އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް(ކ2) އަދުނާން މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަކަށް ވަޑައިގަތުމުގެ ތެރެއިން (ފައިލް ފޮޓޯ/ މިހާރު)

ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ އާއި މަހަކު 70،000ރ. ދޭން އެދިއްޖެ

ޖޭއެސްސީން މަޖިލީހުގައި މިގޮތަށް އެދުނުއިރު، އުއްތަމަފަނޑިޔާރަކަށް މިހާރު ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާކުރައްވަން ވަނީ ހުށަހަޅުއްވާފައި؛ މިއީ އިތުރަށް ދޭ އެލަވެންސެއް

އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޓަޔާކުރައްވައިފި ނަމަ، އެ ބޭފުޅަކަށް އިތުރު އެލެންސްތަކެއް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ. އެއާ އެކު، އުއްތަމަފަނޑިޔާރަކަށް މިހާރު ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވާއިރު، މި މައްސަލަ މިއަދު މަޝްވަރާކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގާފައިވެ އެވެ. 

ވީ ކިހިނެއް؟ - މިހާރު އަމަލު ކުރަމުން އަންނަ ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދު އިސްލާހުކުރަން ނިންމާފައިވާތީވެ، އޭގައިވާ އިތުރު އެލަވަންސްތަކެއް ދިނުމާ މެދު ގޮތެއް ނިންމުމަށް ޖޭއެސްސީން މަޖިލީހަށް އޮތީ ފޮނުވާފަ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީން ފޮނުވި ސިޓީއަށް މަޝްވަރާކޮށްފައިވެ އެވެ. ފަނޑިޔާރުންގެ މުސާރަ އާއި އެލަވަންސްގެ ކަންކަމަކީ މާލިއްޔަތު ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ކަމެކެވެ. އެގޮތުން:

  • ޖޭއެސްސީން ފޮނުވި ސިޓީގެ މާ ބޮޑު ތަފްސީލެއް ކޮމިޓީން ހަމާކޮށްފައި ނުވި ނަމަވެސް 'ދައުރު'އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައިވާ ގޮތުން ބޮޑު ބަދަލަކަށް އޮތީ ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް އިތުރު އެލަންވަސްތަކެއް ދޭ ގޮތަށް އޮތް ބަދަލު

  • އޭގެ ތެރޭގައި ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް ހިމެނޭ

  • އޭގެ އިތުރުން، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް؛ އޭރުން މުއުތަސިމްއަށް މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600ރ.

  • ޖޭއެސްސީން އެގޮތަށް އެދިފައިވާއިރު، މިހާރު އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިދިޔަ މެއި މަސް ތެރޭ ރިޓަޔާކުރައްވަން ޖޭއެސްސީއަށް ވަނީ ހުށަހަޅުއްވާފައި

ތަފްސީލު - މާލިޔައްތު ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ ސިޓީއާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް އެވެ. ނާޒިމްގެ ވާހަކައިގައި އޭނާ ވަނީ ޖޭއެސްސީގެ ސީޓީގައި އެދިފައިވާ ކަންކަން ވިދާޅުވެދެއްވާފަ އެވެ.

އޭގެ ތެރޭގައި ޖޭއެސްސީގެ ސިޓީގައި ހިމެނޭ އިސްލާހުތަކުގެ ތެރޭގައި ތިން ކަމެއް ފާހަގަކުރައްވާފައިވެ އެވެ. އެއީ:

  • 1-

    ފަނޑިޔާރަކު ރިޓަޔާ ކުރުމަށް އިނާޔަތްތައް ހިސާބުކުރަން ވާނީ އޭރަކު ފަނޑިޔާރަކަށް ލިބެމުންދިޔަ އަސާސީ މުސާރަައިން

  • 2-

    ފަނޑިޔާރުންނަށް މަހުން މަހަށް ލިބޭ އިނާޔަތް އަސާސީ މުސާރައަށް ވުރެ ބޮޑުވާ ނަމަ ލިބޭނީ އަސާސީ މުސާރަ ކަމަށް ކަނޑައެޅުން

  • 3-

    މަހުން މަހަށް ދޭ އެލަންސްގެ ގޮތުގައި ލިިވިން އެލަންސް ނުހިމެނުމަށް

  • 4-

    ޝަރަފުވެރިކަމާ އެކު އުއްތަމަފަނޑިޔާރަކު ރިޓަޔާ ކުރައްވާ ނަމަ، ސެކިއުރިޓީ އާއި އެ ބޭފުޅަކު ދިރިއުޅުއްވާ ތަނަކާއި އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް

"އަޅުގަނޑަށް ހީވަނީ މި ދަނޑިވަޅުގައި މީތި ފޮނުވާފައި މިއޮތީ މިހާރު އުއްތަމަފަނޑިޔާރު [މުއުތަސިމް] ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައި އޮތީމަ، އެ ބޭފުޅުން [ޖޭއެސްސީން] މީތި ފޮނުވާފައި މިއަށް އިސްލާހު ގެންނަން ބޭނުންވަނީހެން،" ނާޒިމް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި މިހާރު ބަލަނީ ފަނޑިޔާރުކަމުގައި ހޭދަ ކުރި މުއްދަތަކަށެވެ. ޖޭއެސްސީން ފޮނުވި ސިޓީގައި އެ މުއްދަތު ގުނުމުގައި ހަމައެކަނި ފަނޑިޔާރުކަމުގައި ހޭދަވި މުއްދަތުގެ އިތުރުން ދައުލަތުގެ އެހެން ވަޒިފާތަކުގައި ހޭދަވި މުއްދަތު ވެސް ގުނާ ގޮތަށް ހެދުމުގެ ލަފައަކަށް ވެސް އެދިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. 

"މި ސިޓީން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި މިހާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާ އުއްތަމަފަނޑިޔާރު، ފަނޑިޔާރުކަމުގެ މުއްދަތުގައި އެބަ އޮތް ނުވަ އަހަރާއި ހަ މަސްދުވަސް އަދި 11 ދުވަސް ހޭދަ ކުރައްވާފައި. އެހެން ނަމަވެސް އެ މަނިކުފާނު ދައުލަތަށް ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސް ވެއްޖެ،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މި ވިދާޅުވާން މި އުޅުއްވާ ވާހަކައަކީ، ފަނޑިޔާރުކަމުގައި ހޭދަ ކުރި މުއްދަތަށް ބަލާފައި ރިޓަޔާމަންޓް ބެނިފިޓެއް ދިނުމަށްވުރެ ދައުލަތަށް ހިދުމަތް ކުރެއްވި މުއްދަތް ނުގުނާނެތޯ؟ އެހެން މީހުންނަށް އެ މުއްދަތް ވެސް ގުނިގެން އިނާޔަތް މި ދެނީ."

އެ އިސްލާހުތައް ގެނައުމަށް ނާޒިމް ތާއީދު ވެސް ކުރެއްވި އެވެ.

"ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާ ކަމުގައިވާ ނަމަ، އުއްތަމަފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކު ޝަރުވެރިކަމާ އެކު ގެންގުޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތުގެ ވެސް ޒިންމާއެް،" ނާޒިމް ވިދާޅުވި އެވެ.

'މިއީ ޑީލެއްގެ ދަށުން ކުރާ ކަމެއް'

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އުއްތަމަފަނޑިޔާރަށް އެކަނި މިގޮތަށް މި ބަދަލު ވަގުތުން ވަގުތަށް ގެނައުމަށް ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވާ ދެ މެންބަރުން ދެކޮޅު ހެއްދެވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވި ގޮތުގައި، އުއްތަމަފަނޑިޔާރުގެ މަގާމު ފުރުއްވީތީ އެ ބޭފުޅަކު ރިޓަޔާ ކުރެއްވުމުން މަހަކު އިތުރު 70،000ރ. ދިނުމަކީ "އެއްގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން" ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މިކަން މި ކުރައްވަނީ "ޑީލް"އެއްގެ ދަށުންނެވެ.

"އަޅުގަނޑަށް އައިޖީއެމްއެޗުގެ އެންމެ ސީނިއާ ނާސް ނުވަތަ 25 އަހަރު ދައުލަތަށް ހިދުމަތްކޮށްފައިވާ ނަރުހަކަށް ވުުރެ އުއްތަމަފަނޑިޔާރެއްގެ ހިދުމަތް އަޅުގަނޑަށް ވަކި ބަލައެއް ނުގެނެވޭ،" ޝަމްހީދު ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް [އެ ނަރުހުންނަށް ނުވަތަ] ގައުމުގެ ބުރަ މަސައްކަތް ކުރި މީހުންނަށް ނުލިބޭ އެއްޗެއް، މިތާގައި އައިސް ދެތިން އަހަރަކު ފަނޑިޔާރުކަން ކުރިއޭ ކިޔާފައި ދޭކަށް ނުޖެހޭ."

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން:

ކޮމިޓީގައި ހަރަދު ކުޑަ ކުރާ ވާހަކަ އާއި ޑަބަލް ޕެންޝަންގެ ވާހަކަ މެންބަރުން ދެއްކެވުމަށް ފަހު، "ސަރުކާރުން ޑީލްއެއް"ގެ ދަށުން އުއްތަމަފަނޑިޔާރަށް ރިޓަޔާމަންޓަށް އިތުރު އެލަވަންސް ދިނުމަކީ "ކޮރަޕްޝަން" ކަމަށް ޝަމްހީދު ސިފަ ކުރެއްވި އެވެ.

"ވަކި މީހަކަށް ވީމަ، ވަކި ގޮތެއް މި ހަދަނީ. މިއީ ހަމަ ކޮރަޕްޝަންގެ އަމަލުތައް. ދިއްގަރު ދާއިރާގެ މެންބަރު [ނާޒިމް] ވެސް މިއޮތް ހުރިހާ ދުވަހު ވެސް މި ދެއްކީ ކުރީގެ ރައިސުންނަށާއި ކުރީގެ މެންބަރުންނަށް ދައުލަތުން މި ދޭ ފައިސާގެ އިސްރާފުގެ ވާހަކަ،" ޝަމްހީދު ވިދާޅުވި އެވެ.

"މި އޮތްހާ ދުވަހު ތިބޭފުޅުން ދެއްކީ ދައުލަތުގެ ހަރަދު ކުޑަ ކުރަން ޖެހެޔޭ، ރިޓަޔާމަންޓް ޕެންޝަން ކަނޑަން ޖެހެޔޭ. މި ހުރިހާ ވާހަކައެއް ދައްކާފައި މިއަދު ތިބޭފުޅުން އުއްތަމަފަނޑިޔާރާ ޑީލެއް ހަދަންވީމަ ބޮޑު ކުރަންވީ. އެއްގޮތަކަށް ވެސް ކަމަކު ނުދޭ."

މާލިއްޔަތު ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވާ ދެ މެންބަރުން: ޝަމްހީދު(ކ) އަދި ގަފޫރު

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ:

  • ފަނޑިޔާރުންގެ ގާނޫނުން ރިޓަޔާމަންޓް އެލަވަންސްތައް މުރާޖައާ ކުުރުމުގެ މަސައްކަތް ކޮމިޓީން މިހާރު ވެސް ކުރަމުން އެބަދޭ؛ އޭގައި ރަނގަޅު ކުރަން ކަންކަން އެބަހުރި

  • މަސައްކަތުގެ ތެރެއިން އުއްތަމަފަނޑިޔާރަކު ރިޓަޔާ ކުރައްވާއިރު ދޭ އެލަވަންސްތައް މުރާޖައާ ކުުރުމުނުން މި މަސައްކަތް ކުރަން ފަސޭހަވާނެ

  • އުއްތަމަފަނޑިޔަރު މަގާމުން ރިޓަޔާކުރެއްވުމުން ހިމާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވަން ޖެހޭނެ؛ ނަމަވެސް ވަކި މީހަކަށް "ފަހާ ކޯޓެއް ގޮތަށް" މިކަން ކޮށްގެން އޭގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބޭނެ

"ކޮންމެހެން ވަކި ބޭފުޅަކަށް މި ކޯޓު ކަނޑާފައި ދެންޏާ، ހިނގާ ކަނޑާފައި ދެމާ. މިކަން ނުކުރެވިގެން އުއްތަމަފަނޑިޔާރު ރިޓަޔާ ނުކުރެވި ހުންނަން ޖެހޭކަށް ނުވާނެ އެއްގޮތަކަށް ވެސް. ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން އެއީ،" ސަކަ މިޒާޖެއްގައި ގަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކާ ގުޅިގެން ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅު މެންބަރުން ވާހަކަ ދައްކަވަނީ "ރައްޔިިތުންނަށް އޮޅޭ ގޮތަށް" ކަމަށެވެ.

"މި ކޮމިޓީއަކުން ނޫޅޭ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް ހުއްޓުވާކަށް. ވަކި މީހަކަށް ޕެންޝަން ދޭކަށް މި ކޮމިޓީން މަސައްކަަތް ނުކުރާނެ. ވަރަށް ޒިންމާދާރުކޮށް ވާހަކަ ދައްކަންވާނީ. އެއްގޮތަކަށް ވެސް ކަންކަން އޮޅުވާލާ ގޮތަށް ވާހަކަ ނުދައްކަވާ. ކަމަކު ނުދާނެ،" މި ބަހުސް ހޫނުވުމުގެ ކުރިން ނާޒިމް ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވައި އެ އެލަވަންސް ދޭން ވާހަކަ ދެއްކެވި ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ޝަރީފްގެ ވާހަކައަށް ރައްދު ދެއްވަމުން ގަފޫރު ވިދާޅުވީ މީގެ ކުރިން ވެސް އުއްތަމަފަނޑިޔާރުން ރިޓަޔާ ކުރެެއްވި ކަމަށާއި ނަމަވެސް މިފަދަ އިސްލާހެއް ނުގެންނަ ކަމަށެވެ. މިހާރުގެ އުއްތަމަފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހެޅުއްވި ދަނޑިވަޅާ ދިމާކޮށް މި އިސްލާހު ވެއްދީ ސީދާ އެ މަނިކުފާނަށް "ފަހާ ކޯޓެއްގެ ގޮތުގައި، ޑީލްގެ ދަށުން ކަމަށް" ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

"ހިނގާފައި އޮތް ޑީލެއްގެ ދަށުން ބޭނުންވާ ކަންކަން ހަމަޖެއްސުނީމަ، ރިޓަޔާކުރުުމުގެ ޕްރޮގްރާމެއް މިހިނގަނީ،" ގަފޫރު ވިދާޅުވި އެވެ.

ބަހުސް ހޫނުވާން ފެށުމާ އެކު ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވަނީ މާދަމާ ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި މިކަމުގައި އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެ، އެޖެންޑާގެ އެ ބައި ކުރުކޮށްލައްވާފަ އެވެ.

ކޮމެންޓް (4)

ތެފައާސާ.

15 ޖޫން 2025
ސުބުހާނަﷲ މި ނުވާނެ ތެދަކަށް. ރައީސް ނަޝީދު ވިދާޅުވެފައިއޮތީ މުއުތަސިމްފަދަ މާތް ކަމުވޮށިގެންވާ މާލޭ ބޭފުޅަކު މިކަހަލަ ނަޒާހާތްތެރިކަމަށް ސުވާލުއުފެދޭފަދަ ކަމެއް ނުކުރައްވާނޭކަމަށް. މިޒާތުގެ ކަންކަން ކުރާނީ އަހަރެމެންކަހަލަ ރާއްޖެތެރޭ މީހުން.
2 0

މޫސިމް

15 ޖޫން 2025
މަޖިލިހުން ފާސްކޮށްފިއްޔާ ރިޝްވަތުވެސް ހަލާލުފުޅުވީ.
0 0

ވިސްނަވާ

15 ޖޫން 2025
ތިންހަތަރު އަހަރު މަގާމެއްގަ ބޮޑުމުސާރަށް ހިދުމަތްކުރީތީ އުމުރުގެ ބާކީބާ ރައްޔިތުންގެ ޓެކްސަފަިސާއިން ގައުމާ ނުބައްދަލު ބޮޑެތިއެލަވަންސް ނެގުން ހުއްޓުވަންއެބަޖެހޭ. ކޮންމެ 5އަހަރަކުން ކުރީގެ ރައީސުންނާ ކުރީގެ ފަނޑިޔާރުންނާ ކުރީގެ އެމްޑީން ލިސްޓަށް އިތުރުވުމަކީ ވަސީލަތްތައްމަދު ގައުމެއްގެ އިގުތިސާދަށް އިވޭ ނުރައްކާތެރި ރަނގަބީލެއްގެއަޑު. އެވެސް އަދި ބޮޑެތި ވިޔަފާރިވެރިންނޭ. އަނގަޔާއަތާ ދިމާނުވާ ނިކަމެތިންނާމެދު ވެވޭ ބޭއިންސާފެއް. ﷲއަށް ބިރުވެތިވެ ލަދުވެތިވޭ.
3 0

ދުހާނާ

15 ޖޫން 2025
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރުގެ ނަމަކީ "ޑރ. މުހައްމަދު ޝަމްހީދު" އެއް ނޫން. އޭނާގެ ނަމަކީ "ޑރ. އަޙްމަދު ޝަމްހީދު".
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް