މާލިއްޔަތު ކޮމެޓީގެ ނައިބު މުގައްރިރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި (ފޮޓޯ/މަޖިލިސް)

ކޮމިޓީން ނިންމީ ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް މުއުތަސިމްއަށް ރިޓަޔާމަންޓް އެލަވަންސް ދޭން

ޖޭއެސްސީން އެދޭ ގޮތަށް އުއްތަމަފަނޑިޔާރަށް ރިޓަޔާމަންޓް ޕެކޭޖް ބޮޑުކޮށްފި ނަމަ، މުއުތަސިމްއަށް ގަޑުކޮށް 5 ލައްކަ ރުފިޔާއާ އެކު މަހަކު 70،000ރ.ގެ އިތުރު އެލަވަންސެއް ލިބޭނެ

ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް ގަނޑުކޮށް 5 ލައްކައެއްހާ ރުފިޔާއާ އެކު މަހަކު 70،000ރ.ގެ އިތުރު އެލަންސެއް ދިނުމާ މެދު ފިނޭންސް މިނިސްޓްރީ ލަފާ ހޯދުމާ އެކު ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އުއްތަމަފަނޑިޔާރުގެ މަގާމުގައި މިހާރު ހުންނެވި މުއުތަސިމް އަދުނާން މިދިޔަ މެއި މަހު ރިޓަޔާ ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަނީ ހުށަހަޅުއްވާފަ އެވެ. އެހެންވެ، އެ މަނިކުފާނަށް އިތުރު އެލަވަންސެއް ލިބިވަޑައިގަންނަވާ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދު އިސްލާހު ކުރަން އެ ކޮމިޝަނުން ނިންމައި އެކަމުގައި މަޖިލީހުން އެދޭ ގޮތެއް ބެލުމަށް އޮތީ ފޮނުވާފަ އެވެ. އެގޮތުން:

  • ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ހިމަނާފައިވޭ؛ އޭރުން މުއުތަސިމްއަށް މިހާރު ގަޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600ރ.

  • އޭގެ އިތުރުން ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް ހިމެނޭ

ތަފްސީލު - އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން މިކަމާ ދެކޮޅު ހައްދަވާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މި އިސްލާހަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ. އަދި ބަހުސް މާ ބޮޑަށް ހޫނުވުމުން އިއްޔެގެ ބައްދަލުވުމުގެ އެޖެންޑާގެ އެ ބައި ވަނީ ކުރުކޮށްލާފަ އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން އެއީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދެއް ކަމަށް ވާތީވެ، މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ލަފައެއް ބޭނުންވާ ކަމަށެވެ. އެހެންވެ އޭނާ ހުށަަހެޅުއްވީ:

  • މިކަމުގައި ޕޭ ކޮމިޝަނުން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައި އެ ލަފާގެ މަތިން ކޮމިޝަނުން ނިންމާ ނިންމުމަކާ އެއްގޮތަށް ގަވައިދު އިސްލާހުކުރަން

  • މި ހުށަހެޅުމަށް ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވި

އެ ހުށަހެޅުން ކޮމިޓީގެ އަގުލަބިއްޔަތުން ފާސްވިކަން، ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިއުލާން ކުރެއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި، އުއްތަމަފަނޑިޔާރުގެ ރިޓަޔާމަންޓް ޕެކޭޖް ބޮޑު ކުރަނީ "ޑީލް"އެއްގެ ދަށުންނެވެ. 

ކޮމެންޓް (2)

މުވައްރިޚް

17 ޖޫން 2025
މުޢުތަސިމަކީ މާލޭގޭ ގެދޮރު ހުރި ޤަދަރުވެރި ޢާއިލާއަކުން އައިސްފައިވާ ތަނަވަސް ބޭފުޅެއް. ގޭ ކުލިންނާއި އެހެނިހެން ގޮތްގޮތުން ފައިސާ ލިބޭ ފަރާތެއް. ދެން ދައުލަތުން ރިޓަޔަރމަންޓު ޕެކޭޖު ދޭންޖެހޭ ސަބަބެއް ނެތް. ރިޓަޔަރމަންޓު ޕެކޭޖު ދިނުމުގައި އެފަރާތެއްގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކުރަން މުހިންމުކަމުގައި ދެކެން
0 0

ބޮޑުކަމެއް

16 ޖޫން 2025
ރާއްޖޭގެ ލާރިކޮޅު މިމީހުންނަށް ބަހާހުސްކޮށްލަންވީއެއްނު.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް