އަލްހާން ފަހުމީ ޕޮލިހަށް ހާޒިރުވުމަށް ފަހު ނުކުމެގެން ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

'ޕޮންޒީ'ގެ ތަހުގީގު ނުނިމެނީސް އަލްހާނު އަނެއްކާވެސް ސްކީމެއް ފަށަނީ

އިތުރު ސްކީމެއް ފަށާނެކަން އިއުލާންކުރިއިރު، ކިންގްސް ކުންފުނިން ކުރިން ހިންގި ސްކީމުގައި އިންވެސްޓުކުރި މީހުންނަށް އަދިވެސް ފައިސާ ރައްދުނުކުރެވޭ
27 ފެބްރުއަރީ 2023
1

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާގެ އެހެން ބައެއް ބޭފުޅުން ހިމެނިގެން، މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން 'ޕޮންޒީ' ސްކީމެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނުނިމެނީސް އަނެއްކާވެސް އިތުރު ސްކީމް އަލުން ފަށާނެކަން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް އަލްހާނާއި އޭނާގެ ހިއްސާ އޮންނަ ކިންގްސް ކުންފުންޏަށް ތުހުމަތުކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފެށީ 15 މާޗު 2022 ގަ އެވެ.

އޭގެ ފަހުން އެކި ފަހަރު މަތިން އަލްހާނާއި ކިންގްސް ކުންފުނީގެ ހިއްސާދާރުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު އަލްހާނު ދިރިއުޅޭ ގެއާއި އޮފީސް ވެސް ފުލުހުން ވަނީ ބަލައިފާސްކޮށްފަ އެވެ.

ތަފްސީލު - މި މައްސަލަ ފެންމަތިވިތާ ގާތްގަނޑަކަށް އަހަރެއް ވާން އުޅެނިކޮށް އަދި އެ މައްސަލައިގެ ތަހުގީގު ވެސް ނުނިމެނީސް އަލުން ވިޔަފާރި ފަށާނެކަން ކިންގްސް ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ރޭގެ ވަގުތެއްގައި ވަނީ އިއުލާންކޮށްފަ އެވެ.

ކިންގްސް ކުންފުނިން އެގޮތަށް އިއުލާންކުރި އިރު މީގެ ކުރިން ހިންގި ސްކީމުގައި އިންވެސްޓުކުރި އެތައް ބަޔަކަށް އަދިވެސް ފައިސާ ރައްދުކޮށްފައެއްނުވެ އެވެ.

އެ ޕޯސްޓާ އެކު، ކިންގްސް ކުންފުނީގެ ބޭންކް އެކައުންޓު ބީއެމްއެލްއިން ފްރީޒްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް ވެސް ހިއްސާކުރި އެވެ. ވިޔަފާރި އަލުން ފަށަން އިޝްތިހާރެއް ނުވަތަ ދިފާއެއްގެ ގޮތުގައި ސިވިލް ކޯޓުގެ ހުކުމް ބޭނުންކުރި ނަމަވެސް، އަލްހާނު ހިންގި ސްކީމަކީ ގާނޫނާ އެއްގޮތް މުއާމަލާތެއްކަން އެ ހުކުމުގައި ނިންމާފައެއް ނުވެ އެވެ.

17 މެއި 2022، އަލްހާން ފަހުމީ ޕޮލިހަށް ހާޒިރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މައްސަލަ ކޯޓަށް ވެއްދުން - ބީއެމްއެލް އިން ކިންގްސްގެ އެކައުންޓު ޑީއެކްޓިވޭޓު ކުރީ، އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ލައިސަންސް ނުނަގާ އެ ކުންފުނިން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ އެވެ. އެހެންވެ އަލްހާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ އެކައުންޓް ޑިއެކްޓިވޭޓްކޮށް ފައިސާ ހިފެހެއްޓި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އަލްހާން ކޯޓުގައި އެދުނީ:

  • މަގުބޫލު ގާނޫނީ ސަބަބެއް ނުވަތަ ކޯޓު އަމުރެއް ނެތި އެކައުންޓު ޑީއެކްޓިވޭޓު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން

  • އޮންލައިން ޓްރޭޑިންއަކީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ކަނޑައަޅައިދޭން

  • މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ކުންފުނި ރިޕޯޓު ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދޭން

  • އެކައުންޓު ޑީއެކްޓިވޭޓު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިދޭން

އޭގެ ތެރެއިން އަލްހާނާ އެއްކޮޅަށް ހުކުމް ނެރުނީ، ކިންގް ޓްރޭޑިންގެ އެކައުންޓް ހިފެހެއްޓީ ގޯސްކޮށް ކަމާއި އޭގެ ބަދަލު ހޯދަން އެދެވިދާނެ ކަމުގެ މައްޗަށެވެ.

ދައުވާގައި ހިމެނޭ އޮންލައިން ޓްރޭޑިންއަކީ މާލީ ސެކިއުރިޓީޒްގެ ގާނޫނުގެ ދަށުން ހުއްދަ ހޯދަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ކޯޓުން އެއްބަހެއް ނުވެ އެވެ. އަދި މަނީ ލޯންޑަރިން އާއި ޓެރަރިޒް ފައިނޭންސިން ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން ކިންގް ޓްރޭޑިން ރިޕޯޓްކުރީ ގޯސްކޮށް ކަމަށް ވެސް ކޯޓުން ނިންމާފައެއް ނުވެ އެވެ.

އަލްހާންގެ ސްކީމްގެ ޓައިމްލައިން

މާޗު 2022

  • ރާއްޖޭގައި ހިންގާ ޕޮންޒީ ސްކީމެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެފަދަ ސްކީމްތަކަށް ސަމާލުވާން އެމްއެމްއޭއިން އެންގި

  • އޭރު ވެސް އަލްހާންގެ ސްކީމްގެ އަޑުތައް ސޯޝަލް މީޑިއާގައި އޮތީ ގަދަވެފައި؛ އެ ސްކީމް ހިންގި މީހުން ސޯޝަލް މީޑިއާގައި އޭރު ބުނީ އެއީ އިންވެސްޓްމެންޓެއް ކަމަށް

  • ހަމަ އެ ދުވަހު ބީއެމްއެލްއިން ކިންގްސްގެ އެކައުންޓް ފްރީޒްކުރި

  • އެމްއެމްއޭއިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ޖިނާއީ ތަހުގީގެއް ފެށި

  • މާޗް ފަހުކޮޅު، އަލްހާންގެ އެދުމަށް އެކައުންޓު ބަންދުކޮށް އޭގައި ހުރި 3 މިލިއަނެއްހާ ރުފިޔާ އޭނާއާ ހަވާލުކުރި

  • އޭރު އަލްހާން ބުނީ އިންވެސްޓްކުރި މީހުންގެ ފައިސާ 20 ދުވަހުގެ ތެރޭގައި ދޭނެ ކަމަށް

  • އެކަމަކު އެ ފައިސާއެއް ނުދޭ

އޭޕްރިލް 2022

  • އެ ސްކީމް ހުއްޓާލިކަން އަލްހާން އިއުލާންކުރި؛ އެއާ އެކު، އެ ސްކީމުގައި ބައިވެރިވި އެތައް ބަޔަކު އެ ފައިސާ އަނބުރާ ނުލިބިގެން ފުލުހުންނާއި ސީއެމްޑީއޭއަށް މައްސަލަ ހުށަހެޅި

  • ފައިސާ ނުލިބިގެން ގިނަ ބަޔަކު ފުލުހަށް މައްސަލަ ހުށަހެޅުމުން ފުލުހުން އެ މައްސަލަ ބަލަން ފެށީ މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް

ކޮމެންޓް (1)

ޓަކި މޫނާ

1 މާރިޗު 2023
ލާރިޔާ ހެދި މީހަކު އެބަ ހޭކެނޑޭ. ޖާބިރު ކާރިޔަށް މީނަ ފޮނުވަބަލަ ލޯނެއް ނަގުވަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް