އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް(ކ2) އަދުނާން މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަކަށް ވަޑައިގަތުމުގެ ތެރެއިން (ފައިލް ފޮޓޯ/ މިހާރު)

ސުޕްރީމް ކޯޓު

ރިޓަޔާ ކުރައްވާ މުއުތަސިމްއަށް ބޮޑު އެލަވަންސް ޕެކޭޖް ނުދޭ ގޮތަށް ނިންމައިފި

ޖޭއެސްސީން މީގެ ކުރިން މަސައްކަތް ކުރީ މުއުތަސިމްއަށް ގަނޑުކޮށް 500،000ރ. އާއި މަހަކު 70،000ރ. ދިނުމަށް

މާދަމާ ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނަށް ބޮޑު އެލަންސްވަސްތަކެއް ދިނުމަށް މަޝްވަރާ ކުރި ނަމަވެސް، މިހާރު އެ މަނިކުފާނު ރިޓަޔާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އާ އެލަވަންސްތަކެއް ދޭ ގޮތަކަށް ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެެވެ. އެ މަނިކުފާނު ރިޓަޔާ ކުރައްވާތީ، ރިޓަޔާމަންޓް ޕެކޭޖް ބޮޑު ކުރުމަށް ޖޭއެސްސީން މިދިޔަ ޖޫން މަހު މަޖިލީހުގެ ލަފައަކަށް އެދިފައިވެ އެވެ.

އޭގައި ބޮޑު ބަދަލަކަށް އޮތީ ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ބޮޑު އިނާޔަތްތަކެއް ދިނުމަށެވެ. އެގޮތުން:

  • ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް

  • ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް؛ އޭރުން މުއުތަސިމްއަށް ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600ރ.

  • މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވި

ތަފްސީލު - މި މައްސަލަ ބެލި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ މަހު 16ގައި ނިންމާފައި ވަނީ، މިކަމުގައި ޕޭ ކޮމިޝަނުން ގޮތެއް ކަނޑައެޅުމަށެވެ. އަދި އެ ކޮމިޝަނުން އެކަން ނިންމަން ވާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.

މިހާރު އޭގެ ފަހުން މަހެއްހާ ދުވަސް ވެފައި ވާއިރު، މިކަމުގައި ޕޭ ކޮމިޝަނުން ނިންމި ގޮތެއް ސާފު ކުރުމަށް 'ދައުރު'ން މަސައްކަތް ކުރި ނަމަވެސް އެ ކޮމިޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ޖޭއެސްސީއާ މިއަދު 'ދައުރު'ން ސުވާލު ކުރުމުން އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާމިނަތު ނަދާ ހުސައިން ވިދާޅުވީ ކުރިން މަޝްވަރާ ކުރި ގޮތަށް މުއުތަސިމްއަށް އިތުރު އާ އިނާޔަތެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

"އުއްތަމަ ފަނޑިޔާރު [މުއުތަސިމް] ރިޓަޔާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ މިހާރު ވެސް ގެޒެޓްކޮށްފައިވާ ފަނޑިޔާރުންގެ ރިޓަޔާމަންޓްގެ ގަވައިދުގެ ދަށުން. މަޝްވަރާ ކުރި އިސްލާހުތައް އަޅުގަނޑުމެން ގެޒެޓް ނުކުރަން،" ނަދާ ވިދާޅުވި އެވެ.

"އެހެންވީމަ އޭރު މަޝްވަރާ އެ ކުރި އެލަންވަސްތައް އެ މަނިކުފާނަށް ލިބިވަޑައިނުގަންނަވާނެ." 

މުއްތަސިމްއަށް ވެސް ލިބިވަޑައިގަންނަވާނީ އެހެން ފަނޑިޔާރުން ވެސް ރިޓަޔާ ކުރެއްވުމުން މިހާރު އެ ލިބޭ އެލަވަންސްތައް ކަމަށް ނަދާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދުގައި އުއްތަމަ ފަނޑިޔާރެއް ރިޓަޔާ ކުރެއްވުމުން ހާއްސަ އެލަންވަންސްތަކެއް ދިނުމަށް މިހާރަކު ނޯވެ އެވެ. އެ ގަވައިދުގައި މިހާރު އޮންނަނީ:

  • ގަނޑުކޮށް އެއްފަހަރާ ލިބޭނީ، އަސާސީ މުސާރައިގެ 1/3 އާއި އެ މީހަކު ފަނޑިޔާރުކަމުގައި ހޭދަ ކުރި މުއްދަތާ ގުނަކުރުމުން އެ ޖެހޭ އަދަދެއްގެ ފައިސާ

  • އެ މީހަކު މަރުވަންދެން މަހުން މަހަށް ލިބޭނީ އަސާސީ މުސާރަައިގެ 1/40 އާއި ފަނޑިޔާރުކަން ކުރި މުއްދަތާ ގުނަކުރުމުން އެ ޖެހޭ އަދަދެއްގެ ފައިސާ

  • މެޑިކަލް އިންޝުއަރެންސް؛ އެއީ އެ މީހަކު ވަކިވިިއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މެޑިކަލް އިންޝުއަރެސް ޕެކޭޖާ އެއްވަރުގެ ޕެކޭޖަކަށް ވާން ޖެހޭ އަދި އަނބިމީހާ ނުވަތަ ފިރިމީހާ އާއި 18 އަހަރު ނުފުރޭ ދަރިންނަށް ވެސް އޭގެ ދަށުން ސިއްހީ ފަރުވާ ލިބޭނެ

މަޖިލީހަށް ޖޭއެސްސީން ފޮނުވި ލިޔުމުގައިވާ ގޮތުން، މިހާރު އޮތް ގަވައިދުގެ ދަށުން މުއުތަސިމްއަށް ގަނޑުކޮށް ލިބިވަޑައިގަންނަވަނީ 185،100ރ. އެވެ. މަހުން މަހުން ލިބޭނެ އަދަދު އަދި ސާފެއް ނޫނެވެ.

ކޮމެންޓް (2)

ކޮސް

20 ޖުލައި 2025
ސަރުކާރުން މިހެން ބުންޏަސް " ވަލުދޮރޯށިން" މިފައިސާ ދޭނެކަމަށް ބެލެވެނީ. ސަރުކާރުން ބުނާއެއްޗަކާއި ޢަމަލާއި ޚިލާފުވަމުންދާތީ ގިނަ ރައްޔިތުން މިވާހަކަ ޤަބޫލެއްނުކުރާނެ...
1 0

ހުސައިން

20 ޖުލައި 2025
ބެކްޑޭޓު ކޮށްފައިވެސް ތިޔަ ޕެކެޖު ދޭނެހެން ހިއެެއް ނުވޭ. ލަނޑެއް ދޮއެއްތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް