އަލްހާންގެ ކިންގްސް ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އަނބުރާ ފައިސާ ދޭނެ ކަމުގެ ޔަގީންކަމެއް އަލްހާނަކަށް ނުދެވުނު

އަނބުރާ ދޭން ޖެހިފައި ހުރި ފައިސާގެ އަދަދާއި އޭގެ ތަފްސީލުތައް ހާމަކުރައްވަން ދެކޮޅު ހެއްދެވި؛ ބޭންކުތަކަށް އޭނާ އަތުނުވާނެ ކަމަށް ވިދާޅުވެ ގޮންޖެއްސެވި

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން ހިންގެވި 'ކިންގްސް ފޮރެކްސް ޓްރޭޑް' ސްކީމް ދައުލަތުގެ އިދާރާތަކުން މިހާރު ހުއްޓުވާފައި ވާއިރު، އެ ސްކީމަށް އިންވެސްޓްކޮށްފައިވާ 1،600އެއްހާ މީހުންގެ ފައިސާއަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ 

އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ގާތްގަނޑަކަށް 70 މިލިއަނެއްހާ ރުފިޔާ ދީފައިވާ ކަމަށް ބެލެވޭ އެ ސްކީމާ ގުޅޭ ގޮތުން މިއީ އެ ތަނަށް ފައިސާ ހަވާލުކުރި އެތައް ބައެއްގެ ސުވާލެކެވެ.

ކިންގްސް ފޮރެކްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށް އުންމީދުކުރި މީހުން ގިނަ އެވެ. އެކަމަކު ކަންވީ އެހެންނެއް ނޫނެވެ. އެ ކުންފުނީގެ ވެރިންނާއި ގާނޫނީ ވަކީލުން އެކުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުލިބުނެވެ. ދެން ކަންވާނެ ގޮތް ސާފެއް ނުވި އެވެ.

ކުރިޕްޓޯކަރަންސީއަށް އިންވެސްޓްކުރި ވަރާއި ޓްރޭޑިންގައި ހުރި ވަރާ މި މައުލޫމާތު އަޅުގަނޑުމެން ނުދޭނަން. އެތެރޭގެ މައުލޫމާތު ނުދޭނަން. އެމްއެމްއޭ އާއި ބީއެމްއެލްއިން ވެސް އެ މައުލޫމާތު ނުދެއެއް ނޫންތޯ. ދެން އަޅުގަނޑުމެން ދޭކަށް ނުޖެހޭ.

އަލްހާން ފަހްމީ

އެކައުންޓްތައް ފްރީޒްކޮށް އެ ސްކީމް މިހާރު ހުއްޓުވާފައިވާ އިރު އަދި ކުރިއަށް އޮތް ތާނގައި ވެސް އެ ސްކީމް އިދާރާތަކުން ހުއްޓުވާނެ ކަމަށް ބެލެވޭ އިރު، އެ ސްކީމްގައި ބައިވެރިވެ މިހާރު ފައިސާ އިންވެސްޓްކޮށްފައިވާ މީހުންނަށް އަނބުރާ ފައިސާ ދޭނެ ގޮތަކީ ކޮބައިތޯ އާއި ކިހާ އަދަދެއްގެ މީހުންނަށް ފައިސާ ދޭންވެފައި އެބަހުރިތޯ 'ދައުރު'އިން ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވައި އަލްހާން ވިދާޅުވީ އެ ސްކީމްގައި ބައިވެރިވި މީހުންނާ އެކު އެއްބަސްވެފައި ވާނީ ވަގުތުން ވަގުތަށް ފައިސާ ދޭން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއްބަސްވެފައިވާނީ، އަލްހާން ވިދާޅުވި ގޮތުގައި، ފޮރެކްސް އާއި ކުރިޕްޓޯކަރަންސީއަށް އިންވެސްޓްކޮށް އޭގެއިން ލިބޭ ފައިދާ އަހަރު ދުވަހުގެ ތެރޭގައި ދިނުމަށް ކަމަށެވެ.

އަލްހާންގެ ކިންގްސް ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެއަށް ފަހު އޭނާ ދެން ދެކޮޅު ހެއްދެވީ އެ ސްކީމުން އަނބުރާ ދޭން ޖެހިފައި ހުރި ފައިސާގެ އަދަދާއި އޭގެ ތަފްސީލުތައް ހާމަކުރެއްވުމަށެވެ. އޭނާ ވިދާޅުވީ އެއީ ވިޔަފާރީގެ ސިއްރުތައް ކަމަށާއި އެ ކަންކަން ހާމަކުރެވެން ނެތް ކަމަށެވެ.

"2024 ވަނަ އަހަރާ ހަމައަށް ދިގު ދެމިގެންދާ ޕެކޭޖުތަކުގެ މުއްދަތު ހުންނާނެ. މިއީ އެއް ދުވަހުން ދޭ ގޮތަށް ނަގާފައި ހުރި އެއްޗެއް ނޫން. ދެން ހިސާބު ކިތާބުކޮށްފައި އެއްޗެއް ބުނަން އެނގޭނީ. ހަތަރު އަހަރު، ތިން އަހަރު ދުވަހުގެ ޕެކޭޖްތައް މި ހުރީ. 1،600 މީހުންގެ ފައިސާގެ ހިސާބުގެ ވާހަކަ ތިޔަ ދައްކަނީ. އެ ޓްރޭޑް ކުރަމުން ޖެނެރޭޓް ކުރަމުން ދާނެ ފައިސާގެ ވާހަކަ ތި ދައްކަނީ. އެކައުންޓުގައި ހުރި ފައިސާ އާއި ހަރަދުކުރި ފައިސާގެ ވާހަކަ ނައައްސަވާ. އެ ސުވާލުތަކަކީ ތިބޭފުޅުންނަށް ވެސް ސަރުކާރަކަށް ވެސް މުހިންމު ސުވާލުތަކެއް ނޫން،" އަލްހާން ވިދާޅުވި އެވެ.

"ކުރިޕްޓޯކަރަންސީއަށް އިންވެސްޓްކުރި ވަރާއި ޓްރޭޑިންގައި ހުރި ވަރާ މި މައުލޫމާތު އަޅުގަނޑުމެން ނުދޭނަން. އެތެރޭގެ މައުލޫމާތު ނުދޭނަން. އެމްއެމްއޭ އާއި ބީއެމްއެލްއިން ވެސް އެ މައުލޫމާތު ނުދެއެއް ނޫންތޯ. ދެން އަޅުގަނޑުމެން ދޭކަށް ނުޖެހޭ."

'ބޭންކުތަކަށް އަތެއް ނުވާނެ'

އެ ކުންފުނީގައި އޮޕަރޭޝަންގައި އިސްކޮށް އުޅޭ އަލްހާންގެ ކޮއްކޮ ޝަޒްބާން ފަހުމީ ޕްރެސް ކޮންފަރެންސްގައި ބުނީ އިންވެސްޓަރުން ދީފައިވާ ފައިސާ އެ ކުންފުނިން އޮންލައިން ޓްރޭޑް ޕްލެޓްފޯމްތަކުގައި ޓްރޭޑް ކުރަމުން އަންނަވަރު ފެންނަން ހުންނާނެ ކަމަށެވެ. އަދި މިހާރު ތިބި އިންވެސްޓަރުންނަށް އުމުރު ދުވަހަށް ހިލޭ މެންބަޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭރުން އުމުރު ދުވަހަށް ފައިދާ ލިބިލިބި ހުންނާނެ އެވެ. 

"މިހާރު އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަކީ އަޅުގަނޑުމެންގެ އެންމެ ލޯޔަލް ފުރަތަމަ ބައިވެރިވި ކަސްޓަމަރުން. ވީމާ އެ ބޭފުޅުންނަށް އިތުރު އެއްޗެއް އިންވެސްޓްނުކޮށް ފުލް މެންބަޝިޕް މި ދެނީ. އެ ޕެކޭޖްތަކާއި އެއްޗިހި އަޅުގަނޑުމެން ވަރަށް އަވަހަށް ހާމަކުރާނަން،" ޝަޒްބާން ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާންގެ ކޮއްކޮ ޝަޒްބާން ފަހުމީ ވާހަކަދައްކަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ކުންފުނީގެ ހާލަތު މިހާރު އޮތް ގޮތާ ގުޅޭ ގޮތުން އަލްހާން ވިދާޅުވީ އެ ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓުވާލައި މައްސަލަގަނޑަކަށް ވައްޓާލުމުން އިންވެސްޓަރުންގެ ފައިސާ އޮންލައިން ޕްލެޓްފޯމްތަކުގައި ޓްރޭޑް ނުކުރެވޭތާ މިހާރު ދެ ދުވަސްވަރު ވެދާނެ ކަމަށެވެ.

ފައިސާ ދޭ މީހުންނަށް ޓްރޭޑްކޮށް އަނބުރާ ފައިސާ ރައްދު ކުރަން އީ-ވޮލެޓްތައް ބޭނުންކުރަން ނިންމާފައިވާ ކަމަށް އަލްހާން ވިދާޅުވި އެވެ. އެ ކުންފުނިން ދެން ކުރާނެ ކަމަކީ ފައިސާ ދޭ މީހުންގެ އީވޮލެޓްތަކަށް ފައިސާ ޖަމާކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން އީވޮލެޓުން ރާއްޖޭގެ ބޭންކު އެކައުންޓްތަކަށް 500 ޑޮލަރުން، 200 ޑޮލަރުން އެ ބޭފުޅުންގެ ފައިސާ ވިތްޑްރޯ ކުރެވޭނެ. އޭރުން އަޅުގަނޑުމެންނަށް އެ ފައިސާ ދެވުނީ މީގެ އިންވެސްޓަރުންނަށް،" އަލްހާން ވިދާޅުވި އެވެ.

އެމްއެމްއޭ ކުރިމަތިން މީހަކު ހިނގާފައި ދަނީ: އަލްހާން ހިންގެވީ ޕޮންޒީ ސްކީމެއް ކަމަށް ދޭހަވާ ގޮތަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަލްހާން ވިދާޅުވި ގޮތުގައި، އޭނާ އެއްވެސް ގޮތަކަށް އޮންލައިން ޓްރޭޑިން ހުއްޓައެއް ނުލާނެ އެވެ. އޭގެ ބަދަލުގައި އާ ގޮތްތައް ހޯއްދަވައިގެން އެކަން ކުރިއަށް ގެންދަވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ބޭންކު އެކައުންޓުތައް މެދުވެރިނުކޮށް ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ވެސް ބަލައިގަނެ ޓްރޭޑިން ޕްލެޓްފޯމްތަކުގައި ޓްރޭޑް ކުރަން ވިސްނަވާ ކަމަށެވެ.

އަޅުގަނޑަކީ ޓްރޭޑިންގެ ބޯޑުގައި އެއް ވަނައަށް އޮންނަ މީހެއް. އަޅުގަނޑަކީ އާދަނެއް ހުސޭނެއް ނޫން. ބޭންކަށް އަޅުގަނޑަކީ ކާކުކަން ނޭންގުން މައްސަލައަކީ. އާންމުން އަޅުގަނޑަށް ފައިސާ ދޭ ގޮތާއި ހުރިހާ އެއްޗެއް ލިޔެކިޔުމުން ހުންނާނެ. މިއީ އޮޅުވާލުމެއް އޮތް ކަމެއް ނޫން.

އަލްހާން ފަހްމީ

ބޭންކުތަކަށް ވެސް އޭނާ އަތުނުވާނެ ކަމަށް ވިދާޅުވެ ގޮންޖައްސަވަމުން އަލްހާން ވިދާޅުވީ އޭނާ ހިންގެވީ ފަންޑެއް ނޫން ކަމަށެވެ. އަދި ހިއްސާ ވެސް ވިއްކުމުގެ މުއާމަލާތެއް ނުހިންގަވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ރަޖިސްޓްރީކޮށްގެން، ގާނޫނީ ކުލަޖައްސައިގެން ފަންޑެއް ހިންގަން ޖެހޭ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"އެމްއެމްއޭއިން އޮންނާނެ 2017 ހިސާބުގައި ބަޔާނެއް ނެރެފައި ފޮރެކްސް އޮންލައިން ޓްރޭޑިން މިއީ ކުރެވޭނެ ކަމެއްކަން. މާ ކުރީގެ ފޮތްތަކެއް އެމްއެމްއޭގެ ގަވަރުނަރު މި ގެންގުޅުއްވަނީ. އެއަކަށް މީގެއިން އެއްޗެއް [އޮންލައިން ޓްރޭދިން] އެއް ވަތްކެއް ނުވޭ،" އަލްހާން ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރު: އަލްހާންގެ ކުންފުނީގެ އެކައުންޓުތައް ބީއެމްއެލްއިން ވަނީ ފްރީޒްކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބޭންކު އެކައުންޓުތައް ފްރީޒް ކުރުމާއި އެމްއެމްއޭއިންއިން ނެރުނު ބަޔާން އޭނާ ސިފަކުރެއްވީ އެއީ އަނބުރު ނަގާލުން އަދި ވިޔަފާރިއަށް ގެއްލުންދީ އާންމުންގެ މެދުގައި އޭނާއާ މެދު އިތުބާރު ނަގާލުމަށް ހިންގި އަސްލެއް ނެތް ޕްރޮޕެގެންޑާއެއް ކަމަށެވެ. އެހެންވެ، ބަދަލު ހޯދަން އެމްއެމްއޭ އާއި ބީއެމްއެލްއާ ދެކޮޅަށް މައްސަލަ ކޯޓުތަކަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބީއެމްއެލް އާއި އެމްއެމްއޭއިން މިކުރި ކަންކަމުގެ ސަބަބުން އަޅުގަނޑަށް 30 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެ. މިކަމުގެ ބަދަލު ހޯދުމަށް އަޅުގަނޑު މަސައްކަތް ކުރާނެ. އަދި މި ސްކީމް ވެސް ހުއްޓާނުލާނެ. މި ލިބުނީ އާ ފުރުސަތެއް،" އަލްހާން ވިދާޅުވި އެވެ.

"އަޅުގަނޑަކީ ޓްރޭޑިންގެ ބޯޑުގައި އެއް ވަނައަށް އޮންނަ މީހެއް. އަޅުގަނޑަކީ އާދަނެއް ހުސޭނެއް ނޫން. ބޭންކަށް އަޅުގަނޑަކީ ކާކުކަން ނޭންގުން މައްސަލައަކީ. އާންމުން އަޅުގަނޑަށް ފައިސާ ދޭ ގޮތާއި ހުރިހާ އެއްޗެއް ލިޔެކިޔުމުން ހުންނާނެ. މިއީ އޮޅުވާލުމެއް އޮތް ކަމެއް ނޫން."

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

މީރާ ބޯއި

15 މާރިޗު 2022
މީނާ ޓެކުހެއް ދައްކާބާ؟
3 0

ފޮރެންސް

15 މާރިޗު 2022
އަދިވެސް އުފެދޭ ސުވާލަކީ، މިއީ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ނޫންތޯ އެވެ. އަމިއްލައަށް ފޮރެކްސް ޓްރޭޑް ކުރެވިދާނެ އެކަމަކު ބޮޑު ވިޔަފާރިއެއްގޮތަށް މީހުން އަތުން ފއަސާ ނަގައިގެން ނުކުރެވޭނެ. ކޮބާ ލައިސެންސް؟
6 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް