ޖެމްކިޔުގެ ލޮގްއިން ވިންޑޯ

މަކަރާއި ހީލަތް

ޖީއެމްސީއީން ފައިސާ ނުނެގޭ މައްސަލަ ބޮޑުވެ، އިންވެސްޓުކުރި މީހުންނަށް ގެއްލުންވެދާނެ ކަމުގެ ބިރު ހީވެއްޖެ

ޖެމްކިޔު ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ ބުނެފައި

ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަމުންދާ އިންވެސްޓުމެންޓު ސްކީމަށް އިންވެސްޓުކުރި މީހުންނަށް ފައިސާ ނުނެގޭ މައްސަލަ ބޮޑުވެ، ސްކީމަށް އިންވެސްޓުކޮށްފައި ތިބި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖެމްކިޔު ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ.

ތަފްސީލް - ޖެމްކިޔުއަށް އިންވެސްޓުކޮށްގެން އުޅޭ މީހުން ތިބޭ ޓެލެގްރާމް ގްރޫޕެއްގައި މިއަދު ވަނީ އެއަށް އިންވެސްޓުކޮށްފައި ހުރި ފައިސާ ނުނެގޭކަމުގެ ޝަކުވާ ކުރަން ފަށައިފަ އެވެ.

"ޑިޕޮސިޓް ކުރެވޭ، ވިތުޑްރޯ ނުކުރެވޭ" ކަމަށް ބުނެ އެ ގްރޫޕުގައި މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގްރޫޕުގެ އެޑްމިނުންގެ ގޮތުގައި ތިބި މީހުންނަށް މެސެޖު ނުކުރެވޭކަމުގެ ކަންބޮޑުވުން ވެސް އެ ގްރޫޕުގައި އަންނަނީ ފާޅުކުރަމުންނެވެ.

މީގެ ކުރިން ގްރޫޕުގެ މެންބަރުންނަށް މެސެޖުކުރެވޭ ގޮތަށް އޮތް 'ޖީއެމްސީއީ އެމްވީ ގްރޫޕް'އަށް އެޑްމިނުން ފިޔަވާ އެހެން މީހުންނަށް މިހާރު މެސެޖެއް ވެސް ނުކުރެވެ އެވެ. އެ ގްރޫޕުގައި 40،000އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ސީއެމްޑީއޭ އާއި ފުލުހުން ގުޅިގެން ޖީއެމްސީއީގެ މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުންނާއި ސީއެމްޑީއޭން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.

ގުޅުން ހުރި - ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން، އިންވެސްޓުމެންޓު ސްކީމެއްގެ ދަޅަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދޭ ކަމަށް ބުނާ މައްސަލާގައި އަލްހާން އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

އެ މައްސަލާގައި ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކިންގްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދެއްކުމުން އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި އެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 13 ދައުވާއަކީ، އެ ކުންފުންޏަށް އިންވެސްޓްކުރި 13 މީހަކަށް ފައިސާ ނުދީ، ނުވަތަ އެ ފައިސާއިން ކޮށްދޭނެ ކަމަށް އެއްބަސްވި ކަންކަން ކޮށްނުދީ 'ފައިސާ ޓަކައިގެންފައިވާތީ' ހުށަހަޅާފައިވާ ދައުވާތަކެއްކަން، ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އަލްހާން އިސްވެ ހުންނަވައިގެން ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ސްކީމަށް އިންވެސްޓުކުރި މީހުންނަށް ގިނަ އަދަދެއްގެ ފައިސާ ދޭން ސިވިލް ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ. 

ކޮމެންޓް (2)

ތެފައާސާ.

19 ޖޫން 2025
މި ޕިރަމިޑް ސްކީމް ދިފާއުކޮށް މީތި ޕްރޮމޯޓުކޮށް މިއަށް މީހުންވައްދައިގެން ތިބިމީހުންގެ އަތުން "ގެއްލުނު" ފައިސާއެއް ހޯދައިދޭން އަހަރެންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ތަހުގީގެއް ހިންގުމާއި އަހަރެން ދެކޮޅު. ހަމަ ބުނެލީ!!!
6 0

ފެކްޓް

19 ޖޫން 2025
@ތެފައާސާ. މަޖިލިސް މެމްބަރަކު އަމިއްލައަށްވަނީ އެއީ އެބަޔަކު ކުރާކަމެއްކަމަށް ހުރިހާ ރައްޔިތުންކުރިމަތީ މަޖިލީހުގައި ހުރެ ލައިވްގައި ބުނެފައި. މީނާ ހައްޔަރުކުރަން ގޮވާލަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް