް ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރާއްޖޭގައި އޮޓޮޕްސީ ހަދާނެ ވަސީލަތްތައް ނުހުންނާތީ އާންމުކޮށް އެކަން ކުރަން ފޮނުވަނީ އިންޑިއާއަށެވެ.

އެ ހާދިސާ ހިނގި ދުވަހު އަބޫބަކުރު ހުރީ މާލޭގަ އެވެ. ލޯންޗެއް ހަމަޖެހިގެން އޭނާއަށް އެ ދުވަހު ހަވީރު ރަށަށް ދެވުނު އިރު މޫސަގެ ހަށިގަނޑު އޮތީ ސާފުކޮށްފަ އެވެ. އޭނާ ބުނީ އާއިލާ މީހުންނަށް އެ ދުވަހު މޫސަގެ މޫނު ދެއްކީ ވެސް ވަރަށް ޕްރެޝަރު ކޮށްގެން ކަމަށާއި އެވަރުން ވެސް ގިނަ މީހުންނަށް މޫނު ނުފެނުނު ކަމަށެވެ. މިކަމުގައި ކައުންސިލުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް ބުންޏެވެ.

ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި މޫސަގެ ހަށިގަނޑު މާލެއަށް ގެނައީ އެރޭ ދަންވަރެވެ. މާލެ ގެނައުމަށް ފަހު ދެން ވެސް ފުލުހުންގެ އަމަލުތައް ހުރީ، އޭނާ ބުނި ގޮތުގައި، ވަރަށް އަންޕްރޮފެޝަނަލް ކޮށެވެ. އެގޮތުން:

  • މާލެއިން ހަށިގަނޑު ބަލައި އެއާޕޯޓަށް ފުލުހަކު ނުދޭ

  • ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ މޯޗަރީއަށް ގެންދާ ފޮށްޓަށް ލައިގެން

  • އެގޮތަށް ގެންދިއުމުން، ބޮޑީ ބޭގެއްގައި ގެންނަން ޖެހޭނެ ކަމަށް ހޮސްޕިޓަލުން ބުނެ، އަނބުރާ ފޮނުވާލަން މަސައްކަތް ކުރި

"ހަށިގަނޑު އޮތީ ބޮޑީ ބޭގަށް ލާފައި، މޯޗަރީ ފޮއްޓަކަށް ލާފައި. ދެން އަޅުގަނޑުމެން ބޭނުމެއް ނުވި އަނެއްކާ ދެކޮޅަށް ހަށިގަނޑު ތަޅުވާކަށް. އިތުރު އަނިޔާއެއް އެއީ. ދެން ސައިކަލުގެ މަޑި ދަށުން ކަށިގަނޑާ އެއްޗެހި ނަގައިގެން އައިސް އެ ފޮށީގެ މަތި ނަގައިގެން ހަށިގަނޑު ނެގީ،" އަބޫބަކުރު ބުންޏެވެ.

މޫސާ އިބްރާހިމްގެ ހަށިގަނޑު މާލެ ގެނައުމަށް ފަހު މޯޗަރީ ފޮށްޓަށް ލައިިގެން ގެންދިއުމުން އައިޖީއެމްއެޗުން ހަވާލެއްނުވި. އެކަމަކު އެއީ ދުރާލާ ފުލުހުންނަށް އެނގެންވާނެ ކަންކަން ކަމަށް އާއިލާއިން ބުނޭ.
މޫސާ އިބްރާހިމްގެ ހަށިގަނޑު މޯޗަރީ ފޮށީގައި އައިޖީއެމްއެޗަށް ބާލަނީ

އޭނާ ބުނި ގޮތުގައި އާންމުންނަށް ނޭނގުނަސް އެފަދަ ކަންކަން ފުލުހުންނަށް އެނގެން ޖެހޭނެ އެވެ.

ޕޯސްޓްމޯޓަމް ހެދުން ވެސް ދިގުލައިގެންދަނީ

މުޅި އާއިލާއާ ދެކޮޅަށް މޫސަގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ކުރިން ތާވަލުކޮށްފައި އޮތީ މިއަދަށެވެ. ނަމަވެސް އަބޫބަކުރު ބުނީ އެ ތާރީހު މި ހަފްތާގެ ބުދައަށް ފަސްކޮށްފައިވާކަން އިއްޔެ އަންގާފައިވާ ކަމަށެވެ.

މިކަން އަވަސް ކުރެވޭތޯ ނުގުޅާ ނަންބަރެއް ނެތްއިރު، އޭނާ ބުނީ ގުޅާށޭ ބުނެ، ފުލުހުން ދެނީ ދުވާލަކު ނަންބަރެއް ކަމަށެވެ.

ވަޅުނުލެވި ދިގުލައިގެންދާ ކޮންމެ ދުވަހަކީ، އަބޫބަކުރު ބުނި ގޮތުގައި، އާއިލާގެ ހިތާމަ ބޮޑުވާ ދުވަހެކެވެ.

"މަންމަ ލޮލުފިޔައެއް ވެސް ނުޖަހާ އެ ހުންނަނީ އަދިވެސް. އޯކޭއެއް ނުވާނެ ދޯ؟،" އޭނާ ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުކުރެވޭ އަދި އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވި މުހައްމަދަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް (4)

ސަމުގާ

5 އޯގަސްޓު 2025
މިކަންކަމުން ޒުވާނުންނާއި ބެލެނިވެރިން އިބްރަތް ހޯދަންޖެހޭ. ތިންމަންމެނެގެ މުޅި ދިރިއުޅުން ނުބައިކަންކަމަށް ހޭދަކޮށް މިފަދަ ހާދިސާތައް ހިނގުމުން އޭގެ ވޭން އާހިރުގައި ކުރަން މިޖެހެނީ މުސްކުޅިވެފައިވާ މައިން ބަފައިންނެވެ. އަދި ނިކަމެތިވެގެންދަނީ ކުޑަކުޑަ ކުދިންތަކެކެވެ. ކޮންމެ ބެލެނިވެރިއަކުވެސް އެމީހުންގެ ދަރިން ފާލުން ނެެއްޓިގެން ދިޔަނުދޭންވީއެވެ.
3 1

މަބުނާނީ

5 އޯގަސްޓު 2025
ކޯޓިގައި އިންކާރުކޮށްފިނަމަ ހުށައަޅާނެ އިތުރުހެކި ބޭނުންވާނެތީ. އަދި ފުލައިޓަށް އެރުވޭނީ ފޮއްޓެއްގަ.
3 1
އިބްރާހިމް Avatar

އިބްރާހިމް

4 އޯގަސްޓު 2025
މަޖުބޫރު އޮޓޮޕްސީ އެއް ނޫން. މަންޒަރު ފެނުނު މީހުން ތިބި ، އެކަކަށްވުރެ ގިނަ މީހުން ހިންގި މާރާމާރީއެއް. ވަޅިއަކުން ކަރަށް ދިން ހަމަލާއަކުން ކަން ޒަހަމަށް ބެލުމުންނާސި ، މެޑިކޯ ލީގަލް އިން އިނގޭ. ދެން ކޮން މަޖުބޫރެއް؟ އޮޓޮޕްސީން އިނގޭނެ ތަފާތު އެއްޗެއް ބުނޭ..
0 2

އޮޓޮޕްސީ

4 އޯގަސްޓު 2025
ނޫސްވެރިންވެސް ހާދަހާ ގަމާރޭ
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް