އަލްހާން ފަހުމީ މިދިޔަ މޭ މަހު ޕޮލިހަށް ހާޒިރުވުމަށް ފަހު ނުކުމެގެން ދަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

އަލްހާންގެ 'ޕޮންޒީ' ސްކީމް ރަނގަޅު ކަމަކަށް ކޯޓަކުން ނުނިންމާ؛ ގޯސްވީ އެކައުންޓު ބަންދުކުރި ގޮތް

އަލްހާންގެ ކުންފުނިން ސިވިލް ކޯޓުގައި އެދުނު ދެ ޕޮއިންޓްގައި އޭނާއާ އެއްކޮޅަށް ހުކުމްކޮށްފައެއް ނުވޭ

މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާގެ އެހެން ބައެއް ބޭފުޅުން ހިމެނިގެން ހިންގި 'ޕޮންޒީ' ސްކީމްއާ ގުޅިގެން ކިންގް ޓްރޭޑިންގެ އެކައުންޓް، ބީއެމްއެލް އިން ހިފެހެއްޓީ ގޯސްކޮށްކަން، ސިވިލް ކޯޓުން ހުކުމްކުރުމުން، އާންމު ބައެއް މީހުންނަށް ވަނީ އޮޅުމެއް އަރައިފަ އެވެ. އެ ހުކުމާ އެކު ބައެއް މީހުންނަށް ހީވީ އެ ސްކީމްގައި ވެސް މައްސަލައެއް ނެތް ކަމަށެވެ.

އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ ހޯދަން، ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ކިންގް ޓްރޭޑިންއިން ހިންގި ސްކީމްގެ ސަބަބުން އެތައް ބަޔަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެ މީހުންނަށް އެ ފައިސާ އަނބުރާ ދީފައެއް ނުވެ އެވެ. އެހެންކަމުން އަލްހާން އާއި އޭނާގެ ކޮއްކޮ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ ހިމެނޭ ކުންފުނިން ހިންގީ މަކަރާއި އޮޅުވާލުމުގެ ސްކީމެއްކަމަށް، ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާއި ގާނޫނީ ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

މައްސަލަ ކޯޓަށް ވެއްދުން - ބީއެމްއެލް އިން ކިންގްސްގެ އެކައުންޓު ޑީއެކްޓިވޭޓު ކުރީ، އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ލައިސަންސް ނުނަގާ އެ ކުންފުނިން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ އެވެ. އެހެންވެ އަލްހާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ އެކައުންޓް ޑިއެކްޓިވޭޓްކޮށް ފައިސާ ހިފެހެއްޓި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އަލްހާން ކޯޓުގައި އެދުނީ:

  • މަގުބޫލު ގާނޫނީ ސަބަބެއް ނުވަތަ ކޯޓު އަމުރެއް ނެތި އެކައުންޓު ޑީއެކްޓިވޭޓު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން

  • އޮންލައިން ޓްރޭޑިންއަކީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ކަނޑައަޅައިދޭން

  • މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ކުންފުނި ރިޕޯޓު ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދޭން

  • އެކައުންޓު ޑީއެކްޓިވޭޓު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިދޭން

ވީ ކިހިނެއް؟- ބީއެމްއެލް އިން ކިންގްސްގެ މުޅި ދައުވާއަށް އިންކާރު ކުރި ނަމަވެސް، ސިވިލް ކޯޓުން ބުރަވީ ކިންގްސްގެ ކޮޅަށެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކުރި ގޮތުގައި އެކައުންޓް ޑީއެކްޓިވޭޓްކުރަން ބޭންކުން ބޭނުންކުރީ ގާނޫނީ ގޮތުން ލިބިފައި ނުވާ ބާރެކެވެ.

އަލްހާންގެ ސްކީމް ރަނގަޅު ކަމަކަށް ނުނިންމާ

ސްކީމަށް އިންވެސްޓު ކުރި އެތައް ބައެއްގެ ނުރުހުން، އެ ހުކުމާ އެކު، ސޯޝަލް މީޑިއާގައި ބަންޑުންކޮށްލި އެވެ. ބައެއް މީހުންނަށް ހީވީ އެއީ ގާނޫނާ އެއްގޮތަށް ހިންގާ ސްކީމެއް ކަމަށް ކޯޓުން ކަނޑައެޅި ކަމަށެވެ.

"ކިންގްސް އިން މީހުން މޮޔަ ހައްދާފައި ލާރިގަނޑު ދަވާލީ ގާނޫނާ އެއްގޮތަށް ދޯ،" ހުކުމާ ގުޅޭ ހަބަރަކަށް މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.

އަލްހާން ފަހުމީ މިދިޔަ މޭ މަހު ޕޮލިހަށް ހާޒިރުވުމަށް ފަހު ނުކުމެގެން ދަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

އެކަމަކު ސިވިލް ކޯޓުގެ ހުކުމުގައި، އަލްހާންގެ ސްކީމަކީ ގާނޫނާ އެއްގޮތް މުއާމަލާތެއްކަން ނިންމާފައެއް ނުވެ އެވެ. އޭނާގެ ފަރާތުން ހުށައެޅުއްވި މައްސަލަތަކުގެ ތެރެއިން ކޯޓުން އޭނާއާ އެއްކޮޅަށް ހުކުމް ނެރުނީ، ކިންގް ޓްރޭޑިންގެ އެކައުންޓް ހިފެހެއްޓީ ގޯސްކޮށް ކަމާއި އޭގެ ބަދަލު ހޯދަން އެދެވިދާނެ ކަމުގެ މައްޗަށެވެ.

ދައުވާގައި ހިމެނޭ އޮންލައިން ޓްރޭޑިންއަކީ މާލީ ސެކިއުރިޓީޒްގެ ގާނޫނުގެ ދަށުން ހުއްދަ ހޯދަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ބަޔަށް ކޯޓުން އެއްބަހެއް ނުވެ އެވެ. އަދި މަނީ ލޯންޑަރިން އާއި ޓެރަރިޒް ފައިނޭންސިން ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން ކިންގް ޓްރޭޑިން ރިޕޯޓްކުރީ ގޯސްކޮށް ކަމަށް ނިންމަން ވެސް އެދުނެވެ. ނަމަވެސް އެއަށް ވެސް އެ ހުކުމުގައި ކާމިޔާބު ލިބިފައެއް ނުވެ އެވެ.

އެ ހުކުމުގައި ބުނެފައިވަނީ:

  • އެކައުންޓެއް ބަންދުކުރަން އޮންނަ އިޖުރާއަތަކީ ކަމާ ބޭހޭ އިދާރާއަށް (އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އަށް) ހުށަހެޅުމަށް ފަހު އެ އިދާރާއިން ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން ކޯޓު އަމުރެއް ހޯދުން

  • އެ ނޫން ހާލަތެއްގައި އެކައުންޓު ބަންދުކުރުމުގެ އެއްވެސް ބާރެއް ނޯންނާނެ

  • އެކައުންޓް ބަންދުކުރުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅުމުގެ އިތުރަށް، ބީއެމްއެލް އިން ކޮންޓްރެކްޓާ ހިލާފުވެފައިވާތީ ކިންގްސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން ހުށަހެޅޭނެ

އެނގުން މުހިއްމު - އަލްހާން ހިންގެވި ސްކީމުން ލަނޑު ލިބުނު ފަރާތްތަކުން 'ދައުރު'އާ މީގެ ކުރިން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި:

  • އެ ސްކީމް ހުއްޓާލިއިރު 44 ފަރާތަކަށް އެ މީހުންގެ ފައިސާ އަނބުރާ ދޭން ޖެހޭ

  • އެ މީހުންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 4.5 މިލިއަން ރުފިޔާއަށް ވުރެ ގިނަ

  • އެއީ ގާތްގަނޑަކަށް އެއިން މީހަކަށް 200،000ރ. ޖެހޭ ވަރުގެ އަދަދެއް

  • އެ ސްކީމަށް އިންވެސްޓްކުރި މީހުންގެ ތެރޭގައި ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި ކުދިކުދި ވިޔަފާރިވެރިން ހިމެނޭ

ރާއްޖޭގައި ފޮރެކްސް ޓްރޭޑިން ހިންގުމަކީ މަނާ ކަމެއް ނޫނަސް، ކިންގްސް އިން އެކަން ކުރީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން ތަންދޭ ގޮތަކަށް ނޫނެވެ. އެތައް ބައެއްގެ އަތުން ފައިސާ ހޯދާ އިންވެސްޓްމަންޓް ފަންޑެއްގެ ސިފަ ޖެއްސިއިރު މާލީ އެއްވެސް އިދާރާއެއްގެ ހުއްދައެއް ނުހޯދަ އެވެ.

އަލްހާން މިދިޔަ މާޗު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ސީއެމްޑީއޭއިން ގަބޫލުކުރާ ގޮތުގައި އެ ފަރާތުގެ ހުއްދަ ނެތި އެފަދަ ފަންޑުތަކެއް ނުހިންގޭނެ އެވެ. އެފަދަ ސްކީމަކަށް މާލީ އިދާރާތަކުގެ ހުއްދަ ހޯދަން ޖެހެނީ އެއަށް ފައިސާ ލާ މީހުންގެ ހައްގު ހިމާޔަތްކުރުމަށެވެ.

ގުޅުން ހުރި ކަމެއް - މިދިޔަ އަންގާރަދުވަހު ސިވިލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފްކުރަން ބީއެމްއެލްއިން ވަނީ ނިންމައިފަ އެވެ. ބީއެމްއެލް އިން ގަބޫލުކުރާ ގޮތުގައި ދަށު ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަންކަމަށް ހައި ކޯޓުން ރިއާޔަތްކޮށް އިންސާފުވެރި ނިންމުމަކަށް އާދެވޭނެ އެވެ.

އަލްހާންގެ ސްކީމްގެ ޓައިމްލައިން

 މާޗު 2022

  • ރާއްޖޭގައި ހިންގާ ޕޮންޒީ ސްކީމެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެފަދަ ސްކީމްތަކަށް ސަމާލުވާން އެމްއެމްއޭއިން އެންގި

  • އޭރު ވެސް އަލްހާންގެ އެ ސްކީމްގެ އަޑުތައް ސޯޝަލް މީޑިއާގައި އޮތީ ގަދަވެފައި؛ އެ ސްކީމް ހިންގި މީހުން ސޯޝަލް މީޑިއާގައި އޭރު ބުނީ އެއީ އިންވެސްޓްމެންޓެއް ކަމަށް

  • ހަމަ އެ ދުވަހު ބީއެމްއެލްއިން ކިންގްސްގެ އެކައުންޓް ފްރީޒްކުރި

  • އެމްއެމްއޭއިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ޖިނާއީ ތަހުގީގެއް ފެށި

  • މާޗް ފަހުކޮޅު، އަލްހާންގެ އެދުމަށް އެކައުންޓު ބަންދުކޮށް އޭގައި ހުރި 3 މިލިއަނެއްހާ ރުފިޔާ އޭނާއާ ހަވާލުކުރި

  • އޭރު އަލްހާން ބުނީ އިންވެސްޓްކުރި މީހުންގެ ފައިސާ 20 ދުވަހުގެ ތެރޭގައި ދޭނެ ކަމަށް

  • އެކަމަކު އެ ފައިސާއެއް ނުދޭ

އޭޕްރިލް 2022

  • އެ ސްކީމް ހުއްޓާލިކަން އަލްހާން އިއުލާންކުރި؛ އެއާ އެކު، އެ ސްކީމުގައި ބައިވެރިވި އެތައް ބަޔަކު އެ ފައިސާ އަނބުރާ ނުލިބިގެން ފުލުހުންނާއި ސީއެމްޑީއޭއަށް މައްސަލަ ހުށަހެޅި

  • ފައިސާ ނުލިބިގެން ގިނަ ބަޔަކު ފުލުހަށް މައްސަލަ ހުށަހެޅުމުން ފުލުހުން އެ މައްސަލަ ބަލަން ފެށީ މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް

ކޮމެންޓް (3)

ކަރޯ1

26 ޖެނުއަރީ 2023
މުނީރު އެފް އެކްސް ކިޔާ ޕޮންޒީ ސްކީމެއް އެބައުޅޭ. ޢިންވެސްޓަރުންނަށް އެއްވެސް ލާރިއެއް ނުދީ ހަމަސްވެއްޖެ ކަމަށް ރަށުތެރޭ އެބަ ކިޔާ. ދޭނަމޭ ދޭނަމޭ ކިޔާ ސްކީމެއް
0 0

ޭއަލީބެ

26 ޖެނުއަރީ 2023
ސީއެމްޑީއޭ އިން ވެސް އެއްވެސްތާކުން ނިކަމެއްޗެއްގެ ހައްގު ހޯދާ ނުދެވޭ. މިހާރުވެސް ތިކުރާކަމަކީ އެތައްބައެއްގެ ހައްގު ހިފެހެއްޓުން.
0 0

ތަރުތީބު

26 ޖެނުއަރީ 2023
އެކައުންޓު ހުޅުވާއިރު ޓާމްސް އެންޑް ކޮންޑިޝަން ކިޔާ ލިޔުމެއްގަ އޮންނާނެ، ކޮންމެ ވަގުތަކު ވެސް، އެއްވެސް ސަބަބަކާ ނުލައި ވެސް އެކައުންޓް ބަންދު ކުރުމުގެ އިހުތިޔާރު ބޭންކަށް އޮންނާނެ ކަމަށް. އެކަމަށް ލޮލުން ބޮލުން ރުހި ގަބޫލު ވެގެން އެކައުންޓު ހުޅުވަނީ. ދެން މީ ކޯޓުން ކީއް މި ކުރަނީ؟
0 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް