މުހައްމަދު އިބްރާހިމް.
މާވަށުގައި މީހަކު މަރާލި މުހައްމަދު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހީމްގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ހެނދުނު އެ ރަށުގައި ހިނގި މާރާމާރީގެ ތެރެއިން މަރާލާފައިވަނީ މޫސާ އިބްރާހީމް، 29، ނަލަހިޔާ/މާވަށް އެވެ. އަނިޔާވެގެން މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
މި މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، މުހައްމަދު އިބްރާހިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ ރަށު ކޯޓަށް މިއަދު ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި:
-
މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ ވަނީ މާލެ ގެނެސްފައި؛ އެއީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް
-
ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އިއްޔެ ފުލުހުން ވަނީ މޫދު އަޑިން ނަގާފައި
އެނގުން މުހިންމު - މާވަށުން މަންޒަރު ދުށް މީހަކު އިއްޔެ 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ހެނދުނު މާރާމާރީ ހިނގީ އެ ދެ ޒުވާނުންގެ މެދުގަ އެވެ. އެކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.
މާރާމާރީގެ ތެރެއިން މޫސާ އިބްރާހީމަށް ހަމަލާ ދިނީ ވަޅިއަކުންނެވެ. ވަޅި ޖެހީ އޭނާގެ ކަރަށެވެ.
އެ ދެ ޒުވާނުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ ދެ ޒުވާނުން ކަމަށް އެ ރަށު އެހެން މީހަކު ބުންޏެވެ. އެގޮތުން:
-
މުހައްމަދު އިބްރާހިމް މާވަށުގައި ދިރިއުޅެން ފެށީ އެ ރަށު މީހަކާ ކައިވެނިކޮށްގެން
-
މިހާރު ވަރިވެފައި ތިބި ނަމަވެސް އޭނާ ދޭތެރެއަކުން މާވަށަށް ގޮސްއުޅޭ
-
މޫސާ އިބްރާހީމާއި މުހައްމަދު އިބްރާހީމާ ދެމެދު ޖެހިގެން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށް އެ ރަށު ތެރޭގައި ވާހަކަ ފެތުރިފައިވޭ