24 ޖޫން 2024: ޔާމީންގެ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާއެއް ތެރެއިން - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުއްތަމަ ފަނޑިޔާރަށް ޔާމީންގެ ބަހުގެ ހަމަލާތަކެއް: 'ހަނު ހުންނަވާ ނަމަ އިސްތިއުފާ ދެއްވާ'

ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑްކޮށް "ވާނުވާ"ގައި ތިބި އިރު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޮންމެ ވެސް ފިޔަވަޅެއް އެޅުން ލާޒިމު ކަމަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު އެކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެއްވެސް ފިޔަވަޅެއް ނާޅުއްވާ ހަނު ހުންނަވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމާފައި ވަނިކޮށެވެ.

ބުނީ ކީކޭ؟ - ޕީއެންއެފް އޮފީހުގައި މިރޭ ކުރިއަށްދާ ޖަލްސާގައި އެ ޕާޓީގެ ލީޑަރު ޔާމީން ވިދާޅުވީ ދުސްތޫރީ މައްސަލައެއް ނުބެލެވޭ މިންވަރަށް ސުޕްރީމް ކޯޓު 'ޕެރެލައިޒުކޮށް' ފަނޑިޔާރުންތަކެއް 'ވާނުވާގައި' ތިބޭ އިރު އެ ކަމަށް ފިޔަވަޅުތަކެއް އެޅުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ލާޒިމުވާ ކަމަށެވެ.

"އުއްތަމަ ފަނޑިޔާރަކީ ގާނޫނުއަސާސީ އާއި އަދުލު އިންސާފުގެ ބާރު ދެމެހެއްޓުމުގެ ކަސްޓޯޑިއަލް. އޭނާގެ ބެންޗުގެ ދެ ފަނޑިޔާރަކު ސަސްޕެންޑްކޮށް ވާނުވާވީ އިރު ވެސް ހަމަ އެއްވެސް އެއްޗެކޭ ހިތަށް ނާރާ،" ޔާމީން ވިދާޅުވި އެވެ.

މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަނާއި ފުލުހުން އަދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ މައްޗަށް ސުޕްރީމް ކޯޓަށް އަމުރުތަކެއް ކުރެވޭނެ ކަމަށް ޔާމީން ގަބޫލުކުރައްވަ އެވެ. ފަނޑިޔާރުންގެ މައްސަލަ ލަސްނުކޮށް އަވަސްކުރުމަށާއި ވަކި މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަން އަމުރުކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އުއްތަމަ ފަނޑިޔާރަށް އަމުރުކުރެވޭނެ، 24 ގަޑިއިރުގެ ތެރޭގައި، 48 ގަޑިއިރުގެ ތެރޭގައި، މިހެން، މި ސަަސްޕެންޝަންތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ގޮތްތަކެއް ނިންމާށޭ. ފަނޑިޔާރު އަޒްމިރަލްދާ ފުލުހަށް ހުށަހެޅުއްވި މައްސަލާގައި ހަގީގަތެއްވޭތޯ ބެލުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ފުލުހުންނަށް އަމުރެއް ކުރައްވާށޭ،" ޔާމީން ވިދާޅުވި އެވެ.

"މިއީ އުއްތަމަ ފަނޑިޔާރަށް، ސުޕްރީމް ކޯޓަށް ލިބިދޭ ބާރުތަކެއް."

ނަމަވެސް މިއިން އެއްވެސް ޒާތެއްގެ ފިޔަވަޅެއް ނާޅުއްވައި އުއްތަމަ ފަނޑިޔާރު ހުންނެވުމުން ޔާމީން ވިދާޅުވީ މުސާރަ ނަންގަވައިގެން މަގާމުގައި އެ ގޮތަށް ހުންނަވާނަމަ "މުސާރަ ހަލާލު" ނުވާ ކަމަށެވެ.

ޖުޑިޝަރީގެ ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަނީ - (ފޮޓޯ/ ޖޭއެސްސީ)

"ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ރަނގަޅު ވާނީ ދެން އިސްތިއުފާ ދިިނިއްޔާ. މިހެން ވާކޮށްގެން ކީއްކުރަން ބަހައްޓާނެ ތަނެއްތޯ ސުޕްރީމް ކޯޓަކީ،" ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗު މަހަކަށް ވުރެ ގިނަ ދުވަހު ނެތުމަކީ މައްސަލައެއް ކަމަށް ޔާމީން ތަކުރާރުކޮށް މިރޭ ވިދާޅުވި އެވެ. މުޅި މުޖުތަމަ އާއި ދައުލަތުގެ ބޮޑެތި މަސްލަހަތުތަައް ހުންނަ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުތަކުން ބަލާނީ ފުލް ބެންޗުންކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

"ކޮބައިތޯ އުއްތަމަ ފަނޑިޔާރު. ނިދާފައިތޯ ވީ. އުއްތަމަ ފަނޑިޔާރަކީ ކިރިޔާ ވެސް އިހުލާސްތެރިކަމެއް ހުންނެވި ބޭފުޅަކު ނަމަ މިހާރުން ފެށިގެން އިސްތިއުފާ ދެއްވައި ދުރަށް ވަޑައިގަންނަވަން ޖެހޭ،" އުއްތަމަ ފަނޑިޔާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން ރިޓަޔާވާން އުޅުއްވާ ކަމުގެ އަޑު ފެތުރިފައިވެ އެވެ. ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި މި ފަހަކުން ވާހަކަ ދައްކަވަމުން ވެސް ދެން އެ ހައިސިއްޔަތުން ނުފެނިދާނެ ކަމަށް ވިދާޅުވެ ރިޓަޔަމަންޓްގެ އިޝާރާތެއް އެ މަނިކުފާނު ކުރެއްވި އެވެ.

ކޮމެންޓް (1)

ވިލް

10 އޭޕްރީލު 2025
ބޮޑާބެ އިންވައްތަރު ބަލާބަލަ ތުން ދަމައިގެން
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް