މާވަށުގައި މަރާލި ޒުވާނާ؛ މޫސާ އިބްރާހީމް

އިތުރު ތަހުލީލުތަކެއް ކުރަން، މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު މާލެ ގެނެސްފި

މޫސާ އިބްރާހީމް މަރާލި މައްސަލާގައި މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހައްޔަރުކޮށްފައި

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ މާލެ ގެނެސްފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ހެނދުނު އެ ރަށުގައި ހިނގި މާރާމާރީގެ ތެރެއިން މަރާލާފައިވަނީ މޫސާ އިބްރާހީމް، 29، ނަލަހިޔާ/މާވަށް އެވެ. ފުލުހުން ބުނީ:

  • މި ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ ހެނދުނު 10 ޖަހާކަށް ހާއިރު

  • އަނިޔާވެގެން މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި

ތަފްސީލު - ފުލުހުން ދެންމެ ބުނި ގޮތުގައި، މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ މާލެ ގެނައީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އެ ގޮތުން:

  • ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އިއްޔެ ފުލުހުން ވަނީ މޫދު އަޑިން ނަގާފައި

  • މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް ފަރާތެއް ކަމަށް ފުލުހުން ބުނޭ

އެނގުން މުހިންމު - މާވަށުން މަންޒަރު ދުށް މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ހެނދުނު މާރާމާރީ ހިނގީ އެ ދެ ޒުވާނުންގެ މެދުގަ އެވެ. އެ ކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.

މާރާމާރީގެ ތެރެއިން މޫސާ އިބްރާހީމަށް ހަމަލާ ދިނީ ވަޅިއަކުންނެވެ. ވަޅި ޖެހީ އޭނާގެ ކަރަށެވެ.

އެ ދެ ޒުވާނުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ ޒުވާނުން ކަމަށް އެ ރަށު އެހެން މީހަކު ބުންޏެވެ. އެގޮތުން:

  • މުހައްމަދު އިބްރާހިމް މާވަށުގައި ދިރިއުޅެން ފެށީ އެ ރަށު މީހަކާ ކައިވެނިކޮށްގެން

  • މިހާރު ވަރިވެފައި ތިބި ނަމަވެސް އޭނާ ދޭތެރެއަކުން މާވަށަށް ގޮސްއުޅޭ

  • މޫސާ އިބްރާހީމާއި މުހައްމަދު އިބްރާހީމާ ދެމެދު ޖެހިގެން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށް އެ ރަށު ތެރޭގައި ވާހަކަ ފެތުރިފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް