އަލްހާން ކުރިން ޕޮލިސް އޮފީހަށް ހާޒިރުވުމަށް ފަހު ވަޑައިގަންނަވަނީ

ޕޮންޒީ ސްކީމް މައްސަލަ: އަލްހާނުގެ އޮފީހާއި ގެ ބަލައިފާސްކޮށްފި

މި މައްސަލައިގައި އަލްހާނު ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު ވެސް ކޮށްފައިވޭ. ނަމަވެސް އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައި
20 ޖެނުއަރީ 2023

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ އިސްވެ ހުންނަވައި، އޭނާގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އޮއްވައި، ފުލުހުން އަލްހާނުގެ އޮފީހާއި ދިރިއުޅޭ ގެ ބަލައިފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކޯޓު އަމުރަކާ އެކު ފުލުހުން އަލްހާންގެ ގެ އާއި އޮފީސް ބަލައިފާސްކުރީ އިއްޔެ އެވެ.

"ފުލުހުން ހިންގަމުންދާ ތަހުގީގަކާ ގުޅިގެން އަލްހާން ފަހުމީގެ އޮފީސް އަދި ދިރިއުޅޭ ތަން ވަނީ ބަލައިފާސްކޮށްފައި،" އިތުރު ތަފްސީލެއް ނެތި، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ތަފްސީލު - އިއްޔެ ބަލައިފާސްކުރި ސަބަބު ނުބުނި ނަމަވެސް، އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް އަލްހާނާއި ކިންގްސް ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ 15 މާޗު 2022 ގައި ފަށާފަ އެވެ.

ހަމަ އެ މައްސަލައިގައި 'ކިންގްސް ޓްރޭޑިން އެންޑް ސަޕްލައިސް'ގެ ނަމުގައި ހިންގާ ކުންފުނި ވެސް އިއްޔެ ފުލުސް އޮފީހަށް ހާޒިރުވާން އެންގި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަލްހާން ފަހުމީގެ ކޮއްކޮ، ޝަޒުބާން ފަހުމީ އެވެ. ކުންފުނީގެ ޑިރެކްޓަރުންނަކީ އަލްހާން، ޝަޒުބާން އަދި ހަސަން މުނައްޖީ އަހްމަދު އެވެ.

އިއްޔެ 2:30 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވާން އަންގާފައި އޮތް އެ ޗިޓުގައި އެ ކުންފުންޏަށް ކޮށްފައިވަނީ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތެވެ.

"އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައި، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް،" އެ ޗިޓުގައި ބުނެފައިވެ އެވެ.

ޓުވިޓާގައި އެ ތުހުމަތުތަކަށް އިންކާރުކުރައްވައި އަލްހާން ވިދާޅުވީ އެއީ ގާނޫނީ ހަމަތަކާ ހިލާފަށް ކުރާ، ދޮގު ތުހުމަތުތަކެއް ކަމަށެވެ.

"ކިންގްސް ކުންފުނިން އިންވެސްޓަރުންނާ އެކު ކުރީ، ލިޔެގެން އެއްބަސްވެގެން ކުރެވުނު މަދަނީ މުއާމަލާތެއް. ޖިނާއީ އެއްވެސް އަމަލެއް އެ ކުންފުނިން ހިންގާފައި ނުވާނެ،" އެ ޓުވީޓުގައި އަލްހާން ވިދާޅުވި އެވެ.

އެނގުން މުހިންމު - މި މައްސަލައިގައި އަލްހާން މީގެ ކުރިން، 17 މެއި 2022 ގައި، ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

17 މެއި 2022، އަލްހާން ފަހުމީ ފުލުސް އޮފީހުގައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
17 މެއި 2022، އަލްހާން ފަހުމީ ފުލުސް އޮފީހުގައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ފުލުހުންގެ ފަރާތުން މާ ބޮޑު ތަފްސީލެއް ނުލިބި، މައްސަލަ ދިގުލައިގެން ގޮސްފައިވާއިރު،  އޮކްޓޫބަރު 2022 ގައި ފުލުހުންގެ ތަރުޖަމާނަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، މައްސަލައާ ގުޅިގެން ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަޔާން ނެގުމުގެ މަސައްކަތް އޭރުވެސް ދިޔައީ ކުރަމުންނެވެ.

"އަަދި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ،" އިތުރު ތަފްސީލެއް ހާމަނުކޮށް ތަރުޖަމާނު ވިދާޅުވި އެވެ.

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ލިބި، އެ ސްކީމާ މެދު ސަމާލުވާން 10 މާޗު 2022 ގައި ބަޔާނެއް ނެރެ އާންމުންގެ ކިބައިން އެމްއެމްއޭއިން އެދުނެވެ.

  • އެ ބަޔާނާ އެކު އަލްހާނާއި އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ އޭރުގެ ރައީސް ސަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކުރި

  •  އެ ސްކީމާ ގުޅޭ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ 15 މާޗު 2022ގައި

  • މައްސަލައިގެ ތަހުގީގު ނުނިމެނީސް ކިންގްސް ކުންފުނީގެ އެކައުންޓް އަންފްރީޒް ކުރުމާ އެކު، އަލުން އެ ސްކީމް ކުރިއަށްގެންދިޔަ. ނަމަވެސް ކުރިން އިންވެސްޓު ކުރި ގިނަ އިންވެސްޓަރުންނަށް ފައިސާ ރައްދުކޮށްފައެއް ނުވޭ

  • ރާއްޖޭގެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް އަލްހާން ވިދާޅުވޭ

ފަސްމަންޒަރު - އަލްހާންގެ ސްކީމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 4.5 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެ އެވެ. ސްކީމް ހުއްޓާލުމުން ފައިސާ ނުލިބި 44 މީހަކު ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ފުލުހަށް މައްސަލަ ރިޕޯޓް ކުރީ އޭގެ ތެރެއިން 30އަށް ވުރެ ގިނަ މީހުންކަން އެނގިފައިވެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް