ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ސްކީމަކަށް ފަހު ސްކީމެއް؛ އަލްހާނު އަތުލެވޭނެ ތަނެެއް، ގޮތެއް ނެތް
"އަހަރެންނަށް ދުވާލަކު 100،000 ޔޫއެސް ޑޮލަރު ޖެނެރޭޓު ކުރެވޭނެ. [އެކަމަކު] އެއީ ކިހިނެއްކަން ނާހާތި."
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އަކީ ފޮރެކްސް ޓްރޭޑިންގައި "ޖާދޫގަރެ"ކެވެ. އަލްހާނު ވިދާޅުވާ ގޮތުން ނަމަ، 100 ޑޮލަރު 1،000 ޑޮލަރަށް ބަދަލުކޮށްލަން އޭނާއަށް ބޭނުންވަނީ އެންމެ ގަޑިއިރެކެވެ. އަލްހާނާއި އޭނާގެ ހިއްސާ އޮންނަ 'ސާކަސް' ނުވަތަ 'ކިންގްސް ފޮރެކްސް ޓީ'ގެ ޖާދުލަކީ އެއީ އެވެ.
I can generate 100,000 USD daily . Don’t ask me how !
— Alhan Fahmy (@AlhanFahmy) March 13, 2022
ފަސޭހައިން މުއްސަނދިވެވޭ ކަމަށް ބުނާ މި 'ޖާދޫ' ތަޖުރިބާކޮށްލަން ސާކަސްއަށް ވަދެވެނީ ޓިކެޓެއް ނުވަތަ ޕެކޭޖެއް ނަގައިގެންނެވެ. މިކަމުގައި އަލްހާނު، އާދައިގެ މީހެއް، މުއްސަންޖެއް ވެސް "ބާކީ ނުކުރައްވަ" އެވެ.
ޕެކޭޖުތައް ހުރީ ތަފާތު ފަންތީގެ މީހުންނަށް ވެސް ގަނެވޭ ގޮތަށް އެކި އަގުތަކުގަ އެވެ. ކުޑަ މުސާރަ ލިބޭ މީހުންނާއި އެންމެ ފުދުންތެރި މީހުންނަށް ތަފާތު ޕެޖޭޖުތަކެވެ. މީހުންގެ ސަމާލުކަން ދަމައިގަންނަ އިޝްތިހާރުތަކާއި މޮޅެތި ނަންތަކެވެ. ރަނާއި ރިހި އަދި ލޮއި ޕެކޭޖުތަކެވެ. އެކި މުނާސަބަތުތަކަށް ހާއްސަ ޕެކޭޖުތަކެވެ. މިސާލަކަށް، ރޯދަމަހަށް ހާއްސަ 'ރޯދަ ވީކްލީ' ޕެކޭޖުތަކާއި ހިޔާ ފްލެޓު ލިބުނު މީހުންނަށް ހާއްސަ 'ހިޔާ ފްލެޓު ދަރަނި ސަޕޯޓު' ޕެކޭޖެވެ. އަދި ކޮބައިހެއްޔެވެ؛ އެންމެ 10 މަހުން މިލިއަނަރަކަށް ހަދައިދޭ، 'ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ' ޕެކޭޖެވެ.
އެންމެ ކުރިން ސާކަސްއަށް ވަން މީހުންނަށް ބަރާބަރަށް ފައިސާ ލިބޭކަމުގެ ވާހަކަ ތުންތުންމަތިން ދެކެވެން ފަށައިފި އެވެ. އަލްހާނުގެ މޮޅުކަމާއި އޭނާ ގެންނަވާ މާލީ އިންގިލާބުގެ ވާހަކަ އެވެ. އޭނާ ރައީސަކަށް ހޮވަންވީ ކަމަށް ވެސް ބައެއް މީހުން ކިޔަން ފަށައިފި އެވެ. ލަހެއް ފަހެއް ނެތި އެހެން މީހުން ވެސް، ކޮންމެ ގޮތަކުން ފައިސާ ހޯދައިގެން ވިޔަސް އެ ސާކަސްއަށް ވަންނަން ބޭނުންވި އެވެ. ބައެއް މީހުން ދިނީ އުމުރުދުވަހުން ރައްކާ ކުރި ފައިސާކޮޅެވެ. ބައެއް މީހުން ބޭންކުތަކުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ.
ނަމަވެސް، ޖާދުލަކީ ހަގީގަތެއް ކަމަށް ހީވާ ގޮތަށް މީހުންގެ ލޮލަށް ދައްކާލާ ދަޅައެކެވެ. އަލްހާނު ވެސް ހެދީ ހަމަ އެހެންނެވެ. ކުރީކޮޅުގައި ސާކަސްއަށް ވަން މީހުންނަށް ދިނީ، ފަހުން ވަން މީހުން ޓިކެޓު ގަންނަން ދިން ފައިސާ އެވެ. އެކަން ފަޅާއެރީ މާ ފަހުންނެވެ. އަލްހާނު ދެއްކި ޖާދުލުގައި ޖެހުނު ގިނަ މީހުން ގޮވަނީ "ފައިސާކޮޅު ކޮބާ" ހެއްޔެވެ. ނޫނީ "މަގޭ ފައިސާކޮޅު ގެނޭ" އެވެ. ޖާދޫގަރެއް ކަމަށް ކުރިން ގަބޫލުކުރެވުނު ނަމަވެސް، މިހާރު ގޮވަނީ ވަގަށެވެ. އަލްހާނު ފަހަތުން ދުވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އެވެ.
އަލްހާނުގެ ޖާދުލުގެ ބާރު ވަރަށް ވެސް ގަދަ އެވެ. އޭގައި ޖެހުނު މީހުންގެ އަދަދު ގުނާލެވެނީ ހާހުންނެވެ. އެ މީހުންނަށް ނުލިބި ހުރި ފައިސާގެ އަދަދު ގުނާލެވެނީ މިލިއަނުންނެވެ. މި ޖާދުލުގެ ކުރިމަތީގައި ކަމާބެހޭ އިދާރާތަކަށް ވެސް މާ ބޮޑު ކަމެއް ކުރެވޭ ތަނެއް ނުފެނެ އެވެ. އޭގެ އެންމެ ސާފު ހެއްކަކީ އެއް ސާކަސް ހުއްޓުވައި ހަގީގަތް ބަލައި ނުނިމެނީސް އަނެއްކާ އާ ސާކަސްއެއް މިފަހުން ހުޅުވުމެވެ.
އެމްއެމްއޭ އާއި ބޭންކުތަކަށް ވެސް މާ ބޮޑު ކަމެއް ނުވި
އަލްހާނާއި އޭނާ ހިންގެވި ސްކީމް މަޝްހޫރުވެގެން ގޮސް، ކަމާ ބެހޭ ފަރާތްތަކުން އެންމެ ފަހުން މިކަމުގެ ވާނުވާ ބަލަން ނުކުތެވެ. މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނީ އާންމުން ސަމާލުވާން އެދި ބަޔާނެކެވެ. އެއާ އެކު، ޖެހިގެން އައި ދުވަހު ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތެޅިފޮޅިގެން ކިންގްސް ކުންފުނީގެ އެކައުންޓުތައް ފްރީޒް ކުރި އެވެ.
އެ ވަރުން ވެސް ބައެއް މީހުންނަށް މި ވެގެން އުޅޭ ގޮތް ފަހުމުވާ ގޮތެއް ނުވި އެވެ. އެ މީހުންގެ ފޮނިބަސްތައް އައްޑަނައަކަށް ހައްދަވައިގެން އަލްހާނު ރައްދު ދެއްވީ، ނޫސްވެރިންގެ ބައްދަލުވުމަކުންނެވެ. ގަދަބަސް ވިދާޅުވެ، ބޭންކުތަކަށް ގޮންޖެއްސެވި އެވެ. އެއީ، އަލްހާނު ވިދާޅުވި ގޮތުގައި، އާދަނެއް، ހުސޭނެއް ނޫން ކަމަށާއި ބޭންކުތަކަށް އެއީ ކާކުކަން ނޭނގެނީ ކަމަށެވެ.
"އަޅުގަނޑަކީ ޓްރޭޑިންގެ ބޯޑުގައި އެއް ވަނައަށް އޮންނަ މީހެއް. އަޅުގަނޑަކީ އާދަނެއް ހުސޭނެއް ނޫން. ބޭންކަށް އަޅުގަނޑަކީ ކާކުކަން ނޭންގުން މައްސަލައަކީ. އާންމުން އަޅުގަނޑަށް ފައިސާ ދޭ ގޮތާއި ހުރިހާ އެއްޗެއް ލިޔެކިޔުމުން ހުންނާނެ. މިއީ އޮޅުވާލުމެއް އޮތް ކަމެއް ނޫން،" އެ ދުވަހު އަލްހާނު ވިދާޅުވި އެވެ.
ބޭންކުތަކަށް ވެސް އޭނާ އަތުނުވާނެ ކަމަށް އެ ދުވަހު އަލްހާނު ވިދާޅުވި ވާހަކައަކީ ވެސް ހަގީގަތެކޭ ބުނެވިދާނެ އެވެ. ފްރީޒްކުރި އެކައުންޓު ބަންދުކުރުމަށް ފަހު އޭގައި ހުރި 3 މިލިއަނެއްހާ ރުފިޔާ، ބޭންކުން އަލްހާނަށް ރައްދުކޮށްދިނެވެ. ނަމަވެސް، މީހުންނަށް ދަރާފައި ހުރި ފައިސާ އޭނާ ނުދެއްވަ އެވެ. ފައިސާކޮޅު ލިބުމާ އެކު އަލްހާން މަސައްކަތް ކުރެއްވީ، ޖިނާއީ ތަހުގީގެއް ކުރިއަށް ހިނގަހިނގައި އޮއްވާ ވެސް ހުއްޓިފައި އޮތް ސްކީމް އަލުން ފަށައި ފުޅާ ކުރެވޭތޯ އެވެ.
-
އިތުރަށް ކިޔާލަން - 'ޕޮންޒީ ސްކީމް'ގެ ފައިސާ ރައްދުކުރަން ބަހަނާ؛ މިވަގުތު ދެވެން ނެތް ކަމަށް ބުނެފި
އެކައުންޓުގައި ހުރި ފައިސާ އަނބުރާ ލިބުނު ނަމަވެސް، ބީއެމްއެލްއިން އަލްހާނަށް ޖެއްސި ދަތި ހާލު އޭނާގެ ހިތުން ފިލައިގެނެއް ނުދިޔަ އެވެ. އަދި ސްކީމުގެ ކަންކަމުގައި ވިދާޅުވާ ގޮތަށް އަމަލު ނުކުރެއްވިޔަސް، ކުރިން ވިދާޅުވި ގޮތަށް، ހަތަރު ދައުވާއަކާ އެކު ބީއެމްއެލް ގޮވައިގެން ކޯޓަށް ވަޑައިގަތެވެ. އަލްހާން ކޯޓުގައި އެދިވަޑައިގަތީ:
-
މަގުބޫލު ގާނޫނީ ސަބަބެއް ނުވަތަ ކޯޓު އަމުރެއް ނެތި އެކައުންޓު ޑީއެކްޓިވޭޓު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން
-
އޮންލައިން ޓްރޭޑިންއަކީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ކަނޑައަޅައިދޭން
-
މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ކުންފުނި ރިޕޯޓު ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދޭން
-
އެކައުންޓު ޑީއެކްޓިވޭޓު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިދޭން
އޭގެ ތެރެއިން އަލްހާނާ އެއްކޮޅަށް ހުކުމް ނެރުނީ، ކިންގްސް ޓްރޭޑިންގެ އެކައުންޓް ހިފެހެއްޓީ ގޯސްކޮށް ކަމާއި އޭގެ ބަދަލު ހޯދަން އެދެވިދާނެ ކަމުގެ މައްޗަށެވެ. ހިންގެވި ސްކީމު ރަނގަޅޭ ނުބުނި ނަމަވެސް، އެއީ ލިބުނު މޮޅެއް ކަމަށް އަލްހާނަށް ބެލެވިދާނެ އެވެ. އެކަމުގައި ރެއާއި ދުވާލު އޭނާ ކުރައްވާ 'ބުރަ' މަސައްކަތުގައި ލިބުނު ކޮންމެވެސް ވަރެއްގެ ކުރިއެރުމެކެވެ. އަލްހާނު ގައުމީ ބޭންކަށް އެ ޔަގީންކޮށްދެއްވީ އޭނާއަކީ އެ ވިދާޅުވާ އާދަނެއް ހުސޭނެއް ނޫން ކަމެވެ.
ތަހުގީގަށް ބަރާބަރު އަހަރެއް؛ ކިހާވަރަކުން ދާނެ؟
އަލްހާނު ހައްދަވާ ޖާދުލާއި މި ސާކަސްގެ ހަގީގަތް ފުލުހުން ބަލަން ފެށީ 15 މާޗު 2022ގަ އެވެ. އެ ދުވަހު ފެށި ޖިނާއީ ތަހުގީގަށް މާދަމާއަށް މި ވަނީ ބަރާބަރު އެއް އަހަރެވެ. އަދި ވަކިކޮޅެއްގައި ނުޖެހެ އެވެ.
ތަހުގީގަށް އަލްހާނު ފުލުހުންގެ މައި އިދާރާއަށް ހާޒިރުކޮށް އެކި ފަހަރު މަތިން ސުވާލުކޮށްފައިވެ އެވެ. އަދި 23 އޮކްޓޫބަރު 2022ގައި ފުލުހުން ބުނީ، އެ މައްސަލަ އޭރު އޮތީ ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ މަރުހަލާގައި ކަމަށެވެ. އަލްހާނު ދިރިއުޅުއްވާ ގެ އާއި އޭނާގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކުރީ އޭގެ ފަހުން މިދިޔަ ޖެނުއަރީގަ އެވެ. އަދި އެ ތަންތަނުން ބައެއް ތަކެތި ގެންދިޔަ އެވެ.
އޭގެ ކުރިން ދައުވާތަކަށް އިންކާރު ކުރެއްވުން ފިޔަވައި އަލްހާނު މާ ބޮޑު އެއްޗެއް ތަހުގީގާ މެދު ވިދާޅެއް ނުވެ އެވެ. ނަމަވެސް، އަލްހާނުގެ ގެއިން ފުލުހުން ގެންދިޔައީ، އޭނާ ވިދާޅުވާ ގޮތުގައި، ކިންގްސް ކުންފުނީގެ ވިޔަފާރިއާ ގުޅުމެއް ނެތް، އޭނާގެ އަމިއްލަ މުދަލެވެ. ގަދައަށް ރުޅި އައީ އެ ހިސާބުންނެވެ. ބޭންކާ ދިމާލަށް ވިދާޅުވި ގޮތަށް ފުލުހުން ގޮވައިގެން ވެސް ޝަރީއަތަށް ދާނެ ކަމަށް ވިދާޅުވި އެވެ.
މަކަރާހީލަތުން މީހުންގެ އަތުން ފައިސާ ނަގައިގެން އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ، އެއްވެސް އަސާސެއް ނެތި އަޅުގަނޑު ދިރިއުޅޭ ގެއަށް @PoliceMv އިން ވަދެ، އަޅުގަނޑު ހިފަހައްޓާ، ފޯނު އަތުލާ، ގޭގެ ހިތުހުރި ތަނަކަށް ވަދެ، ކިންގްސް ކުންފުނީގެ ވިޔަފާރިއާއި ގުޅުންނެތް 1/2
— Alhan Fahmy (@AlhanFahmy) January 24, 2023
އަލްހާނުގެ ގެއާ އޮފީސް ބަލައި ފާސްކުރި ފަހުން ފުލުހުންގެ ފަރާތުން އިތުރު އަޕްޑޭޓެއް ނުލިބި އޮއްވައި އެންމެ ފަހުގެ މައުލޫމާތު ލިބުނީ އިއްޔެ އެވެ. ފުލުހުންގެ ތަރުޖަމާނުން ފޮނުއްވި ލިޔުމެއްގައި ވަނީ މިހެންނެވެ؛ "ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މި ހިދުމަތުން ދަނީ ތަހުގީގުކުރަމުންނެވެ."
ތަހުގީގުގެ ހޯދުންތައް:
ތަހުގީގުގެ ހޯދުންތަކާއި ކިންގްސް ކުންފުނިން ހިއްސާކުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ފުލުހުން ބުނީ:
-
ފޮރެކްސް ޓްރޭޑިން ވިޔަފާރިކުރާ ކަމަށް ބުނެ 1،864 މީހުންގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި
-
އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއިން ކްރިޕްޓޯ ކަރެންސީ ނުވަތަ ޑިޖިޓަލް ކަރެންސީގެ މުއާމަލާތްތަކެއް ހިންގި
-
އިންވެސްޓަރުންނަށް ޕޭއައުޓްސްގެ ގޮތުގައި 39 މިލިއަން ރުފިޔާ ދިން
-
އިންވެސްޓަރުންނަށް ފައިސާ ދެމުން އައިސްފައިވަނީ، ފަހުން އިންވެސްޓުކުރަމުން އައި މީހުން ދައްކަމުންދިޔަ ފައިސާއިން (މިއީ ޕޮންޒީ ސްކީމްތަކުގެ ސިފައެއް)
-
ކްރިޕްޓޯ ކަރެންސީ ނުވަތަ ޑިޖިޓަލް ކަރެންސީއަށް ބަދަލުކުރި ފައިސާގެ މުއާމަލާތްތަކާ ގުޅޭ އިތުރު އެއްވެސް މުއާމަލާތެއް ނުވަތަ ފައިސާ ކިންގްސް ކުންފުނީގެ އެކައުންޓުތަކަށް، އެއްވެސް މީޑިއަމްއަކުން އަނބުރާ ލިބިފައެއް ނުވޭ
-
އިންވެސްޓަރުންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ފައިދާ ނުހިމަނައި 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ނުދީ އެބަހުރި
-
ތަހުގީގު ފެށިއިރު ކިންގްސް ކުންފުނިން އިންވެސްޓަރުން އަތުން ފައިސާ ނެގުމަށް ފަހު އެ ފައިސާ ކްރިޕްޓޯ ކަރެންސީ ނުވަތަ ޑިޖިޓަލް ކަރެންސީއަށް ބަދަލުކުރި ފައިސާ، ފޮރެކްސް ޓްރޭޑިން ކުރުމުގެ ތެރޭގައި މިހާރު ގެއްލިފައިވާ ކަމަށް އެ ކުންފުނިން ތަހުގީގަށް މައުލޫމާތު ދީފައިވޭ
"އިތުރަށް އަންނަ މީހުންގެ ފައިސާ އެހެން މީހުންނަށް [ކުރިން އިންވެސްޓުކުރި މީހުންނަށް ދިންކަން ތަހުގީގަށް ފާހަގަވެފައިވާތީ، ޕޮންޒީ ސްކީމެއް ކަމަށް ވެސް ބަލައިގެން ތަހުގީގު ކުރިއަށް ގެންދަނީ،" ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު 'ދައުރު'އަށް ވިދާޅުވި އެވެ.
ފުލުހުން މީޑިއާ އިން ދެން ފާހަގަކުރި އަނެއް ކަމަކީ، ކިންގްސް ކުންފުނީގެ އެކައުންޓަށް އިންވެސްޓަރުން ޖަމާކުރި ފައިސާގެ ތެރެއިން ފައިސާ، ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކުރިކަން ތަހުގީގަށް ފާހަގަވި ކަމެވެ.
އެކަމަކު ފައިސާ ގެއްލުނު ސަބަބުތަކުގެ ތެރޭގައި ކިންގްސް ކުންފުނިން އޭރު ދެއްކި އެއް ބަހަނާއަކީ، އެ ކުންފުންޏަށް ޓްރޭޑުކޮށްގެން ލިބުނު ފައިދާއިން ބައެއް، އެއީ ކިހިނެއް ހޯދި ފައިސާއެއް ކަން ނުބުނެދެވޭތީ ކަމަށް ބުނެ ބީއެމްއެލް އިން އަނބުރާ ފޮނުލުމެވެ. އޭގެ އަދަދުތަކަކީ:
-
27 ފެބުރުއަރީ 2022 - 12،969.14 ޔޫރޯ (212،232.07ރ.)
-
2 މާޗު 2022 - 8،583.44 ޔޫރޯ (140،462.11ރ.)
-
ޖުމްލަ - 352،694.18ރ.
-
އިންވެސްޓަރުންނަށް ނުދީ ހުރި ފައިސާގެ ޖުމްލަ އަދަދު (ފައިދާއަށް އިތުރުވާނެ ކަމަށް ބުނި ބައި ނުހިމަނައި) - 65 މިލިއަން ރުފިޔާއަށް ވުރެ ގިނަ
އަމިއްލަ އެކައުންޓުތަކަށް ނެގި ފައިސާއިން ކުރީ ކީއް؟
ޑިޖިޓަލް ކަރެންސީއަށް ބަދަލުކުރި ބައި ޓްރޭޑިންގެ ތެރޭގައި ގެއްލުނު ކަމަށް ތަހުގީގުގައި ކިންގްސް ކުންފުނިން ބުނިއިރު، ބައެއް ފައިސާ އެ ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓުތަކަށް ޓްރާންސްފާކުރިކަން ވެސް ތަހުގީގަށް ވަނީ ހޯދިފަ އެވެ. ދެން އުފެދޭ ސުވާލަކީ އެ ފައިސާއިން ކުރީ ކޮން ކަމެއްތޯ އެވެ. އެނގޭ މިންވަރަކީ މި އެވެ.
-
އަލްހާނުގެ އަމިއްލަ ނަމުގައި ބީއެމްއެ ލްއިން ނަންގަވާފައިވާ ލޯނަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ބީއެމްއެލް އިން ކޯޓަށް ދިޔަ؛ އަލްހާނު ވަނީ މި ސްކީމް ފެއްޓެވި ފަހުން އެ ދަރަނި ދައްކައި ހަލާސްކުރައްވާފައި (ސީދާ ކޮން ތާރީހެއްގައިކަން އެނގިފައެއް ނެތް)
-
އަލްހާނުގެ ކްރެޑިޓް ކާޑުތަކަކާ ގުޅޭ މައްސަލައެއް ބީއެމްއެލް އިން 8 ސެޕްޓެމްބަރު 2022ގައި ސިވިލް ކޯޓަށް ހުށަހެޅި؛ އެއީ 'ވިސާ ޕްލެޓިނަމް ކްރެޑިޓް ކާޑަ'ކާއި 'އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑެ'އް
-
އަލްހާނުގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓު ނޭނގުނު ނަމަވެސް، އާންމުކޮށް ބީއެމްއެލް އިން ދޫކުރާ ވިސާ ޕްލެޓިނަމް ކްރެޑިޓު ކާޑުގެ ލިމިޓަކީ 5،000-24،999 ޑޮލަރު (77،000-385،484ރ.އާ ދެމެދުގެ އަދަދެއް) އަދި އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑުގެ ލިމިޓު: 22،000ރ. އިން ފެށިގެން މަތި
-
ބީއެމްއެލް އިން ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވައި އަލްހާނު ވަނީ ކްރެޑިޓް ކާޑަށް ނުދައްކާ ހުރި ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާއަށްވާ ފައިސާ ވެސް ދައްކައި ހަލާސްކުރައްވާފައި
މި މައްސަލައިގެ ތަހުގީގު ކުރަމުން އަންނައިރު، ފުލުހުންގެ މީޑިއާ އިން ބުނީ މި މައްސަލައިގައި ފުލުހުން ކުރި އިއުލާނާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތްތަކުގެ މައްސަލަތަކުގެ ދައުވާ، ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި ހުށަހެޅުމަށް ޕީޖީ އޮފީހާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މައްސަލަތަކުގެ އަދަދެއް ނުބުނެ އެވެ.
ތަހުގީގު ނުނިމެނީސް އިތުރު ސްކީމެއް؛ ކަމާ ބެހޭ އިދާރާތައް ކޮބާ؟
މިހާތަނަށް ފެންނަ ފެނުމަށް، ކިންގްސް ކުންފުންޏަކީ ނަމެއްގައި 'މުއްސަނދިން އުފައްދާ ކާރުހާނާއެކެވެ'. އޭނާގެ ސްކީމުގައި އަބަދުވެސް ބަލަނީ ނުދެވި ހުރި ފައިސާ ރައްދުކުރުމުގެ ބަދަލުގައި އާ އިންވެސްޓަރުން ހޯދޭތޯ އެވެ. ފްރީޒްކުރި އެކައުންޓުގައި ހުރި ފައިސާ އަތަށް ލިބުމުން އެ ފަހަރު ވެސް އަމަލުކުރެއްވީ އެ ގޮތަށެވެ.
ފުރަތަމަ ސްކީމާ ބެހޭ ގޮތުން ފެށި ތަހުގީގަށް އަހަރެއްވީއިރު އަދި ވަކި ގޮތަކަށް ނުނިމެ އެވެ. ނަމަވެސް، ކިންގްސް ކުންފުނިން އަނެއްކާވެސް މި އުޅެނީ އާ ސްކީމެއް އިޝްތިހާރުކޮށް ފަށައިގެންނެވެ. މި ފަހަރު މީހުންނަށް ދައްކަނީ އެ ކުންފުނިން ސިވިލް ކޯޓުގައި ބީއެމްއެލްގެ މައްޗަށް ހޯދި ކާމިޔާބީ އެވެ. ނަމަވެސް، ކުރިން ބުނިހެން ކޯޓުން ނިންމީ އެކައުންޓު ފްރީޒްކުރީ ގޯސްކޮށް ކަމެވެ. ކިންގްސް ކުންފުނިން ހިންގާ ސްކީމް ރަނގަޅު ކަމަކަށް ނުބުނެ އެވެ.
ގިނަ އަދަދެއްގެ މީހުންނާ ގުޅޭ އަދި ފައިސާ ބޮޑެތި އަދަދުތަކެއް ވެސް ހިމެނޭ މައްސަލައެއްގެ ތަހުގީގެއް ކުރިއަށް ގޮސްގޮސް އޮއްވައި ތުހުމަތުކުރެވޭ ކުންފުނިން އާ ސްކީމެއް ފެށިއިރު، އެކަން ހުއްޓުވާނެ އިދާރާއެއް މި ރާއްޖޭގައި އޮތް ކަމަކަށް ނުވެ އެވެ. ފެށުމުގެ މާ ކުރިން ސޯޝަލް މީޑިއާގައި ގަދައަށް އިޝްތިހާރު ކުރި އެވެ. ކުރިން ލަނޑު ލިބުނު މީހުން އެކަމާ ނުރުހުން ފާޅުކުރަމުން ދިޔައިރު ކަހާތަން ހިރުވައި ވެސް ނުލި އެވެ.
އެމްއެމްއޭގެ ތަރުޖަމާނަކު ވިދާޅުވީ ބޭންކްތަކުން އަބަދުވެސް ބޭންކިން ނިޒާމުގެ ތެރެއިން މަކަރާއި ހީލަތް ހިންގިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށާއި މި އާ ސްކީމާ ގުޅިގެން ސަމާލުވާން އަނެއްކާވެސް ބޭންކުތަކަށް ހަނދާންކޮށްދީފައިވާނެ ކަމަށެވެ.
"ކުރިން ވެސް އެމްއެމްއޭ އިން ވާނީ އާންމުންނަށް ވެސް މިފަދަ ކަންކަމަށް ސަމާލުވާން ދަންނަވާފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
"މި އޮތޯރިޓީން ދަނީ މާލީ އެކިއެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރަން."
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އާ ސްކީމެއް ފަށައިގަތްއިރު އިހަކަށް ދުވަހު ފުލުހުންގެ މީޑިއާއިން އެކަމާ ސަމާލުވާން ބުނުން ފިޔަވައި އިތުރު ތަނަކުން އެއްވެސް އެއްޗެކޭ ނުބުނެ އެވެ.
"މި މައްސަލައިގެ [ފުލުހުން ބަލަމުން އަންނަ މައްސަލައިގެ] ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކިންގްސް ކޮޕީ ޓްރޭޑިންގެ ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އާ އިންވެސްޓްމަންޓް ސްކީމެއް އިޝްތިހާރު ކުރަމުންދާތީ، މިފަދަ ސްކީމްތަކާ މެދު އާންމުން ސަމާލުވުމަށާއި އާންމު ރައްޔިތުންގެ މާލީ މަސްލަހަތު ނުރައްކަލަށް ހުށަހެޅޭ، ރެގިއުލޭޓަރީ އިދާރާތަކުން ހުއްދަ ދީފައި ނުވާ މިފަދަ ސްކީމްތަކުގައި ބައިވެރި ނުވުމަށް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ މީޑިއާ އިން ބުނެފައިވެ އެވެ.
އަލްހާނު އިސްވެ ހުންނަވައި އާ ސްކީމެއް ފަށައިގެން ކުރިއަށް ގެންދާއިރު، މި ފަހަރުގެ ސްކީމްގައި ބައިވެރިވީ ކިތައް މީހުން ކަމެއް އަދި މިހާތަނަށް އައިއިރު ނޭނގެ އެވެ. ފަށާފައި އޮތް މައްސަލައިގެ ތަހުގީގު އޮތީ އޮތް ތަނުގަ އެވެ.
'އެފްޓީއެކްސް ކްރޭޝް'އާ އަޅާބެލުން
އެފްޓީއެކްސް އަކީ ކްރިޕްޓޯކަރެންސީ އެކްސްޗޭންޖު ކުރާ ޕްލެޓްފޯމެއް ހިންގި ބަހަމާސްއަށް ނިސްބަތްވާ އަދި މިހާރު ބަނގުރޫޓުވެފައިވާ ކުންފުންޏެކެވެ. ބަނގުރޫޓުވުމުގެ ކުރިން އެއީ ކްރިޕްޓޯކަރެންސީގެ ވިޔަފާރިކުރާ ކުރާ ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު ކުންފުންޏެވެ.
އެތައް ކަސްޓަމަރުންނާއި އިންވެސްޓަރުންނަށް އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތައް އެފްޓީއެކްސްގެ ކުރީގެ ސީއީއޯ ސޭމް ބޭންކްމަން-ފްރައިޑްގެ މައްޗަށް ކުރެވިފައި ވާއިރު، އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
އަނެއްކޮޅުން ރާއްޖޭގައި އަލްހާނުގެ ކިންގްސް ކުންފުނިން ހިންގި ސްކީމާ މެދު ފުލުހުން ކުރާ ތަހުގީގުގައި ވެސް، އެ ސްކީމަށް އިންވެސްޓްކުރި މީހުންގެ ފައިސާ ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓުތަކަށް ޓްރާންސްފާކުރިކަން ވަނީ ހޯދިފަ އެވެ.
ސޭމް ބަލައިގަނެވިފައި އޮތީ ސިޔާސީ އަދި މަޝްހޫރު މީހުންނާ ގުޅުންތައް އޮންނަ އަދި ކުދި ކުންފުނިތަކަށް އެހީތެރިވަމުން ދިޔަ މަޝްހޫރު މީހެއްގެ ގޮތުގަ އެވެ. އަލްހާނަށް ބަލާއިރު، އަލްހާނަކީ މީގެ ކުރިން ސިޔާސީ ދާއިރާގައި އުޅުއްވި ބޭފުޅެކެވެ. މި ސަރުކާރަށް ފަތިފައްޗަށް ސޯޝަލް މީޑިއާގައި ސަނާކިޔުއްވަ އެވެ.
އެއްގޮތް ކަންތައްތަކެއް ހުރިއިރު، ސޭމް އާއި އަލްހާނު އަދި އެފްޓީއެކްސް އާއި ކިންގްސް ކުންފުނީގެ މައްސަލައިގައި ތަފާތުވާ ކަމެއް އެބައޮތެވެ. އެއީ ތަހުގީގު ފެށި ފަހުން އެ ދެ މީހުން އުޅޭ ގޮތެވެ. ސޭމްއަށް ބަލާއިރު، ބަހަމާސްއިން އޭނާ ހައްޔަރުކުރުމަށް ފަހު އެމެރިކާއަށް ފޮނުވާލި އެވެ. އަދި 250 މިލިއަން ޑޮލަރު ބެއިލްއަށް ދީގެން ޖަލުން ނުކުމެ، އޭނާ މިހާރު ހުރީ ގިނަ ޝަރުތުތަކާ އެކު ޝަރީއަތް ފަށަންދެން މައިންބަފައިންގެ ގޭގައި ބަންދުކޮށްފަ އެވެ.
އަނެއްކޮޅުން އަލްހާނު އުޅުއްވަނީ އާ ސްކީމެއް ފަށައި ވިޔަފާރި ފުޅާ ކުރުމުގައި އަވަދިނެތި އެވެ. ވަރަށް ވެސް މިނިވަންކޮށެވެ. އެއީ އަލްހާނެވެ؛ އާދަނެއް ހުސޭނެއް ނޫނެވެ. އެއް ޒަމާނެއްގައި ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު ކްރިޕްޓޯ ކަރެންސީ އެކްސްޗޭންޖުގެ ކުރީގެ ވެރިޔާ އަދި އޭރު ފޯބްސް އާއި ބްލޫމްބާގުގެ ބިލިއަނަރުންގެ ލިސްޓުގައި ހިމެނުނަސް ސޭމް މިއަދު އުޅެނީ ވަރަށް ހާލުގަ އެވެ. އެކަމަކު ރާއްޖެ އަކީ އެމެރިކާއެއް ނޫނެވެ. އަލްހާނަށް ސަލާމަތްވެވެނީ އެހެންވެ އެވެ.
ކޮމެންޓް (6)
ރައްޔިތުމީހާ
ބޯބުރާންތި
ދުވާފަރު މީހާ
އައްޓަމަސް
ޞައްދާމު
ކަަސަމް