އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމުގެ މައުލޫމާތު އެމްއެމްއޭއަށް ލިބިފައިވާ ކަމަށް އެެ އިދާރާއިން މިރޭ ބުނި. (ފޮޓޯ/އުރީދޫ)
ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާތީ ސަމާލުވާން އެމްއެމްއޭއިން އެދިއްޖެ
ރާއްޖޭގައި ހިންގާ ޕޮންޒީ ސްކީމެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެފަދަ ސްކީމްތަކުގައި ބައިވެރި ނުވުމަށް މަރުކަޒީ ބޭންކުން މިރޭ އިލްތިމާސްކޮށްފި އެވެ.
އެނގުން މުހިންމު - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިރޭ ނެރުނު ބަޔާނެއްގައި އެ އިލްތިމާސްކޮށްފައި ވިޔަސް އެއީ ސީދާ ކޮން ސްކީމެއް ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.
ނަމަވެސް، ބޮޑު އަދަދެއްގެ ފައިސާ އިންވެސްޓުކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި ވަކި އަދަދެއް ފައިދާގެ ގޮތުގައި ދޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި ހިންގަވާ ސްކީމެއްގެ އަޑު ސޯޝަލް މީޑިއާގައި މި ދުވަސްވަރު ވަނީ ގަދަވެފަ އެވެ. އެކަމަކު، އެ ސްކީމް ހިންގަވާ ބޭފުޅުން ސޯޝަލް މީޑިއާގައި ވިދާޅުވަމުން ގެންދަވަނީ އެއީ އިންވެސްޓްމަންޓެއް ކަމަށެވެ.
ބުނީ ކީކޭ؟ - އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، އެ ފަދަ ސްކީމްތަކުގައި:
-
އާންމުންގެ އަތުން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް
-
ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން
-
އެހެންވެ، އެ ފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން
-
ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަށް އެ ފަރާތްތަކުން ދިން ފައިސާ ވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ
"ސްކީމްއަށް ދޭ ފައިސާ އަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފި ނަމަ، ފައިސާ ޖަމާވާ ބޭންކަށް ވެސް އަނބުރާ ދެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރަމެވެ،" އެމްއެމްއޭ އިން ބުންޏެވެ.
"ވީމާ މި ފަދަ ސްކީމްތަކާ މެދު ސަމާލުވުމަށާއި އޭގައި ބައިވެރި ނުވުމަށް އިލްތިމާސްކުރަމެވެ."