ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ: އޭނާ ހިންގެވީ ޕޮންޒީ ސްކީމެއް ކަމަށް ތުހުމަތުކުރެވޭތީ ވަނީ ހުއްޓުވާފައި (ފޮޓޯ/އަލްހާން ޓްވިޓާ)

އަލްހާންގެ ކިންގްސް ސްކީމް: ކިހާ ވަރެއްގެ ބޮޑު މަކަރެއް؟

މާލީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ 'ކިންގްސް ފޮރެކްސް ޓްރޭޑިން'އިން ހިންގި ސްކީމުގައި ޕޮންޒީ ސްކީމެއްގައި ހުންނަ ހުރިހާ ސިފަތަކެއް ފުރިހަމަވާ ކަމަށް

އިންޑިއާގެ މަޝްހޫރު ސަހާރާ އިންޑިއާ ޕަރިވާރުގެ ވެރިޔާ ސުބްރަތާ ރޯއީ އިންޑިއާގައި ނެތްވަރުގެ ބިލިއަނަރަކަށް ކުއްލިއަކަށް ބަދަލުވީ ގޮތް ނެޓްފްލިކްސްއިން 2020ގައި ދެއްކި 'ބޭޑް ބޯއީޒް ބިލިއަނަރީޒް' ޑޮކިއުމަންޓްރީ ބެލި ދިވެހިންނަށް އޮންނާނީ ޔަގީނުން ވެސް އެނގިފަ އެވެ. ރޯއީ މުއްސަނދިވީ ރަށްފުށުގެ ނިކަމެތި ދަނޑުވެރިންގެ އަތުން އިންވެސްޓްކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދައި ހިންގި ބޮޑު ޕިރަމިޑް ސްކީމަކުންނެވެ. ނުފޫޒު ގަދަ ބޮޑު ބިލިއަނަރަކަށް އޭނާ ބަދަލުވީ އެ މީހުންގެ ފައިސާއިން އޭނާގެ އަމިއްލަ މުއްސަނދިކަމަށް އުފެއްދި ހަރުމުދާތަކުންނެވެ. އާންމުކޮށް އެކަހަލަ ސްކީމުތަކުގައި ވެސް ވާ ގޮތަށް ސަހާރާ ސްކީމް ވެސް އެންމެ ފަހުން ހުއްޓި ނިކަމެތި އެތައް ލައްކަ ބައެއްގެ ފައިސާ ގެއްލުނީ އެވެ. އުމުރު ދުވަހުގެ މަސައްކަތުން އެއްކުރި ލާރިކޮޅު، މީހަކު ދެއްކި ހުވަފެނެއްގައި ޖެހިގެން ދެވުނީ އެވެ.

މި ހަފްތާ ބަންދުގައި ރާއްޖޭގައި ވެސް މި އޮތީ އެ ބާވަތުގެ ސްކީމެއް ފަޅާއަރައިފަ އެވެ. އެއް އިރެއްގައި ސިޔާސީ މައިދާނުގައި ކާމިޔާބު މޫނެއްގައި ގޮތުގައި ފެނުނު ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް ޝަހުބާން ފަހުމީ ވެރިންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް' އިން ހިންގި 'ކިންގްސް ފޮރެކްސް ޓްރޭޑް'އަކީ ޕޮންޒީ ސްކީމެއް ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކަނޑައަޅާ އެ ސްކީމުގައި ބައިވެރި ނުވާން އާންމުންނަށް އިންޒާރު ދިނީ އެވެ. އެއާ އެކު ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން އެ ކުންފުނީގެ އެކައުންޓްތައް ވެސް ފްރީޒްކުރީ އެވެ. އެހާ ހިސާބުން ސްކީމް ވެސް އެ އޮތީ ހުއްޓަމަކަށް އައިސްފަ އެވެ.

ބޭޑް ބޯއީޒް ބިލިއަނަރީޒް ޑޮކިއުމަންޓްރީގެ އެޕިސޯޓެއް ކަމަށްވާ ސަހާރާ އިންޑިއާ ޕަރިވާރުގެ ވެރިޔާ ސުބްރަތާ ރޯއީގެ ވާހަކަ ކިޔައިދޭ ޕްރޮމޯއެއް

އެކަމަކު ކިންގްސް ކެޕިޓަލް އިން އެމްއެމްއޭގެ ތުހުމަތުތައް ދޮގުކުރެ އެވެ. ދިފާއުގައި އެ ކުންފުނިން ބުނެފައި ވަނީ އެ ހުރިހާ ފިޔަވަޅެއްގެ ބޭނުމަކީ ބޭންކުތަކަށް އަތްނުލެވޭ ހިސާބަށް ކުންފުނި މާލީ ގޮތުން ވަރުގަދަވުމުން އެކަން ހުއްޓުވުން ކަމަށެވެ. އަދި އެއީ ޕޮންޒީ ސްކީމެއް ނޫން ކަމަށާއި ސްކީމުގެ ބައިވެރިންނަށް އެ މީހުން އިންވެސްޓްކުރި ފައިސާ ފައިދާއާ އެކު އަނބުރާ ދެނީ ފޮރެކްސް ޓްރޭޑިންގައި އެ ފައިސާއިން މުއާމަލާތްކޮށް އެއިން ލިބޭ ފައިދާއިން ކަމަށެވެ.

ނަމަވެސް ކަން އޮތީ އެ ކުންފުނިން އެ ބުނާ ގޮތަށް ހެއްޔެވެ؟

ކިންގްސް ފޮރެކްސް ޓްރޭޑިންގެ ނަމުގައި ބޮޑު މާލީ ސްކީމެއް ހިންގި 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް'ގެ ހިއްސާދާރުން ކަމަށްވާ އަލްހާން އާއި އޭނާގެ ކޮއްކޮ ޝަހުބާން (ވ): އެ ސްކީމް ވަނީ އިދާރާތަކުން ހުއްޓުވާފައި

ސްކީމްގައި 2،000 މީހުން، 100 މިލިއަން ރުފިޔާ

ކިންގްސް ފޮރެކްސް ޓްރޭޑްގެ ނަމުގައި މި ސްކީމް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހިންގަން ފެށީ މި އަހަރުގެ ޖެނުއަރީން ފެށިގެންނެވެ. ޓެލެގުރާމް ޗެނަލަކުން އިޝްތިހާރުކޮށް އެ ފަންޑު ފެށީ އެންމެ މަދުވެގެން 20،000 - 100،000ރ. އިންވެސްޓް ކުރާ ފަރާތްތަކަށް ހުޅުވާލައިގެންނެވެ.

ފައިސާ އިންވެސްޓްކުރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައިދާ ދޭން ފަށަ އެވެ. ސްކީމުގެ ފުރަތަމަ ދުވަސްކޮޅު 20،000ރ. އިންވެސްޓްކުރި މީހަކު، ނޫހުގައި ނަން ނުޖަހާ ގޮތަށް، ކިޔައިދިން ގޮތުގައި ކޮންމެ ހަފްތާއަކު 3،855ރ. އޭނާއަށް ލިބެމުން ދިޔަ އެވެ. އޭނާ އިންވެސްޓް ކުރި ފައިސާގެ އިތުރުން މިހާރު 10،000ރ. ފައިދާގެ ގޮތުގައި ލިބިއްޖެ ކަމަށް ބުންޏެވެ. އެ ސްކީމުން އޭނާ ކައިރީ ބުނެފައި އޮތީ، އޭނާ ބުނި ގޮތުގައި، 12 ހަފްތާ ނުވަތަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި 46،260ރ. އޭނާއަށް ދޭ ގޮތަށެވެ.

"އަހަންނަށް ހަމަ ބަރާބަރަށް ފައިސާ ލިބެމުން އައި. އަދި މައްސަލައެއް ނޫޅޭ،" އޭނާ ކިޔައިދިނެވެ.

ކިންގްސް ޓްރޭޑިންއިން ސްކީމަށް އިންވެސްޓްކުރަން ކޮށްފައިވާ އިޝްތިހާރެއް

ވަރަށް ޅަފަތުގައި ކުޑަ ގޮތެއްގައި އޮތް ކިންގްސްއާ ގުޅޭ މައުލޫމާތު އެނގި ހުރި މާލީ ދާއިރާގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ދެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ ސްކީމުގައި ގާތްގަނޑަކަށް 2،000 މީހުން ބައިވެރިވެ އެވެ. އެގޮތުން ސްކީމަށް މިހާތަނަށް ލިބުނު ފައިސާގެ އަދަދު ގާތްގަނޑަކަށް 100 މިލިއަން ރުފިޔާއާ ގާތް ކުރާނެ ކަމަށް އެ މައުލޫމާތުތަކުން އެނގެ އެވެ. ބީއެމްއެލްއިން އެ ފަންޑު ހިންގާ ކުންފުނީގެ އެކައުންޓް ހިފެހެއްޓި އިރު އެ ކައުންޓުގައި ގާތްގަނޑަކަށް 3 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށްވެ އެވެ. އަދި ދައުރު ކުރި ފައިސާގެ އަދަދު 70 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެ އެވެ.

މި ސްކީމް އިޝްތިހާރުކުރަން ބޭނުންކުރާ ޓެލެގްރާމް ގްރޫޕްގައި 9،000 ގާތްކުރާ އަދަދަކަށް މީހުން އެބަ ތިއްބެވެ.

ރަސްމީ އިދާރާތަކުން މި ފަންޑު ގާތްގަނޑަކަށް ހުއްޓުމަކަށް ގެނައި އިރު އެ ފަންޑުގެ އެންމެ ޅަފަތުގައި ވެސް މިވަނީ ވަރަށް ފުޅާވެފަ އެވެ. އެތައް ބައެއްގެ ފައިސާ އެ ފަންޑުގައި މިހާރު އެބަ ހުއްޓެވެ.

ޕޮންޒީ ސްކީމެއްގެ ހުރިހާ ސިފަތަކެއް

މާލީ ދާއިރާގެ ތަޖުރިބާކާރަކު ކިޔައި ދެއްވި ގޮތުގައި ކިންގްސް ފަންޑުގައި ޕޮންޒީ ސްކީމެއްގައި ހުންނަ ހުރިހާ ސިފައެއް ފުރިހަމަވެ އެވެ. އެ ސްކީމުން އިންވެސްޓް ކުރަނީ ހަމައެކަނި ފޮރެކްސް ޓްރޭޑިން އޮންލައިން ޕްލެޓް ފޯމަކަށެވެ. އެ ފަންޑަށް ފައިސާ ލާ މީހުންނަށް ލިބޭ ފައިދާ ހުރީ %200ގަ އެވެ. އެކަަމަކު ތަޖުރިބާކާރުގެ ލަފާކުރުމަކީ ފޮރެކްސް ޓްރޭޑިން ފަދަ އޮންލައިން ޓްރޭޑިން ބާޒާރުތަކުން ފައިދާގެ ގޮތުގައި ހޯދޭނީ ގާތްގަނޑަކަށް %30-40 އެވެ. އެހެންކަމުން އޭނާގެ ތުހުމަތަކީ އެ ފަންޑުގައި ބައިވެރިވާ މީހުންނަށް ފައިސާ އެ ދެނީ ހަމައެކަނި ފޮރެކްސްއިން ހޯދާ ފައިދާއިން ނޫން ކަމެވެ. އެއީ ޕޮންޒީ ސްކީމެއް ކަމަށް ޝައްކުކުރެވޭ ހިސާބަކީ އެއީ ކަމަށް ވެސް އޭނާ ލަފާކުރައްވަ އެވެ.

"ފޮރެކްސްއިން ޓްރޭޑްކޮށްގެން ނުލިބޭ ބޮޑު ފައިދާއެއް މި ސްކީމުން ދޭ ނަމަ އެއީ ޕޮންޒީ ސްކީމްގެ ސިފައެއް. މީގައި ސުވާލަކީ، މާނައަކީ އެ ސްކީމުން ފޮރެކްސް ނޫން ކަމަކަށް އިންވެސްޓް ނުކުރާ ކަމަށް ބުނާ އިރު އެހާ ބޮޑު ފައިދާއެއް ދެނީ ކިހިނެއްހޭ؟ އޭގެ ލޮޖިކަލް [ބުއްދި ގަބޫލުކުރާ] ޖަވާބަކީ ފަހުން ސްކީމުގައި ބައިވެރިވާ މީހުންގެ ފައިސާއިން ކުރިން ބައިވެރިވި މީހުންނަށް ފައިސާ ދިނުން. އެ ނޫން ޖަސްޓިފިކޭޝަނެއް ނެތް،" ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާގެ އެ ތުހުމަތަށް ބާރު ލިބޭ ކަންތައްތަކެއް އެ ސްކީމުގެ ތެރޭގައި އެބަ ހުއްޓެވެ. ޕޮންޒީ ސްކީމްތައް ދެމިގެން ނުގޮސް ހުއްޓުން އަރާ ހިސާބަކީ ކުރިން އިންވެސްޓްކުރި މީހުންނަށް ފައިސާ ދެވޭ ވަރަށް ފަހުން ސްކީމުގައި މީހުން ބައިވެރި ނުވުމެވެ.

މިފަދަ ސްކީމްތަކުގައިވާ ގޮތަށް މި ސްކީމުގައި ވެސް ފަހުން ބައިވެރިވާ މީހުންނަށް އެ މީހުންގެ ފައިސާ އަނބުރާ ދޭ ދުވަސް ވަނީ އެތައް މަސްތަކަކަށް ދިގު ދަންމާލައިފަ އެވެ. ތިން މަސް ހަ މަހަށް ބަދަލުވެ ހަފްތާއަކު ދޭ އަދަދު ގާތްގަނޑަކަށް 1،000ރ. އަށް ފަހުން ނެރުނު ޕެކޭޖްތަކުގައި ވަނީ ކުޑަކޮށްފަ އެވެ.

ކިންގްސް ޓްރޭޑިންއިން މި ފަހުން ތައާރަފްކުރި ބައެއް ޕެކޭޖުތަކުގެ އިޝްތިހާރެއް
ކިންގްސް ޓްރޭޑިންއިން މިފަހުން ތައާރަފްކުރި ބައެއް ޕެކޭޖުތަކުގެ އިޝްތިހާރެއް

ތަޖުރިބާކާރު ވިދާޅުވި ގޮތުގައި ޕޮންޒީ ސްކީމްތަކުގައި ފަންޑު ބޮޑުވާ ވަރަކަށް ވާނީ އެހެންނެވެ. އިންވެސްޓް ކުރާ މީހުންނަށް މާ ބޮޑު ފައިދާއެއް ނުނެރެވުމެވެ. ސަބަބަކަށް ވަނީ އެ ފަންޑުގައި އެއް އަދަދަކަށް އަބަދު މީހުން ބައިވެރި ނުވުމެވެ. އަދި އެއީ ދިގު މުއްދަތަކުގައި ދެމެހެއްޓޭނެ ފަންޑަކަށް ނުވެ އެންމެ ފަހުން ފައިސާ ނުދެވި އެ ފަންޑު މައްސަލަތަކެއްގެ ތެރެއަށް ވެއްޓޭނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ފަންޑަށް ފައިސާ ލާ މީހުންނަށް ފައިސާ ލިބުމަކީ މިކަހަލަ ސްކީމުތަކުގައި އާންމު އުސޫލުން ކަން ހިނގާ ގޮތެވެ. މިކަހަލަ ސްކީމުތަކުގައި ނުރައްކާ ވަނީ އެ ސްކީމުގައި ފަހުން ބައިވެރިވާ މީހުންނަށެވެ. ލަނޑު ލިބޭ މީހުންނަކީ ވެސް އެއީ އެވެ.

ފައިސާގެ ޓްރާންސެކްޝަންތަކަށް ބަލާއިރު މިއީ ފޮރެކްސް ޓްރޭޑްކޮށްފައެއް ނޫން ބޮޑަށް ހުރީ. މިއީ ހަގީގަތުގައި އެ ކުންފުނީގެ ވެރިން ބުނާ ގޮތަށް ވެފައި ހުރި ކަމެއް ވެސް ނޫން. އެއަށް ވުރެ ބޮޑަށް މަނީ ލޯންޑަރިން ކަހަލަ ނާޖާއިޒު ކަންކަމާ ވަރަށް ބޮޑަށް ގާތް މުއާމަލާތްތައް މީގައި ހުރި

މައުލޫމާތު އެނގޭ މާލީ ދާއިރާގެ ބޭފުޅެއް

"އިންވެސްޓްމަންޓުން ފައިދާ ނުލިބޭ ވަރަކަށް ފައިދާ ދޭން ސްކީމަށް ފައިސާ ލާ މީހުން ކައިރި ބުނަންޏާ އެ ފަންޑު ދެމެހެއްޓޭނެ ކަމާ މެދު ސުވާލު އުފެދޭ. ކުރު މުއްދަތެއްގައި މީހުންނަށް ފައިސާ ދެވުނަސް ދިގު މުއްދަތުގައި އެއީ ވާނެ ކަމެއް ނޫން،" ތަޖުރިބާކާރު ވިދާޅުވި އެވެ.

މާލީ ދާއިރާގެ އެހެން ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް ކިޔައިދެއްވި ގޮތުގައި، އެހެން ދިމާވާ ސަބަބަކީ މި ސްކީމަކީ ހަގީގަތުގައި ދިގު މުއްދަތުގައި ފައިދާ ލިބޭ ބޮޑެތި ކަންކަމަށް އިންވެސްޓް ކުރާ ފަންޑަކަށް ނުވުމެވެ. އެ ފަންޑުން އަބަދުވެސް ފައިސާ ހޯދަނީ މީހުންގެ އަތުންނެވެ. އެހެން ކަމަށް ވާއިރު އިންވެސްޓްނުކޮށް ދިގު މުއްދަތުގައި ފައިދާ ހޯދޭނެ ގޮތެއް ނޯންނާނެ އެވެ. އަބަދު މީހުން އަތަކުން ފައިސާއެއް ނުހޯދޭނެ އެވެ. ފަންޑުގައި މީހުން ގިނަވާ ވަރަކަށް އިތުރު މީހުން ފަންޑުގައި ބައިވެރިނުކޮށް ކުރީގައި ބައިވެރިވި މީހުންނަށް ފައިސާ ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ތަޖުރިބާކާރު ވެސް ވިދާޅުވި އެވެ.

"އެ ހިސާބުން ދެން ޖެހޭނެ ފަންޑުގައި ބައިވެރިވާ އާ ކަސްޓަމަރުން އިތުރުކުރަން. އެކަމަކު އެކަމެއް ނުއެއް ވާނެ. ވަކި ހިސާބަކުން މީހުންގެ ޝައުގުވެެރިކަން ފަންޑަށް ގެއްލޭނެ އަދި އެވަރަށް ކުލަޔަންޓުން ނުހޯދޭނެ. އެ ހިސާބުން ފަންޑު އެ ބޮއްސުންލީ. މިއީ މީގެ ނުރައްކަލަކީ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

"ކިންގްސް ޓްރޭޑިން ސްކީމް ވެސް ފެންނަނީ ހަމަ އެގޮތަށް ކަންކަން ވާތަން. އެ ސިފަތައް މަޑުމަޑުން ޖެހެމުން އައީ."

ފައިސާ އަމިއްލަ ބޭނުމަށް؛ ކަޅު ފައިސާގެ ތުހުމަތުތައް

ޕޮންޒީ ސްކީމުތަކަކީ އުފެދުމުގައި ވެސް އޭގައި ބައިވެރިވާ ފަރާތްތަކަށް ހަގީގީ ފައިދާއެއް ދިނުމަށް އުފަންކުރުވާ ސްކީމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ސްކީމް އުފައްދާ ފަރާތްތަކުގެ އޮންނަނީ ކޮންމެވެސް އެހެން ހީލަތްތެރި މަގުސަދެކެވެ. ގިނަ ފަހަރަށް އެ ފަރާތްތަކުގެ އަމާޒަކަށް ހަދާފައި އޮންނަނީ ކޮންމެވެސް އަމިއްލަ މާލީ މަންފާއެއް ހޯދުމެވެ. ނުވަތަ އާންމުންގެ ފައިސާ ނުހަމަ ގޮތުގައި ކޮންމެވެސް އަމިއްލަ ކަމަކަށް ބޭނުންކޮށް މުއްސަނދިވުމެވެ. އެއަށް ފަހު އެ ފަންޑް މައްސަލަތަކެއްގެ ތެރެއަށް ދޫކޮށްލުމެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފިސް: ކިންގްސް ޓްރޭޑިންގެ އެކައުންޓްތައް އެ ބޭންކުން ވަނީ ހިފަހައްޓާފައި (ފޮޓޯ/ބީއެމްއެލް)

ކުރިން ވާހަކަދެއްކެވި އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ކިންގްސް ސްކީމްގެ އެކައުންޓަށް ޖަމާކުރި ވަރަށް ގިނަ އަދަދެއްގެ ފައިސާ އެ ސްކީމް ހިންގާ ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ ވިޔަފާރިތަކާއި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި އޮތުން ވަރަށް ކައިރި އެވެ. އެގޮތުން އެ ކުންފުނީގެ އިސް ފަރާތަކުން ނަގާފައިވާ ބޮޑު ލޯނެއް އެ ފައިސާއިން ދައްކާ ހަލާސްކުރި ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ. މީގެ އިތުރަށް އެ މީހުންގެ މަސްލަހަތު ހުރި އެކި ކުންފުނިތަކުގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަމިއްލަ ބޭނުމަށް ފައިސާ ބޭނުން ކުރުމަކީ އިންވެސްޓް ކުރުމެއް ނޫން. ޕޮންޒީ ސްކީމުތަކުގެ ސިފައެއް މި ވެސް. އެގޮތަށް ހަމަ ވަރަށް ގިނަ ފައިސާ މި ސްކީމްގެ އެހެރީ ގޮސްފައި މީގެ އޯނަރުންގެ އަމިއްލަ ކަންކަމަށް. މުސްތަގުބަލުގައި މިއީ ފެއިލްވާނެ އެއް ސަބަބު،" އެބޭފުޅާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކިންގްސް ޓްރޭޑިންއަށް ސަމާލުވާން އެމްއެމްއޭއިން އާންމުންނަށް އެންގިއިރު އެ ސްކީމް ހިންގާ ކުންފުނީގެ އެކައުންޓުން ޝައްކުކުރެވޭ ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިނގާކަމުގެ މައުލޫމާތު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އަށް ވަނީ ލިބިފަ އެވެ. އެމްއެމްއޭއިން ހޭއެރީ ވެސް އެކަމާ ގުޅިގެން ހެދި އެސެސްމަންޓުތަކުން މައްސަލައިގެ ބޮޑު ކަމާއި ސީރިއަސްކަން ވަޒަން ކުރެވުމުންނެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ އިމާރާތުން ބަޔަކު ނިުކުންނަނީ: ފިޔަވަޅު އަޅާނީ ނުރައްކަލެއް އޮތް ކަން އެނގިގެން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެގޮތުން ކިންގްސް ހޯލްޑިންގެ އެކައުންޓަށް 60،000 ޔޫރޯ (1 މިލިއަން ރުފިޔާ) ބޭރުގެ ފަރާތަކުން ޖަމާކުރަން މަސައްކަތް ކުރި އެވެ. އަލްހާން ވެސް އެ ވާހަކަ މީޑީއަތަކުގައި ވިދާޅުވެފައިވެ އެވެ. އެއީ މި ސްކީމްގެ މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް އަައި ހިސާބު ކަމަށްވެ އެވެ.

މަނީ ލޯންޑަރިން ހުއްޓުވުުގެ ގާނޫނާއި ރާއްޖޭގައި ސެކިއުރިޓީޒް ގަނެ ވިއްކުމާ ގުޅޭ ގާނޫނު ވެސް ބުނާ ގޮތުގައި ޝައްކު ކުރެވޭ ފައިސާގެ މުއާމަލާތާ ގުޅޭ މައުލޫމާތު ސާފުނުކޮށް ބޭންކުން އެއްވެސް އެކައުންޓަކަށް ފައިސާ ޖަމާކޮށްދީގެން ނުވާނެ އެވެ. އަދި އެފަދަ ސުވާލެއް ކުރިމަތިވެއްޖެ ނަމަ އެކަން ބޭންކަށް ސާފުކޮށް ދިނުމަކީ ވެސް ކަސްޓަމަރުގެ މައްޗަށް އެ ގާނޫނުން ލާޒިމް ކަމެކެވެ. އެކަން ސާފުނުކޮށް ދެވިއްޖެ ނަމަ އެ އެކައުންޓެއް ހިފެހެއްޓުމުގެ ބާރު ބޭންކުތަކަށް ލިބެ އެވެ.

"ވަރަށް ބޮޑަށް ޝައްކުކުރެވޭ މުއާމަލާތްތަކެއް ހިނގައިގެން އެކައުންޓް ފްރީޒިން ހިސާބަށް ދިޔައީ. މަނީ ލޯންޑަރިންނަށް ތުހުމަތުވާ ބޮޑެތި މުއާމަލާތްތައް އެ އެކައުންޓް މެދުވެރިކޮށް ހިންގާފައި ހުރީ. އަސްލު މިއީ މަނީ ލޯންޑަރިންނާ ވެސް ގުޅޭ ކޭސްއެއް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

"ފައިސާގެ ޓްރާންސެކްޝަންތަކަށް ބަލާއިރު މިއީ ފޮރެކްސް ޓްރޭޑްކޮށްފައެއް ނޫން ބޮޑަށް ހުރީ. މިއީ ހަގީގަތުގައި އެ ކުންފުނީގެ ވެރިން ބުނާ ގޮތަށް ވެފައި ހުރި ކަމެއް ވެސް ނޫން. އެއަށް ވުރެ ބޮޑަށް މަނީ ލޯންޑަރިން ކަހަލަ ނާޖާއިޒު ކަންކަމާ ވަރަށް ބޮޑަށް ގާތް މުއާމަލާތްތައް މީގައި ހުރި."

އެނގިފައިވާ ގޮތުގައި އެ ސްކީމުގައި ސިޔާސީ ވަރަށް ބޮޑެތި މީހުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބޮޑެތި ގޭންގުތަކަށް ނިސްބަތްވާ މީހުން ވެސް މިލިއަނުން އިންވެސްޓްކުރި އެވެ.

އެ ހުރިހާ ޝައްކުތަކެއް ހުރުމުން އެފްއައިޔޫއިން ވެސް ކިންގްސް ހޯލްޑިން ކުންފުނީގެ ފައިސާގެ ބައެއް މުއާމަލާތްތަކާ ގުޅޭ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ. ނަމަވެސް އެފްއައިޔޫ އާއި ފުލުހުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ.

ހަގީގަތް ނޭނގޭ ސްކީމްތަކަށް ފައިސާ ލުމަކީ މައްސަލައެއް

ހުއްދަ ނެތި އިންވެސްޓްމަންޓް ފަންޑުތައް ނުހިންގޭނެ

މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފޮރެކްސް ޓްރޭޑިން ހިންގުމަކީ މަނާ ކަމެއް ނޫނެވެ. އެއީ ފަރުދީ ގޮތުން ކުރެވިދާނެ ކަމެކެވެ. އެކަމަކު ކިންގްސް ޓްރޭޑިންއިން ކުރީ އެކަމެއް ނޫނެވެ. އެތައް އާންމުންނެއްގެ އަތުން ފައިސާ ހޯދާ އިންވެސްޓްމަންޓް ފަންޑެއްގެ ސިފަ ޖެއްސީ އެވެ. ނަމަވެސް ފުޅާ ދާއިރާއެއްގައި އިންވެސްޓްމަންޓް ސްކީމްތައް ހިންގޭނީ ހުއްދަ ނަގައިގެން ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. ސަބަބަކަށް ވަނީ އެފަދަ ސްކީމްތަކަކީ އެއަށް ފައިސާ ލާ މީހުންގެ ހައްގު ހިމާޔަތްކުރަން ޖެހޭ ކަމަކަށް ވާތީކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިކަހަލަ ފަންޑުތައް އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހިންގެން ޖެހޭނީ ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ.

"އެހެން ނޫނީ މީގައި ހައްދެއް، ހުދޫދެއް ނޯންނާނެ. އާންމު ރައްޔިތު މީހުންގެ ބޮޑެތި ހައްގުތަކެއް ގެއްލި ހިނގައިދާނެ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

ސީއެމްޑީއޭއިން ވެސް ގަބޫލުކުރާ ގޮތުގައި އެ ފަރާތުގެ ހުއްދަ ނެތި އެފަދަ ފަންޑުތަކެއް ނުހިންގޭނެ އެވެ. މި ސްކީމާ ގުޅިގެން ވެސް ސީއެމްޑީއޭއިން އާންމުންނަށް ކުރި އިލްތިމާސްގައި ބުނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ފަންޑުތަކުގައި ބައިވެރިވާން ލިބޭ ދައުވަތުތަކާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން ހުއްދަ ލިބިގެން ހިންގާ ފަންޑުތައް ނޫން ތަންތަނުގައި ބައިވެރި ނުވާން ވެސް އެ އިދާރާއިން އިލްތިމާސްކުރި އެވެ.

މިހާ ހިސާބުން އަލްހާންގެ ކުންފުނި މި އޮތީ އޮޅުވާލުންގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ކޮމެންޓް (3)

އަލަން

13 މާރިޗު 2022
މިއާޓިކަލްގައި ކިންގްސް ގެ އޯނަރުންގެ ހިސްޓްރީއެއް އެމީހުންގެ ފައިނޭޝިއަލް ކެޕޭސިޓީ މީގެ ކުރިން ފްރައުޑް ކޮރަޕްޝަން ބްލެކްމެއިލް މިކަންކަމުގައި ކިހާވަރަކަށް އިންވޯލްވާ ވެފައިވާ ބައެއްކަން އެހެން އާޓިކަލްއަކު ވިޔަސް އެބަޖެހޭ ލިޔެލަން.
3 0

އަހުމަދުބޭ

13 މާރިޗު 2022
މިއާރޓިކަލް މިއޮތީ މިކަން ހިނގާނެގޮތާ ކަންވާނެގޮތް، މީގަ މިފަންޑަށް ލާރި ދިން މީހުންނާ އަދި މިކަން ކުރާމީހުންނަށް މިކުއްވެރިވަނީ އެމް އެމް އަދި ބޭންކްތަށް، އެންމެ ފަހުން ކުއްވެރިވާނީ ސަރުކާރު އެއީ އެތަށް ސަތޭކަ ރައްޔިތުންގެ ފައިސާ މިގެއްލެނީ، އެންމެންވެސް މިފައިސާ ހޯދައިދޭން ދެން ދާނީ ޕޮލިހަށާ ކޯޓްތަކަށް އެހިސާބުން ފަންޑު ހިންގިމީހުން ބުނާނެ ފައިސާއެއްނެތޭ. ދެން އެންމެން ގޯސްކުރާނީ އެމް އެމް އޭއާ ބޭންކްތަކާ އެއިރެއްގައި އޮންނަ ސަރުކާރު، މިސާލަކަށް މީގެ އަހަރުތަކެއްގެ ކުރިން އެޗް ޑީ ސީ އަށް އޮޅުވައިލައިގެން ސީލައިފް އިން ހިންގީވެސް ހަމަ މިފަދަ ސުކީމެއް އާޚިރުގައި އެންމެންނަށް ބަދަލް ދޭންމިޖެހުނީ އެޗް ޑީ ސީއަށް އެކަމުގައި އެ ޕުރޮޖެކްޓަށް ބޭނުންވާ ހުރިހައި ޑޮކިއުމެންޓެއް ހުރީ ސީލައިފް އިން ހުށައަޅައިފަ އެއަށް ބޭސްކޮށް ހުއްދަ މިދެނީ އާޚިރުގަ އެޗް ޑީ ސީން ބަދަލް ދޭކަށް ނުވެސް ޖެހޭނެ، އެއީ އެޗް ޑީ ސީން ބުނެގެންނެއް ނޫން ސީލައިފަށް ލާރި މީހުން ދިނީކީ އެކަމަކު ރައްޔިތުންނަށް ގޯސްމިވީ ސަރުކާރު މިކަމުގައިވެސް މިކަން ކުރަން ދޫކޮއްލައިގެން ތިބިނަމަ މި ފަންޑު ގޮސް ހުސްވާ ހިސާބުން ގޯސްވާނީ އެމް އޭ އަދި ބޭންކް ޔަގީނުންވެސް އިނގޭ އެކައްޗަކީ މިއީ މިފަދަ ގޮތަކަށް ދުނިޔޭގައި ހިންގި ފުރަތަމަ ފަންޑުނޫންކަން މިފަދަ ކޮންމެ ފަންޑެއް ގޮސް ނިމެނީ އެތަށް ސަތޭކަ މީހުންނަށް ލަޑުލިބި ދަރަނިވެރިވެގެން، މިއަދު އަލްހާން ކިތައްމެ ފޯރިއެއް ނަގައިފަ ވާހަކަ ދެއްކިޔަސް އެއްކަމެއް ޔަގީން ތިޔަ 2000 މީހުން ދިން ފައިސާއެއް އަލްހާން އަތަކު ނުވަތަ ފޮރެކުސްގައި އިންވެސްޓް ކުރެވި ލިބެންވެސް ނުހުންނާނެކަން ރައްޔިތުންނޭ މިކަމަށް އިތުރަށް ސަމާލްވޭ
8 0

88888

13 މާރިޗު 2022
ވަރަށް ސާފު، އެކަންކުރީ އިންޑިއާގެ އުނގުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ނެތްކަން ދެއްކުމަށް.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް