ހޯމް މިނިސްޓަރު އަލީ އިހުސާން (ވ) އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން (ކ)؛ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި މިނިސްޓަރު ހެދި ގޯސްތަކަށް ފިޔަވަޅެއް އަޅާ ތަނެއް ނުފެނޭ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ އިހުސާނާއި އަމީން ހެދި ގޯސްތަކަށް ފިޔަވަޅެއް ނެތް

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި މިނިސްޓަރު އަލީ އިހުސާނާއި މިނިސްޓަރު މުހައްމަދު އަމީން ވެސް ހެއްދެވި ބައެއް ގޯސްތައް ފާހަގަކޮށްފައިވޭ؛ އެ ކަންކަމާ ގުޅިގެން ސަރުކާރުން ފިޔަވަޅެއް އަޅަން އުޅޭ ތަނެއް ނުފެނޭ

މިދިޔަ 18 އޭޕްރީލްގެ ހެނދުނު ހ. މީޓާޒްގެ ގުދަނުގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ފާހަގަކޮށްފައިވާ ގޯސްތަކާއި އެ ކަންކަމާ ގުޅިގެން ކޮމިޝަނުން ދީފައިވާ އިރުޝާދުތައް ފުރިހަމަކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވި ނަމަވެސް އޭގައި މިނިސްޓަރުންގެ ބައި ފެންނާކަށް ނެތެވެ.

ކަމުގެ ފެށުން - މި މައްސަލަ ހޫނުވެގެން ދިޔައީ ވެސް ޔުމްނު ވެއްޓުމުގެ ކުރީ ރޭ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވޭ ގޭގައި ހުންނަ އެޕާޓްމަންޓަކަށް ޔުމްނު ދިޔަ ނަމަވެސް އެ ގޭގެ މައުލޫމާތު ފުލުހުން ފުރަތަމަ ހާމަނުކުރުމުންނެވެ. މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތު އަމާޒުވީ ވެސް އެ ކަމާ ގުޅުވަ އެވެ.

މި ހާދިސާގެ ހަގީގަތް ހޯދުމަށާއި ތަހުގީގުގައި ހިނގާފައިވާ ގޯސްތައް ހޯދުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އެކުލަވާލީ ވެސް އެހެންވެ އެވެ.

ތަފްސީލް - ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން ހެއްދެވި ބައެއް ގޯސްތައް ވެސް ފާހަގަކޮށްފައިވެ އެވެ.

އިހުސާން ހެއްދެވި ގޯސްތަކުގެ ގޮތުގައި ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަކީ:

  • 18 އޭޕްރީލްގެ މެންދުރުފަހު 3:47ގައި ދާއޫދު އަހުމަދު ގުޅުމުން 1 މިނެޓުގެ ކޯލަކަށް ޖަވާބު ދެއްވި އަދި ކުރި މެސެޖުތަކަށް ރިޕްލައިކުރެއްވި؛ އެއީ ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު ދުވަސް (ދާއޫދަކީ ޔުމްނު ވެއްޓުމުގައި އިހުމާލުވުމުގެ ދައުވާ އުފުލާފައިވާ ރައުދުގެ ބޭބެ އަދި ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި އޭރު ހުރި ޒުވާނެއް)

  • ދާއޫދުގެ ގެ ކައިރީގައި ކަމެެއް ހިނގިތޯ ބެލުމަށް ކޮމާންޑަރަށް މިނިސްޓަރު އިހުސާން ގުޅުއްވައި ގެ ކައިރީގައި ފުލުހުން ތިބިކަން ސާފުކުރެއްވި؛ އެއީ ދާއޫދުގެ ގެ ކައިރީގައި ނޫސްވެރިން އުޅޭ ކަމަށް ހީވެގެން ދާއޫދު ސުވާލުކުރުމުން މިނިސްޓަރު ސާފުކުރެއްވީ ކަމަށް ކޮމިޝަނަށް ބަޔާން ދެއްވާފައިވޭ

  •  ފުލުހުން އެ ރޭ އެ ގެ ބަލައި ފާސްކުރުމަށް ފަހު ރައުދު ހައްޔަރުނުކުރާކަން މިނިސްޓަރަށް ދާއޫދު މެސެޖުކޮށްފައިވޭ؛ އެ މެސެޖުގެ ޖަވާބުގައި ރައުދު ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުން ގެންދަން އިރުޝާދު ދެއްވާ ގޮތަކަށް މިނިސްޓަރު މެސެޖެއް ކުރައްވާފައިވޭ

  • ޔުމްނު ވެއްޓުނު ކަމަށް ބުނާ ހ. ފެންޓިނޯއީގޭގެ ކުޑަ ދޮރުން މީހަކު ނުވެއްޓޭނެ ކަމަށް ބުނެ ފޮޓޯއެއް ލިބުމުން އެ ތަނަށް ގޮސް ބަލަން ބޭނުންވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސްއަށް މިނިސްޓަރު އިހުސާން ދެންނެވި؛ ޕްރެސް ބްރީފިން ބޭއްވި ދުވަހު ސީނަށް މިނިސްޓަރު ވަޑައިގެންފައިވޭ

  • ކުށުގެ ވެއްޓަށް ސީދާ ހޯމް މިނިސްޓަރު ވަޑައިގަންނަވައި އަމަލީ ގޮތުން ކަންކަން ބެއްލެވުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަކޮށްފައިވޭ؛ އެފަދަ އިޖުރާއަތެއް އޮތުން ވެސް މުހިންމު ކަމަށް ކޮމިޝަނުން ލަފާދީފައިވޭ

މިނިސްޓަރު އަމީން ތަހުގީގަށް ނުފޫޒެއް ފޯރުވިތޯ ކޮމިޝަނުން ބެލުމަށް ފަހު އެ ކަން ސީދާ ކަނޑައެޅެން ނެތް ނަމަވެސް މިނިސްޓަރު އަމީނަށް ވެސް ގޯހެއް ހެއްދެވިފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެއީ:

  • ހެޔޮ ނިޔަތުގައި ނަމަވެސް އަމީންގެ މަސްލަހަތު އޮތް، އާއިލީ ގޮތުން ގުޅުން އޮތް ބަޔަކު ހިމެނޭ މައްސަލައެއްގެ ތަހުގީގު ހިނގަމުން ދަނިކޮށް ކޮމިޝަނާ އޮފް ޕޮލިސްއަށް ގުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

މިއިން އެއްވެސް ކަމެއް ރައީސް އޮފީހުން ރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ނެތް އިރު، ސަރުކާރުން ފިޔަވަޅެއް އަޅާނެތޯ ސާފުކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އަދި މެސެޖުން ސުވާލު ފޮނުވި ނަމަވެސް އެ ސުވާލަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ.

އެނގުން މުހިންމު - ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އަޅަން ކަމާ ގުޅުން ހުރި މިނިސްޓްރީތަކާއި ފުލުހުންނަށް ރައީސް އެންގެވިކަން ހާމަކޮށް ރައީސް އޮފީހުން ރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ ފުލުހުންގެ ބައެއް އޮފިސަރުންނަށް ހެދުނު ގޯސްތަކެވެ.

ރައީސް އޮފީހުގެ ލިޔުމުގައި، ކޮމިޝަނުގެ ރިޕޯޓުން ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ޔުމްނު ހ. މީޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދިނީ ގަޑިއިރެއްހާއިރު ފަހުން؛ އިންވެސްޓިގޭޝަން އޮފިސަރަށް ސީނަށް ދެވުނީ ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން

  • ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް މައްސަލަ ތަހުގީގު ކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައެއް ނުވޭ

  • ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައެއް ނުވޭ؛ ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންކަން ނުކޮށް ސީން ދޫކޮށްލުން

  • ހ. މީޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކޮށްފައެއް ނުވޭ؛ ސީންގެ ބައުންޑްރީއެއް ކަނޑައަޅާފައި ނުވޭ އަދި ކުށުގެ ވެށި ރައްކާތެރިކޮށްފައެއް ނުވޭ

މި ކަންކަން ހައްލު ކުރުމަށް ރައީސް އޮފީހުގެ ލިޔުމުގައި، ރައީސް އެންގެވި ކަމަށް ބުނާ ކަންކަން:

  • މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުންގެ އެސްއޯޕީތައް މުރާޖައާކޮށް، މުވައްޒަފުން އަހުލުވެރިކޮށް ތަމްރީން ދިނުމަށް

  • އެ ހާދިސާގައި ފަރުވާ ކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި އެ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ދީފައިވާ ލަފަޔާ އެއްގޮތަށް ފިޔަވަޅު އެޅުމަށް


އިތުރު އާޓިކަލް

އިތުރު އާޓިކަލް