މާވަށުގައި މަރާލި މޫސާ އިބްރާހީމް

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ޕޯސްޓްމޯޓަމް ހަދަނީ

ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ކުރުމުގެ ބޭނުމުގައި އޭނާގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހުގެ ރޭ މާލެ ގެނެސްފައިވޭ

ލ. މާވަށުގައި ވަޅިއަކުން ކަރަށް ހަމަލާދީ މިދިޔަ ހޯމަ ދުވަހު މަރާލި މޫސާ އިބްރާހީމްގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - މިދިޔަ ހޯމަ ދުވަހު ހެނދުނު އެ ރަށުގައި ހިނގި މާރާމާރީގެ ތެރެއިން މަރާލާފައިވަނީ މޫސާ އިބްރާހީމް، 29، ނަލަހިޔާ/މާވަށް އެވެ.

ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ކުރުމުގެ ބޭނުމުގައި އޭނާގެ ހަށިގަނޑު އެ ދުވަހުގެ ރޭ މާލެ ގެނަ އެވެ.

ތަފްސީލް - މާލޭން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފުލުހުން މިއަދު ބުނީ މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީ ނުވަތަ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގުން ނިންމާފައިވާ ކަމަށެވެ. އަދި ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭން ޕޯސްޓްމޯޓަމް ނުހެދޭތީ އާންމުކޮށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިއާއަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ގޮތުން:

  • ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އިއްޔެ ފުލުހުން ވަނީ މޫދު އަޑިން ނަގާފައި

  • މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް ފަރާތެއް ކަމަށް ފުލުހުން ބުނޭ

  • މުހައްމަދު އިބްރާހީމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

އެނގުން މުހިންމު - މާވަށުން މަންޒަރު ދުށް މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ހެނދުނު މާރާމާރީ ހިނގީ އެ ދެ ޒުވާނުންގެ މެދުގަ އެވެ. އެ ކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.  

އެ ދެ ޒުވާނުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ ޒުވާނުން ކަމަށް އެ ރަށު އެހެން މީހަކު ބުންޏެވެ. އެގޮތުން:

  • މުހައްމަދު އިބްރާހިމް މާވަށުގައި ދިރިއުޅެން ފެށީ އެ ރަށު މީހަކާ ކައިވެނިކޮށްގެން

  • މިހާރު ވަރިވެފައި ތިބި ނަމަވެސް އޭނާ ދޭތެރެއަކުން މާވަށަށް ގޮސްއުޅޭ

  • މޫސާ އިބްރާހީމާއި މުހައްމަދު އިބްރާހީމާ ދެމެދު ޖެހިގެން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށް އެ ރަށު ތެރޭގައި ވާހަކަ ފެތުރިފައިވޭ

ކޮމެންޓް (1)

ސިކުނޑި

30 ޖުލައި 2025
އޮޓޮޕްސީއަކީ މިހާރު ބަޔަކު ކުރާ ވިޔާފާރިއަކަށް ވެއްޖެ! މިއައްސަލައިގައި މަންޒަރު ދުށް މީހަކު އެބަހުރި! ބޭނުން ކުރި ހަތިޔާރު ފެނިއްޖެ! މޯޓިވް އިނގޭ! ދެން ކޮން ހެއްކެއް ހޯދަންބާއޭ ހިތަށްއަރާ މިކަމެއް މިކުރަނީ! ގިސާސް ނުހިފާ ކަމުގައި ވަނީނަމަ ތި ސަކަރާތެއް ޖެހުމުގެ ބޭނުމެއްނެތް!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް